ކުޅިވަރު

ރައިސްގެ ދެ ގޯލާއެކު އާސެނަލްއިން ބޯނެމައުތު ބަލިކޮށް 6 ޕޮއިންޓަށް ލީޑު ފުޅާކޮށްފި

ރައިސްގެ ދެ ގޯލާއެކު އާސެނަލްއިން ބޯނެމައުތު ބަލިކޮށް 6 ޕޮއިންޓަށް ލީޑު ފުޅާކޮށްފި

ޑެކްލަން ރައިސް ގޯލު ކާމިޔާބު ކުރުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: ޕްރިމިއަރ ލީގު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

04 ޖެނުއަރީ 2026، 07:16

04 ޖެނުއަރީ 2026، 07:16

އިންގްލިޝް ޕްރިމިއަރ ލީގުގައި އޭއެފްސީ ބޯނެމައުތު ކޮޅަށް އާސެނަލްގެ ޑެކްލަން ރައިސް ކާމިޔާބުކުރި ދެ ގޯލާއެކު، 3-2އިން މެޗު ކާމިޔާބުކޮށް، އެ ޓީމުން ތާވަލުގެ އެއްވަނައިގައި 6 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ބޯނެމައުތުގެ ވައިޓަލިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީ ބޯނެމައުތުންނެވެ. މެޗުގެ 10ވަނަ މިނެޓުގައި އާސެނަލްގެ ޑިފެންޑަރު، ގެބްރިއަލް މަގަލޭސްއަށް ހެދުނު ގޯހެއްގެ ފައިދާނަގައި އެ ޓީމަށް ލީޑު ނަގައިދިނީ ފޯވާޑް އެވަނިލްސަންއެވެ. ނަމަވެސް އޭގެ 6 މިނެޓު ފަހުން ގެބްރިއަލް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ގޯލު ކާމިޔާބުކޮށް، އޭނާއަށް ހެދުނު ގޯސް ފޫބައްދައި ދީފައެވެ.

އާސެނަލްއިން މެޗުގައި ލީޑު ނެގީ ދެވަނަ ހާފުގައެވެ. އަނިޔާއިން ފަސޭހަވެގެން ކުޅެން ނިކުތް ޑެކްލަން ރައިސް 17 މިނެޓުގެ ތެރޭގައި ދެ ގޯލު ކާމިޔާބުކޮށް، އެ ޓީމަށް ހަމަޖެހިލެވޭނެ ވަގުތު ހޯދައިދިނެވެ. ނަމަވެސް ރައިސްގެ ދެވަނަ ގޯލަށްފަހު 5 މިނެޓު ކުޅެވުނު ފަހުން، ބޯނެމައުތުގެ 19 އަހަރުގެ ފޯވާޑް، އެލި ޖޫނިއަރ ކްރޫޕީ ވަނީ ގޯލެއް ކާމިޔާބުކޮށް އާސެނަލްގެ ލީޑު ހަނިކޮށްފައެވެ. 

މި ނަތީޖާއާއެކު 20 މެޗުން އާސެނަލްއަށް 48 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި 42 ޕޮއިންޓާއެކު އޮތީ އެސްޓަން ވިލާއެވެ. އަދި މިރޭ މެންޗެސްޓަރ ސިޓީ އާއި ޗެލްސީ ބައްދަލުކުރާ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުން، އާސެނަލްގެ ލީޑު ހަނިވެގެންދާނެއެވެ. އެގޮތުން ސިޓީ މޮޅުވެއްޖެނަމަ، އެ ޓީމުން 44 ޕޮއިންޓު ހަމަކޮށް، އާސެނަލްއާ 4 ޕޮއިންޓު ކައިރިޔަށް ޖެހިލާނެއެވެ.

ޗެލްސީއިން މިރޭ ސިޓީއާ ދެކޮޅަށް ނިކުންނައިރު އެ ޓީމަށް ވަގުތީ ގޮތުން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ކޯޗު މަރެސްކާ އޭނާގެ މަޤާމުން ވަކިކޮށްފައިވުމެވެ. އެ ޓީމުގެ ކޯޗެއްގެ ޒިންމާ ވަގުތީ ގޮތުން ނަގަމުން ދަނީ ކަލުމް މެކްފާރލޭންއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450