ޚަބަރު
އަތޮޅު ކައުންސިލް އުވާލުމާ ގުޅޭ އިސްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި
ރައްޔިތުންގެ މަޖިލިސް ޖަލްސާ/ފޮޓޯ: މަޖިލިސް
އަތޮޅު ކައުންސިލްތައް އުވާލުމަށް ޤާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިޞްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މި އިޞްލާހު ފާސްކޮށްފައިވަނީ، މެންބަރުންގެ ގޮނޑި ގެއްލުމާ ގުޅޭގޮތުން ހުށަހެޅުނު އިސްލާޙު އުނިކުރުމަށްފަހު އެވެ. މި އިސްލާޙުތައް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢުއެވެ.
ޝުޖާޢު ހުށަހެޅުއްވި ދެ އިސްލާޙުގެ ތެރޭގައި ހިމެނެނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީން ވަކިކޮށްފި ހާލަތެއްގައި ގޮނޑިއާމެދު ގޮތެއް ނިންމުމަށް އެ މެންބަރެއްގެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހެޅުއްވި އިސްލާހަކާއި، އަތޮޅު ކައުންސިލް އުވާލުމާ ގުޅޭ އިސްލާޙެކެވެ. މިހާރު ޤާނޫނުއަސާސީގައިވާ ގޮތުން މެންބަރަކު ޕާޓީން ވަކިކުރާ ހާލަތެއްގައި އެ މެންބަރެއްގެ ގޮނޑި ގެއްލެއެވެ.
މެންބަރުންގެ ގޮނޑި ގެއްލުމާ ގުޅޭގޮތުން ހުށަހެޅުނު އިސްލާޙާ ދެކޮޅަށް ގިނަ މެންބަރުން ވަނީ ވާހަކަދައްކަވާފައެވެ. ގިނަ މެންބަރުން ފާޅުކުރެއްވި ކަންބޮޑުވުމަކީ، އެ އިސްލާޙުގެ ސަބަބުން ދެ ފަހަރަށް އެއް ދާއިރާއެއްގައި އިންތިޚާބު ބާއްވަންޖެހި ޚަރަދުތައް ބޮޑުވުމުގެ ފުރުސަތު އޮތުމެވެ. އަދި ރައްޔިތުން މެންބަރުން އިންތިޚާބު ކުރަނީ ވަކި ޕާޓީއަކަށް އިތުބާރުކޮށްގެން ކަމަށްވާއިރު، ޕާޓީން ވަކިކުރާ ޙާލަތެއްގައި މެންބަރެއްގެ ގޮތުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ގިނަ މެންބަރުން ވިދާޅުވިއެވެ. އެހެންކަމުން، ދެވަނަ ފަހަރަށް އިންތިޚާބު ބާއްވައި ރައްޔިތުން ބޭނުންވާ މެންބަރަކު އިންތިޚާބު ކުރުން މާ ރަނގަޅު ކަމަށް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.
މި ބަހުސްތަކަށްފަހު، މުޅި މަޖިލީހުގެ ކޮމިޓީގައި މި މައްސަލަ ދިރާސާކުރުމުގެ ތެރޭގައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވަނީ ޤާނޫނު އަސާސީއަށް ހުށަހެޅުއްވި އިސްލާޙުން މެންބަރުންގެ ގޮނޑި ގެއްލުމާ ގުޅޭ މާއްދާ އުވާލުމަށް ހުށަހަޅުއްވާފައެވެ. މި ހުށަހެޅުން ފާސްވީ 50 މެންބަރުންގެ ވޯޓުންނެވެ.
އެއަށްފަހު، ޤާނޫނު އަސާސީ އިސްލާޙުކޮށް އަތޮޅު ކައުންސިލް އުވާލުމުގެ އިޞްލާހު މަޖިލީހުން ފާސްކޮށްފައިވަނީ 75 މެންބަރުންގެ ވޯޓުންނެވެ.