Ads by Stelco

ޚަބަރު

މިއަދުގެ ރީތި ތާރީޚު ގައި މާލޭގައި ކުރެވުނީ އެންމެ 18 ކައިވެނި

މިއަދުގެ ރީތި ތާރީޚު ގައި މާލޭގައި ކުރެވުނީ އެންމެ 18 ކައިވެނި

ފެމިލީ ކޯޓުގައި ކުރިއަށްދިޔަ ކައިވެނީގެ ހަފްލާއެއް ފޮޓޯ: ފެމިލީ ކޯޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ނޮވެމްބަރު 2025، 02:44

25 ނޮވެމްބަރު 2025، 02:44

މިއަދުގެ ރީތި ތާރީޚު، 25-11-25 ގައި ކުރަން ތާވަލުކޮށްފައި އޮތީ އެންމެ 18 ކައިވެނި ކަމަށް، ފެމިލީ ކޯޓުން މިއަދު ހާމަކޮށްފިއެވެ. ދިވެހީންގެ މެދުގައި ވަރަށް މަގުބޫލުކަން ހޯދާފައިވާ ކަމެއް ކަމުގައިވާ ރީތި ތާރީޚުތަކާ ގުޅުވައި ކައިވެނި ކުރުމަށް ގިނަ ބަޔަކު އަބަދުވެސް ޝައުގުވެރިކަން ދައްކައެވެ. އެހެން ދުވަސްދުވަހު ކައިވެނި ނުކުރާ ވަރަށް ރީތި ތާރީޚުތަކުގައި ކުރާ ކައިވެނިތައް އިތުރު ނަމަވެސް، މިއަދުގެ އަދަދު ވަރަށް މަދެވެ.

ފެމިލީ ކޯޓުން މިއަދު ބުނި ގޮތުގައި، 25-11-25 ގައި ކޮށްދޭ 18 ކައިވެނީގެ ތެރެއިން ހަތަރު ކައިވެންޏެއް ކޮށްދެނީ ރަސްމީ ގަޑީގައެވެ. އަދި ބާކީ ސާދަ ކައިވެންޏެއް ކޮށްދެނީ ނުރަސްމީ ގަޑީގައެވެ. މިގޮތަށް ރަސްމީ އަދި ނުރަސްމީ ގަޑީގައި ކައިވެނިތައް ކުރުމުގެ އިންތިޒާމު ފެމިލީ ކޯޓުން ހަމަޖައްސަނީ، މިފަދަ މަގުބޫލު ތާރީޚުތަކުގައި ކައިވެނިކުރަން އެދޭ ފަރާތްތައް ގިނަވުމުންނެވެ.

އާންމު ދުވަސްދުވަހަށްވުރެ ރީތި ތާރީޚުތަކުގައި ކުރާ ކައިވެނިތައް އިތުރު ނަމަވެސް، މިއަދު ކޮށްދޭ ކައިވެނިތަކުގެ އަދަދު ވަރަށް މަދުވުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. މީގެ ކުރިން ރީތި ތާރީޚުތަކުގައި ގިނަ އަދަދެއްގެ މީހުން ކައިވެނިކުރަން ހުށަހެޅުމުން، ފެމިލީ ކޯޓުގެ ބޭރުގައި ޓެންޓު ޖަހައި، މީހުންނަށް އިށީނދެވޭ ގޮތަށް ގޮނޑިބަރި ވެސް ޖަހާފައި ހުރެއެވެ. އެހެންކަމުން، މިއަދުގެ 18 ކައިވެނި އަކީ އާދަޔާ ޚިލާފު މަދު އަދަދެކެވެ.

ފެމިލީ ކޯޓުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ސެޕްޓެމްބަރު މަހު 202 ކައިވެނި ކޮށްދިންއިރު، 113 ވަރި ވެސް ވަނީ ކޮށްދީފައެވެ. ދުނިޔޭގައި ވަރި އެންމެ ގިނަ ގައުމަކީ ރާއްޖެ ކަމަށް ވާތީ، ރީތި ތާރީޚުތަކުގައި ކައިވެނި ކުރުމަށް ދެވޭ އިސްކަމާއެކު ވެސް ވަރީގެ މައްސަލަތައް އިތުރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން