ޚަބަރު
ސައުދީއިން ކުރިން ދިވެހިންނަށް ދިން ދަށް ކެޓަގަރީގެ ޚިދުމަތް މިހާރު ރަނގަޅުކޮށްފިން: ޙައްޖު ކޯޕަރޭޝަން
ޙައްޖަށް ގޮސް އުޅުނު ދިވެހީންތަކެއް / ފޮޓޯ: ޙައްޖު ކޯޕަރޭޝަން
ފަރުދުން
02 ފެބްރުއަރީ 2026، 02:13
02 ފެބްރުއަރީ 2026، 02:13
ސައުދީ ޢަރަބިއްޔާއިން ކުރިން ދިވެހިންނަށް ދިނީ ދަށް ކެޓަގަރީގެ ޚިދުމަތެއް ކަމަށާއި، އެކަން ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތް ކާމިޔާބުކޮށް، މިހާރު ސައުދީއިން ދިވެހީންނަށް ދޭނީ މަތީ ކެޓަގަރީގެ ޚިދުމަތެއް ކަމުގައި ޙައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އެ ކޯޕަރެޝަނުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލު ވިދާޅުވީ، ފާއިތުވީ ދެ އަހަރު ޙައްޖު ކޯޕަރޭޝަނަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި، އެގޮތުން ވަކިވަކި ފަރުދުންގެ އިތުރުން ގުރޫޕްތަކުގެ އެހީގައި ދާ ފަރާތްތަކަށްވެސް ސަޢުދީއިން މިހާރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަކަން ފާހަގަކުރެއްވިއެވެ.
ޝަކީލް ވިދާޅުވީ، ކުރިއާ އަޅާބަލާއިރު، މިދިޔަ އަހަރުގެ ޙައްޖުގައި ދިވެހިންނަށް ސައުދީން ލިބުނު ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ދިވެހިންނަށް ޚާއްޞަ ވަކި ސަރަޙައްދެއް މިނާގައި ކަނޑައެޅިފައި އޮތް ކަމަށެވެ. އަދި ކެއުމަށްވެސް ބަދަލު ގެނެސް ބުފޭގެ ޚިދުމަތާއި އެކިގޮތްގޮތުން ހިތްހަމަޖެހިގެން ދިވެހިންނަށް މިދިޔަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރެވުނު ކަމަށެވެ.
މީގެއިތުރުން، ހައްޖު ކޯޕަރޭޝަންގެ ފަރާތުން ޙައްޖަށް އަދި ޢުމްރާއަށް ދާ ފަރާތްތަކަށް ހެޔޮ އަގުގައި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދިނުމަށް އެ ކޯޕަރޭޝަނުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށް ޝަކީލް ވިދާޅުވިއެވެ.
އެގޮތުން، މި އަހަރުގެ ޙައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ހޮޓާތަކަށް ފައިސާ ދައްކާ، މީގެ ކުރިން 2 ތަރީގެ ފެންވަރުގެ ހޮޓާތަކުގެ ބަދަލުގައި މިހާރު 4 ތަރީގެ ފެންވަރަށް ހެދުމުގެ މަސައްކަތްވެސް ކޮށް، މައްކާ އާއި މަދީނާގައި ތިބުމުގެ ހުރިހާ ކަމެއް މިހާރު ނިމިފައިކަމަށް ވަނީ ވިދާޅުވެފައެވެ.
ޝަކީލް ވިދާޅުވީ ކުރިން އަހަރެކޭވެސް އެއްގޮތަށް މިއަހަރުވެސް ޙައްޖުވެރިން އަރަފާތުގައި ތިބެން ހަމަޖެހިފައިވަނީ ދިވެހި ރައްޔިތުންނަށް ޚާއްޞަ ސަރަޙައްދެއްގައި ކަމަށާއި، އެ ޓެންޓުތަށް ހަމަޖެއްސުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށެވެ.
މީގެއިތުރުން، މިހާރު ޙައްޖުވެރިންގެ ކަރުގައި އަޅާފައި އޮންނަ ފާހާއި އެކު އިލެކްޓްރޮނިކް ޓްރެކިންގ ޑިވައިސްއެއް އޮންނާނެ ކަމަށާއި، މި އާލާތް މެދުވެރިކޮށް ޙައްޖުވެރިން އަދި އުމްރާވެރިން އުޅުއްވާ ހުރިހާ ހިސާބެއް 24 ގަޑިއިރު ބެލޭނެކަމަށްވެސް މަޢުލޫމާތުދެއްވިއެވެ.
ޝަކީލް ވިދާޅުވިގޮތުގައި، އެ ކޯޕަރޭޝަންއިން މިވަގުތު ކުރަމުންދާ މަސައްކަތަކީ ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކުގެ ވިސާ ދޫކުރުމުގެ މަސައްކަތެވެ. އަދި ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި ހުރިހާ ވިސާއެއް ދޫކުރުމުގެ މަސައްކަތްވެސް ނިމޭނެކަމަށާއި، މިހާރު އިދާރީގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.