ޚަބަރު
ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި އިދިކޮޅުން އުޅެނީ މަޝްރޫޢުތައް ހުއްޓުވަން: ފަލާޙް
ކޮންގްރެސް ޕާޓީގެ މެދުހެންވޭރު ޖަގަހަ ހުޅުވުމަށް އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ފަލާޙް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ޕީއެސްސީ
ފަރުދުން
02 ފެބްރުއަރީ 2026، 08:55
02 ފެބްރުއަރީ 2026، 08:55
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި އިދިކޮޅުގައި އޮތް މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އުޅެނީ ސަރުކާރުން ހިންގާ މަޝްރޫޢުތައް ހުއްޓުވުމަށްކަމަށް ކޮންގްރެސް ޕާޓީގެ ޕާރލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ލޯކަލް ކައުންސިލު އިންތިޚާބުގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އިބްރާޙީމް ފަލާޙު ވިދާޅުވެއްޖެއެވެ.
ފަލާޙް މިހެން ވިދާޅުވީ، ކޮންގްރެސް ޕާޓީގެ މެދުހެންވޭރު ޖަގަހަ ހުޅުވުމަށް އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާޙު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އިންތިޚާބާ ދިމާކޮށް ދައްކަމުން އަންނަ ވާހަކަތައް ރައްޔިތުން ކަނުލާ އަޑުއަހަންޖެހޭނެ ކަމަށާއި، އޭގެ ތެރެއިން ވެސް ކުރިއަށް އޮތް އިންތިޚާބު ކާމިޔާބުކުރަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށޭ ބުނާ ވާހަކަތަކަކީ ބޮޑު އުޅުވާލުމެއް ކަމަށް ވިދާޅުވިއެވެ.
ފަލާޙް ވިދާޅުވީ، ދައުލަތެއް އެކުލެވެނީ މައި ތިން ބާރުގެ މައްޗަށްކަމަށާއި، އެއީ ވެރިކަމުގެ ބާރާއި، ޤާނޫނު ހަދާ ބާރާއި، އަދުލު އިންސާފުގެ ބާރު ކަމަށެވެ. އަދި ދަޢުލަތުގެ ނިޒާމު ބައްޓަންކޮށްފައި އޮންނަނީ، އެއް ބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރިވެވޭނެ ގޮތަށް ކަމަށެވެ. އެހެންކަމުން މިއީ އެމްޑީޕީ ނެތަސް ހިނގާނެކަމެއްކަން ދޭހަވާ ގޮތަށް ފަލާޙް ވާހަކަފުޅު ކުރިޔަށް ގެންދެވިއެވެ.
2008 ވަނަ އަހަރު ފާސް ކުރެވުނު ގާނޫނު އަސާސީގެ ދަށުން ވެރިކަމުގެ ތިން ބާރު ވަކިކުރެވިފައި މިވަނި ވަރަށް ފުރިހަމައަށް. އޭގެ މާނައަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށޭ ބުނެ ހަތަރު ވަނަ ބާރެއް އުފައްދާކަށް ނުޖެހޭނެ.
ކޮންގްރެސް ޕާޓީގެ ޕާރލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ލޯކަލް ކައުންސިލު އިންތިޚާބުގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އިބްރާޙީމް ފަލާޙު
ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރު ތަމްސީލުކުރާ ކެނޑިޓޭޑުން ހޮވުމަށް އެ ޕާޓީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ޕީއެންސީގެ ކެނޑިޑޭޓުންނަށް ވާދަކުރުމަށް ހަމަޖެހިފައިވާއިރު، އެ ޕާޓީން މިހާރު ވަނީ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށްފަހު ކެނޑިޑޭޓުންވެސް ކަނޑައަޅާފައެވެ.