ޚަބަރު
މާލޭގެ އިންޓަރެކްޓިވް އިމަރސިވް މިއުޒިއަމްގެ މަސައްކަތް މި އަހަރު ފެށޭނެ: ވަޒީރު އާދަމް ނަޞީރު
ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ދިވެހިރާއްޖޭގެ ތާރީޚާއި ސަޤާފަތް ތަޖުރިބާކުރެވޭނެ އީޖާދީ ގޮތަކަށް، މާލޭގައި ތަރައްޤީކުރާ އިންޓަރެކްޓިވް އިމަރސިވް މިއުޒިއަމްގެ ޢަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. މި މިއުޒިއަމަކީ ތަރިކައިން އާމްދަނީ ހޯދުމާއި، ދިވެހި ތާރީޚު ތަޖުރިބާކުރެވޭ ގޮތަކަށް ހެދުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ޕީއެސްއެމް ނިއުސްގެ "ހަފުތާ 104" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، މި މިއުޒިއަމްގެ ޑިޒައިން މަސައްކަތް މިހާރު ނިމިފައިވާކަމަށާއި، ޖެނުއަރީ މަސް ފެށުމުގެ ކުރިން ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ.
ވަޒީރު ވިދާޅުވީ، މާލޭގެ އުސްގެކޮޅާއި، ކަޅުވަކަރު މިސްކިތް ހުރި ސަރަޙައްދު ހިމެނޭހެން ތަރައްޤީކުރެވޭ މި މިއުޒިއަމްގައި ޑިޖިޓަލް ބައި ވަރަށް ބޮޑަށް ހިމެނިފައި އޮންނާނެކަމަށެވެ. އަދި މިތަނުން ދިވެހިންގެ ފެންނަން އޮތް ތާރީޚުގެ މުޅި ވާހަކަ ތަޖުރިބާކޮށްލެވޭނެކަމަށާއި، ޒިޔާރަތްކުރާ ފަރާތްތަކަށް ދުވާލާއި ރޭގަނޑުވެސް ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ މިފަދަ ކޮންސެޕްޓަކަށް ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ތަނެވެ.
ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، މިތަނަށް ބޭރުގެ ފަރާތްތަކާއި ދިވެހިންނަށްވެސް ވަދެވޭނީ ކޮންމެވެސް އަގެއް ދައްކާފައިކަމަށާއި، މި މަސައްކަތްތައް ނިމުމުން އިރާދަކުރެއްވިއްޔާ ދިވެހި ދައުލަތަށް މި ތަރިކަތައް މެދުވެރިކޮށް އެކަށީގެންވާ ބޮޑު އާމްދަނީއެއް ލިބޭނެކަމަށެވެ.
މީގެ އިތުރުން، މި 2 އަހަރުގެ ތެރޭގައި ތަރިކައިން އާމްދަނީ ހޯދުމާއި، ތަރިކަ އެއީ ތަޖުރިބާކުރެވޭ އެއްޗެއްގެ ގޮތުގައި ހެދުމަށް މުހިންމު މަސައްކަތްތަކެއް ފެށިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ޢިލްމީ ނަޒަރަކުން ދިވެހީންގެ އަސްލުތަކަށް ބެލުމަށްޓަކާ މުހިންމު ދިރާސާތަކެއްގެ މަސައްކަތް ފުރަތަމަ އަހަރުގެ ތެރޭގައި ފެށިފައިވާކަމަށާއި، މި ދިރާސާތަކުގެ އަލީގައި ތައްޔާރުކުރަންޖެހޭ ފްރޭމްވޯކްތަކުގެ މަސައްކަތް މިހާރު ކުރަމުންދާކަން ވަޒީރު ވިދާޅުވިއެވެ.
ތަރިކައަށް ދެވޭ ގަދަރާއި އިޙްތިރާމް އިތުރުކޮށް، އެތަކެތީގެ އަގުކުރަން ދަސްކޮށްދިނުމަށްޓަކާ މިއަހަރުގެ ތެރޭގައި ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާކަމަށްވެސް ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވިއެވެ.
މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ހުރި ދުވަސްވީ އާސާރުތަކާއި ތަރިކަތައް ހިމާޔަތްކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ހއ. އުތީމު، ބާރަށް އަދި ތަކަންދޫ ހިމެނޭހެން "ޣާޒީ ރަދުން" ގެ އަސަރުތައް ދިރުވައި ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިތަންތަން ބިނާކުރެވިގެންދާނީ އެތަންތަނަށް އެ ގެންނަ ބަދަލުތަކާ އެކީގައި އެތަންތަނުން މުހިންމު ހަނދާންތަކަކާއި ވާހަކަތަކެއް ބުނެދޭ، އަދި ރަނގަޅު އާމްދަނީއެއްވެސް ހޯދޭނެ ވަސީލަތްތަކެއްގެ ގޮތުގައެވެ.