ކުޅިވަރު

ޔޫވީ ރެލިގޭޓުވިއިރު ވެލެންސިއާއަށް ވެސް އަމިއްލަ ބާރެއް ނެތް

ޔޫވީ ރެލިގޭޓުވިއިރު ވެލެންސިއާއަށް ވެސް އަމިއްލަ ބާރެއް ނެތް

ޔޫވީ އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ: މިހާރު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

31 ޖެނުއަރީ 2026، 04:49

31 ޖެނުއަރީ 2026، 04:49

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ އެންމެ ފުލުގައި އޮތް ކްލަބް ވެލެންސިއާ އާއި ޔުނައިޓެޑު ވިކްޓަރީ (ޔޫވީ) ހުކުރު ދުވަހުގެރޭ ކުޅުނު މެޗު 0-0އިން އެއްވަރުވުމުން ޔޫވީ ރެލިގޭޓުވެއްޖެއެވެ. ޔޫވީ ރެލިގޭޓުވިއިރު ރެލިގޭޝަނުން ސަލާމަތްވުމަށް ވެލެންސިއާއަށް ވެސް އަމިއްލަ ބާރެއް ނެތެވެ.

ރަސްމީ ފުޓުބޯޅަ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުމާ ގުޅިގެން، ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އެއް މެޗު އޮތްއިރު، ވެލެންސިއާއަށް ލިބިފައިވަނީ 9 ޕޮއިންޓެވެ. އަދި ޔޫވީއަށް 9 ޕޮއިންޓެވެ. 

އެހެންކަމުން ވެލެންސިއާ ރެލިގޭޝަނުން ސަލާމަތްވާން އޮތީ 8ވަނައިގައި 12 ޕޮއިންޓާއެކު އޮތް ކްލަބް ގްރީން ސްޓްރީޓްސް ފަހަތަށް ޖައްސާލެވިއްޖެނަމައެވެ. ނަމަވެސް ގޯލުގެ ފަރަގަށް ބަލާއިރު، ގްރީން ސްޓްރީޓްސް 6 ގޯލު ކުރީގައި އޮތުމުން، ބެލެވޭ ގޮތުގައި މިއީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. 

ފަހު މެޗުގައި ވެލެންސިއާއިން އީގަލްސާ ދެކޮޅަށް ނިކުންނައިރު، އެ މެޗު ގެއްލިއްޖެނަމަ ވެލެންސިއާ ރެލިގޭޓުވާނެއެވެ. އަދި އެ މެޗުން ވެލެންސިއާ މޮޅުވި ނަމަވެސް، ތަފާތު ބޮޑު ނަތީޖާއެއް ނެރެންޖެހޭނެއެވެ.

އަނެއްކޮޅުން ގްރީން ސްޓްރީޓްސްއިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ނިކުންނައިރު އެ ޓީމަށް އެ މެޗުން 1 ޕޮއިންޓު ހޯދުނަސް ވެލެންސިއާ ރެލިގޭޝަނުން ސަލާމަތްވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ފުރުތަމަ ބުރުގައި އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗު 3-2އިން ކާމިޔާބުކުރީ ގްރީން ސްޓްރީޓްސްއެވެ. 

މިހާރު 10 ޓީމު ވާދަކުރާ ލީގުގެ ފުލަށް ދާ ދެ ޓީމު ސީދާ ރެލިގޭޓް ވާނީ ދެވަނަ ޑިވިޝަނަށެވެ. ހަތްވަނަ ޓީމާއި އަށްވަނަ ޓީމަށް ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450