Ads by Stelco

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ 4 ފަރާތަކަށް އާރްޑީސީއިން ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދީފި

ނުކުޅެދުންތެރިކަން ހުންނަ 4 ފަރާތަކަށް އާރްޑީސީއިން ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދީފި

ވަޒީފާ ދިން ފަރާތްތައް/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

27 ނޮވެމްބަރު 2025، 04:42

27 ނޮވެމްބަރު 2025، 04:42

ނުކުޅެދުންތެރިކަން ހުންނަ 4 ފަރާތަކަށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއިން ދާޢިމީ ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދީފި އެވެ.

މި ވަޒީފާގެ ފުރުޞަތުތައް ހަމަޖައްސާދީފައި ވަނީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި އާރުޑީސީން ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އިންޓާންޝިޕް ޕްރޮގްރާމުގެ ދެވަނަ ބެޗު ނިންމުމަށް ފަހު އެވެ. 

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، 6 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންގޮސްފައިވާ މި ޕްރޮގްރާމުގެ މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާ ހޯދުމާއި، މަސައްކަތުގެ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާނެ އެކި ހުނަރުތައް ތަރައްޤީކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށެވެ. އަދި މި އިންޓާންޝިޕްގެ ފުރަތަމަ ބެޗްގައި ބައިވެރިވެ ޕްރޮގްރާމު ފުރިހަމަ ކުރި އެއް ފަރާތަކަށް އާރްޑީސީއިން 1 އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ އަދާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދުފުޅެކެވެ. އެހެންކަމުން، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދަނީ މިކަމަށް ޚާއްސަޞަ އަޙަހަންމިޔަތުކަމެއް ދީގެން އެފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން، އެ ވުޒާރާއާއިން ދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދީ، ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި، ރިސޯޓުތަކާއެކު ވެސް މަސައްކަތްކުރަމުންނެވެ. ހަމަ އެހެންމެ، ކެއަރ ސޮސައިޓީއާއި އެ ވުޒާރާއާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މާޙައުލަށް ނުކުތުމަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށް ގެންދެވޭ 'ޖޮބް ރެޑިނަސް' ޕްރޮގްރާމުގެ ދަށުން 2 ބެޗެއް މިހާތަނަށް ތަމްރީނުކުރެވިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން