ކުޅިވަރު

މާޒިޔާއިން ހަނިގޮތަކަށް ޔޫވީ ބަލިކޮށް، ލީގުގައި ލީޑު ފުޅާކޮށްފި

މާޒިޔާއިން ހަނިގޮތަކަށް ޔޫވީ ބަލިކޮށް، ލީގުގައި ލީޑު ފުޅާކޮށްފި

މާޒިޔާގެ ހަމްޒާ މުޙައްމަދުގެ އަތުން ބޯޅަ ހޯދުމަށް މޫސާ އަޒީމް މަސައްކަތް ކުރަނީ / ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

04 ޖެނުއަރީ 2026، 09:03

04 ޖެނުއަރީ 2026، 09:03

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އުނދަގޫގޮތަކަށް ޔުނައިޓެޑު ވިކްޓަރީ (ޔޫވީ) 2-1އިން ބަލިކޮށް، އެ ޓީމުގެ ލީޑު 9 ޕޮއިންޓަށް ފުޅާކޮށްފިއެވެ. 

މި ނަތީޖާއާއެކު މާޒިޔާއިން ވަނީ 13 މެޗުން 37 ޕޮއިންޓު ހޯދާފައެވެ. ތާވަލުގެ ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް މިހާތަނަށް ލިބިފައި ވަނީ 28 ޕޮއިންޓެވެ. އެ ޓީމުން އާދީއްތަ ދުވަހު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ނިކުންނައިރު، އެ މެޗު ކާމިޔާބުކޮށް މާޒިޔާއާ ދެމެދު އޮތް ފަރަގު 6 ޕޮއިންޓަށް ކުޑަ ކުރެވޭނެއެވެ.

ރަސްމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު މި މެޗުގައި ޔޫވީއިން މޮޅަށް ކުޅެފައިވެއެވެ. ނަމަވެސް އެ ޓީމަށް ކުރީކޮޅު ލިބުނު ފުރުސަތުތައް ގޯލަށް ބަދަލުކުރެވޭ ގޮޔް ވަނީ ނުވެފައެވެ.

މާޒިޔާ މެޗުގައި ލީޑު ނެގީ ފުރަތަމަ ހާފުގެ 31 ވަނަ މިނިޓުގައި ޔޫވީގެ ކީޕަރު އަލީ އަދެލް މުސްތަފާ އަލީ އޭރިއާތެރެއިން ދިފާއުރަން ފޮނުވާލި ބޯޅައެއް ހަމްޒާ މުޙައްމަދަށް ލިބުމުން އޭނާ ގޯލަށް ފޮނުވާލި ބޯޅައެވެ. 


މާޒިޔާ ދެވަނަ ލަނޑަކީ ލިބުނު ކޯނަރެއްގައި މާޒިޔާގެ ޕޯޗުގަލް ޑިފެންޑަރ ލުއިސް ޕައުލޯ އަލްމޭޑާ ބޮލުން ގޯލަށް ވައްދާލި ލަނޑެކެވެ. ހުސްކޮށް ހުރެ ލުއިސް މި ލަނޑު ޖެހީ މެޗުގެ 82 ވަނަ މިނިޓުގައެވެ.

ޔުވީ މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ އިތުރު ވަގުތުގެ އެޓީމުގެ ބިދޭސީ ފޯވާޑް މުހައްމަދު ސާމިރު އޭރިޔާ ބޭރުން ފޮނުވާލި ބޯޅައަކުން ކާމިޔާބު ކުރި ލަނޑެކެވެ.

މި މެޗުން ޔޫވީއަށް އެއްވެސް ޕޮއިންޓެއް ނުލިބުނުއިރު އެ ޓީމު އޮތީ 7 ޕޮއިންޓާއެކު ލީގުގެ 9ވަނައިގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450