ކުޅިވަރު
ތިން މެޗަށް ފަހުން މޮޅެއް ހޯދައި، އާސެނަލް ލީޑު ފުޅާކޮށްފި
އާސެނަލްއަށް ލީޑު ނަގައިދިނުމަށްފަހު ޔޮކެރޭޒް އުފާފާޅުކުރަނީ / ފޮޓޯ: ޕްރިމިއަރ ލީގު
އިންގްލިޝް ޕަރިމިއަރ ލީގުގައި ޖެހިޖެހިގެން ތިން މެޗަށްފަހު އާސެނަލްއިން މޮޅެއް ހޯދައި، ލީގުގެ އެއްވަނައިގައި އޮތް ލީޑު 7 ޕޮއިންޓަށް ފުޅާކޮށްފިއެވެ.
އާސެނަލް އެންމެ ފަހުން ކުޅުނު ތިން މެޗުން މޮޅުނުވެވުމުގެ ފައިދާ ނަގައި އެސްޓަން ވިލާ އާއި މެންޗެސްޓަރ ސިޓީއިން ވަނީ އެ ޓީމާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް ހޮނިހިރުދުވަހުގެރޭ ލީޑްސް ޔުނައިޓެޑާއި ބައްދަލުކުރި މެޗު 4-0އިން ކާމިޔާބުކޮށް އާސެނަލް މިވަނީ ހާލަތު ބަދަލުކޮށްފައެވެ.
ފުރަތަމަ ހާފުގައި އާސެނަލްގެ ތަރިއަކީ ނޮނީ މަޑުއެކޭއެވެ. އޭނާ ފުރަތަމަ އެގާރައިގައި ކުޅެން ނެރުނީ، ލީޑްސް މެޗަށް ތައްޔާރުވުމަށް ވާރމްއަޕް ކުރަމުން ދަނިކޮށް ބުކާޔޯ ސާކާއަށް ލިބުނު އަނިޔާއަކާ ގުޅިގެން، އޭނާގެ ބަދަލުގައެވެ.
އެގޮތުން މަޑުއެކޭ ވަނީ މާރޓިން ޒުބަމެންޑީ އާސެނަލްއަށް ލީޑު ނަގައިދިން ގޯލު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީ، އެ ޓީމުގެ ދެވަނަ ގޯލުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.
އާސެނަލްއަށް ދެވަނަ ހާފުގައި ގޯލުތައް ކާމިޔާބުކޮށްދިނީ، ލީގުގައި ގޯލެއް ނުޖެހި 6 މެޗު ހަމަވެފައި ވަނިކޮށް އެކަމަށް ނިމުމެއް ގެނައި ފޯވާޑް، ވިކްޓަރ ޔޮކެރޭޒްގެ އިތުރުން ގެބްރިއަލް ޖީސުސްއެވެ.
މި ނަތީޖާއާއެކު އާސެނަލް މިވަނީ މިހާރު 24 މެޗުން 53 ޕޮއިންޓު ހޯދާފައެވެ. އަދި ދެވަނައިގައި އޮތް ސިޓީއަށް 23 މެޗުން 46 ޕޮއިންޓު ހޯދިފައިވާއިރު، ވިލާއަށް ވެސް ލިބިފައި ވަނީ 23 މެޗުން 46 ޕޮއިންޓެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ ބުނީ، 4-0 އިން މޮޅުވުމަކީ ފަސޭހަ ކަމެއް ނޫންކަމަށެވެ. އެހެންކަމުން އޭނާގެ ކުޅުންތެރިން ދެއްކި މޮޅު ކުޅުމަށް ތަޢުރީފުކުރިއެވެ. އަދި އެ މެޗުން ކުޅުންތެރިންގެ މޮޅު ހުނަރާއި ޤާބިލްކަން ފެނިފައިވާކަމަށް އާޓޭޓާ ފާހަގަކުރިއެވެ.