ޚަބަރު
އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ކުރިން ހިންގި ޢިމާރާތް ތަޅާލުމުގެ މަސައްކަތް ފަށައިފި
މަސައްކަތް ފެށުން/ފޮޓޯ: ވުޒާރާ
އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ކުރިން ހިންގި ޢިމާރާތް ތަޅާލުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފަށައިފި އެވެ.
މި މަސައްކަތަކީ ރައީސުލްޖޫމްހޫރިއްޔާގެ އޮފީހުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން، މިއަދު ހެނދުނު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ އެ ސަރަޙައްދަށް ވަޑައިގެން މަސައްކަތް ބައްލަވައިލައްވާފައެވެ.
މި ޢިމާރާތް ތަޅައިލަން ނިންމީ އެ ޢިމާރާތަކީ މީހުން ބޭނުންކުރުން ރައްކާތެރި ޙާލަތެއްގައި ހުރިތަނެއް ނޫން ކަމަށް ވާތީއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ އެ ވުޒާރާގެ ޕަބްލިކް ވަރކްސް ޑިޕާޓްމަންޓުންކަމަށް ވާއިރު، ޢަރަބިއްޔާ ސްކޫލް ހިންގި ޢިމާރާތް ތަޅައިލައި އެ ތަނުގައި ޕާކިންގ ޒޯނަކާއި، ޕާކެއް ތަރައްޤީކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށް މައްޗަންގޮޅި ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުން ނިންމާފައިވަނީ އެތަނުގައި މީހުންނަށް ހިތްފަސޭހަކަމާއެކު މަޑުކޮށްލެވެނޭ ޕާކެއް ތަރައްޤީކުރުމާމަށް ކަމަށެވެ. އަދި އެ ސަރަޙައްދަކީ ޓްރެފިކް ބޮޑު ސަރަޙައްދަކަށް ވުމާއެކު ޕާކިން ޒޯނެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، އެ ވުޒާރާއާ ހަވާލުކޮށްފައިވަނީ އިމާރާތް ތަޅާލުމުގެ މަސައްކަތްކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، އަމާޒަކީ ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަސް ތެރޭގައި މަސައްކަތް ނިންމާ ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއި ހަވާލުކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ރައީސް ބޭނުންވޭ މިތަން އެއްކޮށް ސާފުކުރުމަށް ފަހު ހިތްފަސޭހަ ޕާކަކާއި ޕާކިން ޒޯނެއް ތަރައްޤީކުރުމަށް. އެކަމަށް ވަކި ޓާގެޓުތަކެއް ކަނޑައެޅިގެން އަޅުގަނޑުމެން ބާރު ސްޕީޑުގައި މި މަސައްކަތް ކުރިއަށް ގެންދަން ބަލާއިރު އަޅުގަނޑުމެންވެސް ވިސްނާނެ ކުދިންގެ ކިޔެވުމަށް. ޢާންމުންގެ ދަތިކަމަށް. ނަމަވެސް ވަގުތާއި ޙާލަތައް ބަލައިގެން ވީ އެންމެ ގިނަ ވަގުތެއް މިކަމުގައި ހޭދަ ކުރަން ޖެހޭނެތީވެ އެކަން ފާހަގަކޮށްލަން ބޭނުން.
ވަޒީރު ވިދާޅުވިއެވެ.
މާލޭގައި ބައުވެ، ބޭނުން ނުކުރެވޭ ފަދަ ޙާލަތްތަކުގައި ހުރި، އަދި އެ ފަދަ ތަންތަނުގެ ސަބަބުން ނުރައްކާތެރި ޙާދިޘާއެއް މެދުވެރިވެދާނެ ކަމަށް ފެންނަ ޢިމާރާތްތައް ތަޅައިލުމުގެ މަސައްކަތްތަކުގެ ތެރެއިން 4 ޢިމާރާތެއް ތަޅައިލުމުގެ މަސައްކަތް އެ ވުޒާރާއިން މީގެކުރިން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއީ މއ. ރަބީޢުވިލާއާއި، އޯކިޑް ޕްލާޒާއާއި، ނިއު ޕްލާޒާގެ އިތުރުން ހައުސް ޕްލާޒާއެވެ.
މީގެ އިތުރުން، ކުރީގެ ކްރިމިނަލް ކޯޓު ހިންގި ޢިމާރާތް ތަޅައިލުމުގެ މަސައްކަތް ވެސް ކައިރި ތާރީޚެއްގައި ފެށޭނެ ކަމަށް ލަފާކުރެވޭކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.