ޚަބަރު
އާސަންދަ ސްކީމްގެ ދަށުން އައިނު ހައްދަންދޭ އެހީ އިތުރުކުރި ފަހުން ، 47.4 މިލިޔަން ރުފިޔާ މިހާތަނަށް ޚަރަދުކޮށްފި
އައިޖީއެމް ހޮސްޕިޓަލުގެ އައިނު ފިހާރަ ފޮޓޯ: ވުޒާރާ
އާސަންދަ ސްކީމްގެ ދަށުން އައިނު ހައްދަން ދޭ މާލީ އެހީ ބޮޑުކުރި ފަހުން، މިދިޔަ މަހުގެ ނިޔަލަށް އައިނު ހެއްދުމަށް ސަރުކާރުން 47.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމަކާއެކު، މިއަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ ވަނީ 2000 ރުފިޔާއަށް ބޮޑުކޮށްފައެވެ. މީގެ ކުރިން ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާގެ އެހީއެއް ދެމުން އައެވެ. އާންމުންގެ ޒަމާންވީ ކަންބޮޑުވުމަކަށް ހައްލެއް ހޯއްދެވުމުގެ ގޮތުން ރައީސް މިކަން ބޮޑުކުރެއްވުމާ ގުޅިގެން، އެންސްޕާއިން ވަނީ ޖޫން މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ހިނގި ޚަރަދުގެ ތަފްސީލް އާންމުކޮށްފައެވެ.
ހަފްތާ 104 ގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން#Hafthaa104 pic.twitter.com/SeqTvqFPwv
— NSPA (@NSPAmaldives) November 25, 2025
އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގައި ޚަރަދުކުރެވުނު 47.4 މިލިޔަން ރުފިޔާގެ ތެރެއިން އެންމެ ގިނަ ޚަރަދުކޮށްފައިވަނީ އަމިއްލަ ޚިދުމަތްދޭ ފަރާތްތަކަށެވެ. އެގޮތުން 17,117 މީހަކަށް އަމިއްލަ ތަންތަނުން ޚިދުމަތް ހޯދުމަށް 32.6 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ އިތުރުން ސަރުކާރުގެ ހޮސްޕިޓަލުތަކަށް 14.7 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެއީ 7,382 މީހަކު އައިނު ހެއްދުމަށް ކޮށްފައިވާ ޚަރަދެވެ.
އާންމު ދިރިއުޅުމަށް މުހިންމު އެއްޗަކަށް އައިނުވެފައިވާއިރު، އައިނު ހެއްދުން ވެފައިވަނީ ރާއްޖޭގައި ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަކަށެވެ. މިކަންކަމަށް ހައްލެއް ހޯއްދެވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން އައިނު ހެއްދުމުގެ ޚިދުމަތްވެސް ފައްޓަވާފައެވެ.
މިހާރު އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވާ ޚިދުމަތް ދޭން ފަށާފައިވާއިރު، މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތަކެއްގައި އައިނު ފިހާރަ ހެދުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. އެގޮތުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.