ކުޅިވަރު
ފަހަތުން އަރާ ނިއުކާސްލް ބަލިކުރުމަށްފަހު ލީގުގައި މި އަހަރު ފުރަތަމަ ފަހަރަށް ލިވަޕޫލް މޮޅުވެއްޖެ
ހޫގޯ އެކިޓިކޭ ވަނީ ނިއުކާސްލް ކޮޅަށް ދެ ގޯލު ކާމިޔާބުކޮށްފައި---
އިންގްލިޝް ޕްރިމިއަރ ލީގުގައި ފަހަތުން އަރާ ނިއުކާސްލް ޔުނައިޓެޑު ބަލިކުރުމަށްފަހު ލީގުގައި މި އަހަރު ފުރަތަމަ ފަހަރަށް ލިވަޕޫލް މޮޅުވެއްޖެއެވެ. ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-1އިންނެވެ.
ފަހު ވަގުތު ޖެހި ގޯލަކާއެކު މިދިޔަ ހަފްތާގައި އޭއެފްސީ ބޯނެމައުތުއުން ލިވަޕޫލް ބަލިކޮށްފައިވީނަމަވެސް، މުޅި މެޗަށް ބަލާއިރު އެ ޓީމު ނިއުކާސްލްއާ ދެކޮޅަށް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ނިއުކާސްލްއިން ލީޑު ނެގީ މެޗުގެ ފުރަތަމަ ހާފުގެ 36ވަނަ މިނެޓުގައި، އެންތޮނީ ގޯޑަން ކާމިޔާބުކުރި ގޯލަކުންނެވެ.
ނަމަވެސް އޭގެ ފަސް މިނެޓު ފަހުން މެޗުގެ ނަތީޖާ ހަމަހަމަކުރުމަށްފަހު، ހާފު ނިމުމުގެކުރިން ލިވަޕޫލުން ލީޑު ނެގިއެވެ. މި ދެ ގޯލުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ހޫގޯ އެކިޓިކޭއެވެ.
މި މެޗުގައި ލިވަޕޫލުގެ ތިންވަނަ ގޯލު ކާމިޔާބުކުރީ މެޗުގައި މޮޅު ކުޅުމެއް ދެއްކި، ޖަރުމަނުގެ ފްލޯރިއަން ވީޓްޒްއެވެ. އަދި އެންމެ ފަހުން ކުޅުނު 5 މެޗުން މޮޅުވެފައިނުވާ ލިވަޕޫލުން މެޗު ނިންމާލީ އިތުރު ވަގުތު އިބްރާހިމާ ކޮނާޓޭ ކާމިޔާބުކުރި ގޯލަކާއެކު، ފުރިހަމަ މޮޅެއް މި މެޗުން ހޯދައިގެންނެވެ.
މި ނަތީޖާއާއެކު ލިވަޕޫލުން މެޗު ނިންމާލިއިރު، އެ ޓީމަށް ވަނީ 24 މެޗުން 39 ޕޮއިންޓު ލިބި، ލީގުގެ 5ވަނައަށް ކުރިޔަށް ޖެހިލާފައެވެ. ނަމަވެސް މިރޭ ފުލަމްއާ ދެކޮޅަށް ކުޅޭ މެޗުން މެންޗެސްޓަރ ޔުނައިޓެޑު މޮޅުވެއްޖެނަމަ، ޔުނައިޓެޑު އަނެއްކާ ވެސް ފަސްވަނަ އަށް މައްޗަށް ޖެހިލާނެއެވެ.
މި މެޗުގައި ލިވަޕޫލްގެ ސަލާޙް ވަނީ ޕްރިމިއަރ ލީގުގެ އިތުރު ރެކޯޑެއް ވެސް މުގުރާލާފައެވެ. އެއީ އެއް ދަނޑެއްގައި އެންމެ ގިނަ ގޯލު ޖެހުމުގައި ޝާމިލުވެގެން ހެދުނު ރެކޯޑެވެ. އެގޮތުން އެންފީލްޑްގައި ސަލާޙް ވަނީ މިހާތަނަށް 107 ގޯލު ޖަހައި، 45 އެސިސްޓުކޮށްދީފައެވެ.
މި ރެކޯޑު ކުރިން އޮތީ މެންޗެސްޓަރ ޔުނައިޓެޑުގެ ލެޖެންޑު، ވޭން ރޫނީގެ އަތުގައެވެ. އޭނާ ވަނީ އޯލްޑް ޓްރެފޯޑްގައި 101 ގޯލު ކާމިޔާބުކޮށް 50 އެސިސްޓުކޮށްފައެވެ.