Ads by Stelco

ޚަބަރު

ސަންޕާ ސަރަޙައްދު ރައްކާތެރިކުރުމަށް 440 ގައިޑުންނަށް ސެޓްފިކެޓް ދޫކޮށްފި

ސަންޕާ ސަރަޙައްދު ރައްކާތެރިކުރުމަށް 440 ގައިޑުންނަށް ސެޓްފިކެޓް ދޫކޮށްފި

ސަމްޕާ ސަރަޙައްދު ފޮޓޯ: އެރައިވަލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ނޮވެމްބަރު 2025، 12:59

25 ނޮވެމްބަރު 2025، 12:59

ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަންޕާ) ސަރަޙައްދު ރައްކާތެރިކޮށް، އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، 'ސަންޕާ ގައިޑް' ސެޓްފިކެޓް 440 ފަރާތަކަށް ދޫކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިކަން މިހާރުވަނީ އެ ވުޒާރާގެ އެންމެ އިސް މަސައްކަތްތަކުގެ ތެރޭގައި ހިމެނިފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ނިންމެވީ، ސަންޕާ ސަރަހައްދަށް ފަތުރުވެރިން ގެންދެވޭނީ ހަމައެކަނި ސަންޕާ ގައިޑް ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ. މިއީ، އެ ސަރަހައްދުގެ ދިރުންތަކާއި، ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.

ސަރުކާރަށް 2 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން 'ހަފުތާ 104' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ، ޙިމާޔަތްކޮށްފައި ހުރި ސަރަހައްދުތައް ބެލެހެއްޓުމަކީ މި ވުޒާރާގެ ދަށުން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އެގޮތުން، ސަންޕާ ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ސަންޕާ ސަރަހައްދަށް ފަތުރުވެރިން ގެންދާ ފަރާތްތައް ތަމްރީން ކުރުމަށް ކުރި މަސައްކަތުން 530 އަށްވުރެ ގިނަ ފަރާތް ބައިވެރިވެ، އޭގެތެރެއިން 440 ފަރާތެއް ސަންޕާ ގައިޑްގެ އިމްތިހާން ހަދައި ފާސްވެފައިވާ ކަމަށެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ރޭންޖަރ ސަރވިސްއެއް ފަށާފައިވާކަން ފާހަގަކުރައްވައި، މިހާރުވެސް ގާތްގަނޑަކަށް 121 ގަޑިއިރުގެ ޕެޓްރޯލް ކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަންޕާ ސަރަޙައްދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެހުރިހި ބަލާލުމަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ތަނެކެވެ. މި ސަރަހައްދުގެ ފަރުތަކާއި، އޮއިވަރު ހުންނަ ގޮތުން ގިނަ އަދަދަކަށް ޕްލޭންކްޓަން ޖަމާވެ، ދުނިޔޭއިން ނެތިދިއުމުގެ ބިރުހީވެފައިވާ ފެހުރިހި ކާނާ ހޯދުމަށް މި ސަރަޙައްދަށް ޖަމާވެއެވެ. ނަމަވެސް، ފަހުގެ ތާރީޚެއްގައި ފެހުރިހި ބަލާލުމަށް މޫދަށް ފައިބާ ފަތުރުވެރިންނާއި އުޅަނދުފަހަރުގެ ސަބަބުން ހިތާމަވެރި ގިނަ ހާދިސާތަކެއް ހިނގައި، ގާތްގަނޑަކަށް 70 އިންސައްތަ ފެހުރިހީގައި އުޅަނދުފަހަރުގެ ބުރަފަތިން ޖެހި އަނިޔާ ލިބިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިކަންކަމަށް ހައްލެއް ހޯދުމަށްޓަކައި، ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ޕްލޭންގައި ފެހުރިހި ބެލުމަށް މޫދަށް ފައިބާ ފަތުރުވެރިންނާއި، ސަންޕާ ގައިޑުންނާއި، އުޅަނދުފަހަރުގެ ކެޕްޓަނުންނާއި، ފަޅުވެރިން އަމަލު ކުރަންޖެހޭ އުސޫލުތައް ވަނީ ކަނޑައަޅާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން