Ads by Stelco

ޚަބަރު

ނޫސްވެރިންގެ ސުލޫކީ މިންގަނޑު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ޢާންމުކޮށްފި

ނޫސްވެރިންގެ ސުލޫކީ މިންގަނޑު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ޢާންމުކޮށްފި

ދިވެހި ނޫސްވެރިންތަކެއް ނޫސް ކޮންފަރެންސެއްގައި ބައިވެރިވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ޑިސެމްބަރު 2025، 11:14

16 ޑިސެމްބަރު 2025، 11:14

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑު ޢާންމުކޮށްފިއެވެ. 

މިއީ މިއަހަރުގެ ތެރޭގައި ޢަމަލުކުރަން ފެށި މީޑިއާ ކޮމިޝަނުގެ ޤާނޫނުގެ ދަށުން ކޮމިޝަނުން ކުރަންޖެހޭ މުހިންމު ކަމެކެވެ. މި މިންގަނޑުގައި މީޑިއާގެ ހުރިހާ ފަރާތްތަކުން ނަގަހައްޓަންޖެހޭ ހަމަތަކާއި، ޕްރޮގްރާމިންގ އަދި ކޮންޓެންޓް އުފެއްދުމުގައި ސަމާލުކަންދޭންޖެހޭ އުސޫލުތައް ބަޔާންކޮށްފައިވެއެވެ. މި ސުލޫކީ މިންގަނޑުގެ އެންމެ މުހިންމު އެއް ބަޔަކީ ނޫސްވެރިންނާއި ބްރޯޑްކާސްޓަރުން ހިފަހައްޓަންޖެހޭ އަސާސީ ހަމަތަކެވެ. އޭގެ ތެރޭގައި އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށް ހިތުމާއި، ޤައުމީ ސަލާމަތާއި ރައްކައުތެރިކަން ދެމެހެއްޓުން ހިމެނެއެވެ. އަދި އިޖުތިމާޢީ އަޚުލާޤާއި އާންމު ނިޒާމު ހިފެހެއްޓުމާއި، މީހުންގެ އަބުރާއި ޒާތީ ދިރިއުޅުން ރައްކައުތެރިކުރުން ވެސް މި މިންގަނޑުގައި ވަނީ ކަނޑައަޅާފައެވެ.

މަޢުލޫމާތު ފެތުރުމުގެ އުސޫލުތަކަށް ބަލާއިރު، މިންގަނޑުގައި ބަޔާންކޮށްފައިވަނީ ތެދު މަޢުލޫމާތު ހާމަކުރުމާއި، އިންސާފުވެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ. އަދި އާންމު މަސްލަހަތު ހިމެނޭ ކަންކަމުގައި ތަފާތު ވިސްނުންތަކާއި ފިކުރުތަކަށް ޤާނޫނީ ހުއްދަ ލިބޭ މިންވަރަށް ޖާގަ ދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. 
މީގެ އިތުރުން، މުޖުތަމަޢުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރުމަށާއި، ކުޑަކުދިންގެ ޙައްޤުތަކަށް ގެއްލުންވާނެ ފަދަ ޚަބަރާއި މަޢުލޫމާތު ނުފެތުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް މި އުޞޫލުގައި ބާރުއަޅާފައިވެއެވެ. މި ސުލޫކީ މިންގަނޑުގައި ކޮޕީރައިޓް ނުވަތަ އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓާ ބެހޭ ބައި ވެސް ހިމަނާފައިވެއެވެ. އެގޮތުން، އެހެން ފަރާތެއްގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ ބޭނުންކުރާނަމަ، އެ އެއްޗެއްގެ ވެރިފަރާތެއްގެ ހުއްދަޔާއެކު އެ ފަރާތަށް ކްރެޑިޓްދީގެން މެނުވީ އެ ކޮންޓެންޓެއް ގެނެސްދީގެންނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެހެން ފަރާތެއްގެ އުފެއްދުމެއް އޮޅުވައިލައިގެން އެއީ އަމިއްލަ އުފެއްދުމެއްގެ ގޮތުގައި ގެނެސްދިނުމަކީވެސް މިންގަނޑާ ޚިލާފު ކަމެއްކަން ވަނީ ހާމަކޮށްފައެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމާ ގުޅޭ ގޮތުން ވެސް މި މިންގަނޑުގައި ވަނީ އުޞޫލުތަކެއް ކަނޑައަޅާފައެވެ. އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ކޮންޓެންޓް ގެނެސްދިނުމުގައި، އެއީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ކޮންޓެންޓެއްކަން ބަޔާންކުރަންޖެހޭނެއެވެ. މީގެ އިތުރުން، އޭއައި ބޭނުންކުރަންވާނީ ނޫސްވެރިކަމުގެ މަސައްކަތުގައި ހީތެރިކަން ހޯދާ ވަސީލަތެއްގެ ގޮތުގައި ކަމަށާއި، މި ގޮތުން ގެނެސްދޭ މަޢުލޫމާތަކީ އޭގެ ތެދުކަން ކަށަވަރުކޮށްފައިވާ މައުލޫމާތަކަށް ވާންޖެހޭނެކަމަށް ވެސް ކޮމިޝަނުގެ ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައިވެއެވެ.

މި ސުލޫކީ މިންގަނޑުގައި އެސުލޫކީ މިންގަނޑާ ޚިލާފުވާ ފަރާތްތަކަށް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެކަމަށް އެ މިންގަނޑުގައި ބަޔާންކޮށްފައިވެއެވެ. މީގެ ތެރޭގައި މާލީ އަދި އިސްލާހީ ފިޔަވަޅުތައް ހިމެނެއެވެ. ޤާނޫނުގެ ދަށުން އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި، ނޫސް ނުވަތަ މަޖައްލާއަކުން ސުލޫކީ މިންގަނޑާ ޚިލާފުވެއްޖެނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ. މި ފިޔަވަޅަކީ މީޑިއާގެ އިދާރާތަކުން ސުލޫކީ މިންގަނޑަށް ފުރިހަމައަށް ތަބާވުމަށް ބާރުއަޅާނެ ކަމެއް ކަމަށް ބެލެވެއެވެ.


މީގެ އިތުރުން، ސުލޫކީ މިންގަނޑާ މީޑިއާގައި މަސައްކަތްކުރާ ފަރާތެއް ނުވަތަ ނޫސްވެރިއެއް ޚިލާފުވެއްޖެނަމަ، އެމްއެމްބީސީން އިސްލާހީ ފިޔަވަޅުތައް ވެސް އަޅާނެއެވެ. މިގޮތުން، ޤާނޫނާ ޚިލާފަށް ކުރި ކަމެއް ރަނގަޅުކުރަން އެންގިދާނެއެވެ. އަދި މަޢާފަށް އެދުމަށާއި، ކޮމިޝަނުން އަންގާ ވަގުތެއްގައި، ކޮމިޝަނުން އަންގާ ގޮތެއްގެމަތިން، ކުށުގެ އިޞްލާޙު ޢާންމުކުރުމަށް ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިޔުމަށް ބަޔާނެއް ޢާންމުކުރުމަށް ވެސް އެންގިދާނެއެވެ. މި ފިޔަވަޅުތަކުގެ މަޤްޞަދަކީ މީޑިއާގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަން ދެމެހެއްޓުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450