Ads by Stelco

ޚަބަރު

ހުޅުމާލޭގައި ޢިމާރާތްކުރާ ވަޤްފު އިމާރާތަކީ ރާއްޖޭގައި މިހާތަނަށް ޤާއިމްކުރެވޭ އެންމެ ބޮޑު ވަޤްފު ބިނާ: ވަޒީރު ޝަހީމް

ހުޅުމާލޭގައި ޢިމާރާތްކުރާ ވަޤްފު އިމާރާތަކީ ރާއްޖޭގައި މިހާތަނަށް ޤާއިމްކުރެވޭ އެންމެ ބޮޑު ވަޤްފު ބިނާ: ވަޒީރު ޝަހީމް

ވަޒީރު ވާހަކަފުޅު ދެއްކެވުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

27 ނޮވެމްބަރު 2025، 10:36

27 ނޮވެމްބަރު 2025، 10:36

ހުޅުމާލޭގައި ޢިމާރާތްކުރާ ވަޤްފު އިމާރާތަކީ ރާއްޖޭގައި މިހާތަނަށް ޤާއިމްކުރެވޭ އެންމެ ބޮޑު ވަޤްފު ބިނާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ހުޅުމާލޭގައި ބިނާކުރާ ދާރުއްސަލާމް ވަޤްފު އިމާރާތުގެ ބިންގާ އެޅުމަށްޓަކައި އިއްޔެ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ވާހަަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ މިހާރު ކުރިއަށްދާ ވަޤްފު މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިދައުރުގެ ތެރޭގައި ނިންމާ ބޭނުންކުރަން ފެށުން ކަމަށެވެ. ހަމަ އެއާއެކު، ދާރުއްސަލާމް ވަޤްފު އިމާރާތަކީ ރާއްޖޭގެ އިސްލާމީ ދާއިރާއަށް ވަރަށް ބޮޑު ހެވަކަށް ވެގެންދާނެ މަޝްރޫޢުއެއް ކަމަށާއި، މި އިމާރާތުގައި މަލްޓިޕާޕޮސް ހޯލާއި، ޑޭކެއަރ ސެންޓަރު ފަދަ މުހިންމު ވަޞީލަތްތައް ޤާއިމް ކުރެވިގެންދާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ވަޤްފު މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވަވާ އިސްކަމާއި އެހީތެރިކަން ފާހަގަކުރައްވާ ވަޒީރު ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

ހުޅުމާލޭގައި ޢިމާރާތްކުރާ ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ މަސައްކަތަކީ ވިހިހާސް އަކަފޫޓުގެ ސަރަޙައްދެއްގައި، ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން 12 ފަންގިފިލާގެ އިމާރާތެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، މިއީ 244.5 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މި އިމާރާތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައެވެ.

މި މަޝްރޫޢު އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ރާއްޖޭގައި ވަޤްފު ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަޞީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މުހިންމު މަޝްރޫޢުއެއްކަން ފާހަގަކޮށްލެވެއެވެ. ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ އިތުރުން، މާލޭގައި ދާރުލްއަރްޤަމްގެ އިމާރާތަކާއި، ކީރިތި ޤުރުއާނަށް ޚާއްޞަ ވަޤްފު އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން