ޚަބަރު
ޤަވާއިދާއި ޚިލާފަށް ވިޔަފާރިތައް ހިންގާ ބިދޭސީންގެ މައްސަލަ ރިޕޯޓުކުރުމަށް އެދިއްޖެ
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން / ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން
ފަރުދުން
27 ނޮވެމްބަރު 2025، 09:30
27 ނޮވެމްބަރު 2025، 09:30
ޤަވާއިދާއި ޚިލާފަށް ވިޔަފާރިތައް ހިންގާ ބިދޭސީންގެ މައްސަލަ ރިޕޯޓުކުރުމަށް އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އެދިއްޖެއެވެ.
އެ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާކަމަށެވެ. އެހެންކަމުން އެކަން ޙައްލު ކުރުމަށް "ނެޝަނަލް ޓާސްކް ފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް" މެދުވެރިކޮށް، އަވަސް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އެ ވުޒާރާއިން ވަނީ ދީފައެވެ.
އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކުރި އިޢުލާނުގައި ހާމަކޮށްފައިވާ ގޮތުގައި، ޤަވާއިދާ ޚިލާފަށް ވިޔަފާރިތައް ހިންގުމުގައި ބިދޭސީން ހަރަކާތްތެރިވާ ދެ ގޮތެއް އެ ވުޒާރާއަށް ފާހަގަކުރެވިފައި ވެއެވެ. އެއީ ދިވެހިން ނިވައިފަތްގަނޑަކަށް ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި، ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ބިދޭސީ ވިޔަފާރިތައް ކަމަށެވެ.
އެގޮތުން މި މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެގޮތުން މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 22 ވަނަ ދުވަހު ފާސްކޮށް ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ޝާއިޢުކުރި ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން، ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި ވިޔަފާރިކުރުން މަނާ ދާއިރާތައް އާންމުކޮށްފައިވާކަން އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
އެ ވުޒާރާއިން ވަނީ އެ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތައް ފާހަގަވާނަމަ ރިޕޯރޓްކުރުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އެ ވުޒާރާގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް، ރިޕޯރޓް ކުރުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން އެ ވުޒާރާގެ ހޮޓްލައިން 3333199 ނުވަތަ އިމިގްރޭޝަން ވޮޗްއަށްވެސް ރިޕޯޓު ކުރެވޭނެއެވެ.
އެ ވުޒާރާއިން ވިދާޅުވީ ބިދޭސީން ޤަވާޢިދާ ހިލާފަށް ވިޔަފާރިކުރާ ކަމުގެ މަޢުލޫމާތު ހުށައެޅުމުގައި، ހުށަހަޅާ ފަރާތް ނޭނގޭ ގޮތަށް މަޢުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.