ކުޅިވަރު
ޤައުމީ ޒުވާން ފުޓުބޯޅަ ޓީމު ހޮވުމަށް އާންމުކޮށް ހުޅުވާލައިގެން ބޭއްވި ޓްރަޔަލް ނިންމާލައިފި
ޤައުމީ ޓީމަށް ކުޅުންތެރިން ހޯދުމަށް ބޭއްވި ޓްރަޔަލްގެ ތެރެއިން / ފޮޓޯ: މިހާރު ސްޕޯޓްސް
20 އަހަރުން ދަށުގެ ޤައުމީ ޒުވާން ފުޓުބޯޅަ ޓީމު ހޮވުމަށް އާންމުކޮށް ހުޅުވާލައިގެން މާލޭގައި ބޭއްވި ޓްރަޔަލް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ޓްރަޔަލް ކުރިޔަށްގެންގޮސްފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު 15:30 އިން ފެށިގެން 18:00 އާ ހަމައަށް، ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.
މި ޓްރަޔަލް މޮނީޓަރކުރުމުގައި ސީނިއަރ ޤައުމީ ޓީމުގެ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ އިސްޓަވާން އުރުބާނީ އާއި އެފްއޭއެމްގެ ޓެކްނިކަލް ޓީމުގެ އިސް ބޭފުޅުން އަދި ތަޖުރިބާކާރު ކޯޗިން ޓީމެއް ބައިވެރިވެފައިވެއެވެ.

މީގެއިތުރުން މި ޓްރަޔަލް ކުރިއަށްދިޔަ ގޮތް ބައްލަވާލެއްވުމަށް އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް އާއި ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރު ވަޑައިގެންނެވިއެވެ. ރައީސް ޠާރިޤް ވަނީ ޓްރަޔަލްގައި ބައިވެރިވި ކުޅުންތެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވާފައެވެ.
މި ޓްރަޔަލްގައި ވަނީ 156 ކުޅުންތެރިން ބައިވެރިވެފައިވެއެވެ.
މިއީ ރާއްޖޭގައި ބާއްވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް ބޭއްވި ޓްރަޔަލްއެކެވެ.
ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ހިމެނެނީ ނޭޕާލާއި ބޫޓާނާއި ސްރީލަންކާ އެވެ. ގްރޫޕް ބީގައި ހިމެނެނީ އިންޑިޔާ އާއި ބަނގްލަދޭޝް އާއި ޕާކިސްތާނެވެ.