ޚަބަރު
މާފުށީގައި އެހެލާފައި އޮތް ލޯންޗެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި
އަލިފާން ނިއްވުމުގައި ޙަރަކާތްތެރިވަނީ/ފޮޓޯ: އެމްއެންޑީއެފް
މާފުށީގައި އެހެލާފައި އޮތް ލޯންޗެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، މާފުށީގައި އެހެލާފައި އޮތް ލޯންޗެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، މާފުށި ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ.

އެމްއެންޑީފުން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު 10:12 ހާއިރު ކަމަށެވެ. އެގޮތުން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، މާފުށި ފަޔަރ ސްޓޭޝަނަށް ރިޕޯޓު ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިކަމަށް ވިދާޅުވިއެވެ. މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 10:20 ހާއިރުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.