ދުނިޔެ
ސޫދާންގެ ސައުތު ކުރުދުފާންގައި އާރްއެސްއެފް އިން ދިން ޑްރޯން ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ހާލުގައި ޖެހިފައިވާ ސޫދާނުގެ ރައްޔިތުން ތަކެއް
ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސޫދާންގެ ސައުތު ކުރުދުފާން ސްޓޭޓްގެ މުހިންމު ރަށަކަށް، އެގައުމުގެ ޕެރަމިލިޓަރީ ގްރޫޕެއް ކަމަށްވާ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އިން ދިން ޑްރޯން ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ ކަމަށް އެ ސަރަހައްދުގެ މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.
ސޫދާން ޓްރިބިއުންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބުދަ ދުވަހު ދިން މި ހަމަލާތަކުގައި ޑިލިންގްގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްފައިވެއެވެ. އޭގެ ތެރޭގައި ސޫދާން އަސްކަރިއްޔާގެ 54 ވަނަ ބްރިގޭޑްގެ މައި މަރުކަޒާއި އެ ރަށުގެ މަރުކަޒީ ބާޒާރު ހިމެނެއެވެ. މި ހަމަލާތައް ދީފައިވަނީ އަމިއްލައަށް ގޮވައިގަންނަ 'ސުއިސައިޑް ޑްރޯން' ބޭނުންކޮށްގެންނެވެ.
މި ހަމަލާތައް ދީފައި މިވަނީ، ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހަށްފަހު އާރްއެސްއެފްއިން ޑިލިންގް ވަށާލައިގެން ތިބި ތިބުން ނިމުމަކަށް ގެނެސް، އެ ރަށުގެ މުހިންމު ސަޕްލައި މަގުތަކުގެ ކޮންޓްރޯލް ސަރުކާރު ސިފައިން (އެސްއޭއެފް) އިން ހޯދިތާ އެއްދުވަސް ފަހުންނެވެ.
އާރްއެސްއެފް އާއި ސޫދާންގެ އަސްކަރިއްޔާއާ ދެމެދު 2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ކުރަމުންދާ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެ، މިލިއަނުން މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ. އަސްކަރީ މަސްދަރުތަކުން ބުނާ ގޮތުގައި އާރްއެސްއެފްއިން މިހާރު މަސައްކަތް ކުރަމުންދަނީ އަލުން އެ ސަރަހައްދު ބަންދުކޮށް ހިސާރު ކުރުމަށެވެ. ނަމަވެސް ސަރުކާރު ސިފައިން ދަނީ އެ ސަރަހައްދު ދިފާއުކޮށް ހަމަލާތަކަށް ރައްދު ދެމުންނެވެ.
މި ހަމަލާތަކާ ގުޅިގެން ސޫދާން ޑޮކްޓާސް ނެޓްވޯކުން ވަނީ ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދިނުމަށް ކުއްލި އިންސާނީ އެހީގެ މަގެއް ގާއިމުކުރުމަށް ގޮވާލާފައެވެ. އެ ސަރަހައްދުގައި ސިއްހީ ހިދުމަތްތައް ވަރަށް ބޮޑަށް ދަށްވެ، އަސާސީ ތަކެތީގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޚާއްޞަކޮށް އައިވީ ފްލުއިޑް ފަދަ މުހިންމު ތަކެތި ވަނީ ހުސްވެފައެވެ.
ހަނގުރާމައިގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް އެތައް ހާސް ބަޔަކު އަވަށްޓެރި ޗޭޑަށް ހިޖުރަކުރަމުންދާއިރު، އެ ގައުމުގައި މިހާރުވެސް ސޫދާންގެ 880,000 އަށްވުރެ ގިނަ ރެފިއުޖީން ދަނީ ދިރިއުޅެމުންނެވެ. މި މީހުންނަށް މިހާރު ހަނގުރާމައިގެ ނުރައްކަލެއް ނެތް ނަމަވެސް، އިންސާނީ އެހީގެ ގޮތުގައި ލިބޭ ފަންޑު ދަށްވަމުން ދިއުމުގެ ސަބަބުން ދިރިއުޅުމަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަކުރުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
އދ. ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ބަނޑުހައިހޫނުކަމުގެ އަދި މީހުން ރެފިއުޖީންނަށްވުމުގެ ކްރައިސިސް ވަނީ އުފެދިފައެވެ. މުޅި ސޫދާނުން ގާތްގަނޑަކަށް 14 މިލިއަން މީހުން ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ.