Ads by Stelco

ޚަބަރު

ފެހުރިހި ރައްކާތެރިކުރުމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުން ސައިޓީސްގައި ފާސްވެއްޖެ!

ފެހުރިހި ރައްކާތެރިކުރުމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުން ސައިޓީސްގައި ފާސްވެއްޖެ!

ފެހުރިހި ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 ޑިސެމްބަރު 2025، 10:55

06 ޑިސެމްބަރު 2025، 10:55

ދިވެހިރާއްޖެއިން އިސްނަގައިގެން، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް ބައިނަލްއަޤްވާމީ ފެންވަރުގައި ރައްކާތެރިކުރާ، ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީސް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް) ގެ 20 ވަނަ ކޮންފަރަންސް އޮފް ދަ ޕާރޓީސްގައި ހުށަހެޅި، ފެހުރިހި ސައިޓީސް މުޢާހަދާގެ އެޕެންޑިކްސް ދެއަކުން އެޕެންޑިކްސް އެކަކަށް ބަދަލުކުރުމުގެ ހުށަހެޅުން ފާސްވެއްޖެއެވެ. މިއީ ދިވެހިރާއްޖެއިން ފެހުރިހި ރައްކާތެރިކުރަން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ކާމިޔާބީއެއްކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި ނިންމުމާއެކު، ބައިނަލްއަޤްވާމީ ފެންވަރުގައި ފެހުރިހި މަސްތަކާއި، އެތަކެތީގެ ބައިތަކާއި، އޭގެ އުފެއްދުންތައް ވިޔަފާރީ އުސޫލުން އެއްޤައުމުން އަނެއް ޤައުމަށް ގެންދިޔުން ވަނީ މަނާކުރެވިފައެވެ. މި ހުށަހެޅުން ފާސްވީ، ބައްދަލުވުމަށް ހާޒިރުވި ހުރިހާ ޤައުމެއްގެ އިއްތިފާގުންނެވެ.

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ މަގްސަދުގައި 1973 ވަނަ އަހަރު އެކުލަވާލާފައިވާ ސައިޓީސް މުޢާހަދާއަށް ޢަމަލުކުރަން ފެށިތާ މިއީ 50 ވަނަ އަހަރެވެ. މި މުޢާހަދާގެ ދަށުން ދިރުންތައް ހިމެނެނީ ތިން އެޕެންޑިކްސްގެ ދަށުންނެވެ. އެގޮތުން، އެޕެންޑިކްސް 1 ގައި ހިމެނެނީ ނެތިދިޔުމުގެ ބިރު އިންތިހާ ދަރަޖައަށް ގޮސްފައިވާ ދިރުންތަކެވެ. މި ދިރުންތަކުގެ ވިޔަފާރީގެ ގޮތުގައި އެއްޤައުމުން އަނެއް ޤައުމަށް ގެންދިޔުން މަނާކުރެވޭއިރު، ޚާއްޞަ ބޭނުންތަކަށް (މިސާލަކަށް އިލްމީ ދިރާސާ) ހުއްދައާއެކު ގެންދެވިދާނެއެވެ. ކުރިން ފެހުރިހި ހިމެނިފައިވަނީ އެޕެންޑިކްސް 2 ގައެވެ. އެޕެންޑިކްސް 2 ގައި ހިމެނޭ ދިރުންތަކަކީ، ނެތިދިޔުމުގެ ބިރު ހީވެފައިވާ ނަމަވެސް، ދެމެހެއްޓެނިވި ވިޔަފާރި އެއްޤައުމުން އަނެއް ޤައުމަށް ގެންދިޔުމަށް ހުއްދަ އޮންނަ ދިރުންތަކެވެ.

ދިވެހިރާއްޖެއިން މި މުޢާހަދާގައި ބައިވެރިވެފައިވަނީ 2013 ވަނަ އަހަރުގައެވެ. އަދި މި މުޢާހަދާ ދިވެހިރާއްޖޭގައި ތަންފީޒުކުރުމުގެ ގޮތުން 2022 ވަނަ އަހަރު ޚާއްޞަ ޤާނޫނެއްވެސް ވަނީ އެކުލަވާލާފައެވެ. ސައިޓީސްގެ 20 ވަނަ ބައްދަލުވުމަށް ދިވެހިރާއްޖޭގެ ފަރާތުން ހުށަހެޅި ފެހުރިހި އެޕެންޑިކްސް 1 އަށް ބަދަލުކުރުމުގެ ހުށަހެޅުމަށް ދިވެހިރާއްޖެއާއެކު 16 ޤައުމުން ވަނީ ކޯ ސްޕޮންސަރ ކޮށްފައެވެ. މި ބައްދަލުވުމަށް ޖުމްލަ 51 ޕްރޮޕޯސަލް އެކި ޤައުމުތަކުން ހުށަހަޅާފައިވާއިރު، ދިވެހިރާއްޖެއިން އިސްނަގައިގެން ހުށަހެޅި މި ޕްރޮޕޯސަލް ފާސްވެފައިވަނީ ބައްދަލުވުމަށް ހާޒިރުވި ހުރިހާ ޤައުމެއްގެ އިއްތިފާގުންނެވެ.

ފެހުރިއްސަކީ، ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅިއާ، އިގްތިސާދު އަދި ފަތުރުވެރިކަމަށް ގުޅިފައިވާ މުހިންމު ދިރުމެކެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މި ދިރުމުގެ މާހައުލުތަކަށާއި އާބާދީ ދަނީ މަދުވަމުންނެވެ. އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) އިން ވެސް ވަނީ ފެހުރިއްސަކީ ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ކަނޑައަޅާފައެވެ.

ސައިޓީސް މުޢާހަދާގެ އިތުރުން، ހިޖުރާ ކުރާ ދިރުންތައް ޙިމާޔަތް ކުރާ މުއާހަދާ ސީއެމްއެސް އަދި ސަރަހައްދީ މަސްވެރިކަން މެނޭޖްކުރާ އެގްރީމަންޓްތަކުގައިވެސް ފެހުރިއްސަށް ވަނީ ޚާއްޞަ އިސްކަމެއްދީ ޙިމާޔަތްކޮށްފައެވެ. ދިވެހިރާއްޖޭގައިވެސް ފެހުރިއްސަކީ ޙިމާޔަތްކޮށްފައިވާ ދިރުމަކަށް ވާތީ، ސައިޓީސް މުޢާހަދާގެ އެޕެންޑިކްސް 1 ގައި ހިމެނިގެން ދިޔުމަކީ، މި ދިރުމަށް ލިބިގެން ދިޔަ އިތުރު ބައިނަލްއަޤްވާމީ ޙިމާޔަތެއްކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450