Ads by Stelco

ޚަބަރު

ރަށު ކައުންސިލާއި ސިޓީ ކައުންސިލްގެ މެމްބަރުންގެ ޢަދަދަށް ބަދަލުގެންނަން ހުށައެޅި ހުށައެޅުން ކޮމިޓީއިން ފާސްކޮށްފި

ރަށު ކައުންސިލާއި ސިޓީ ކައުންސިލްގެ މެމްބަރުންގެ ޢަދަދަށް ބަދަލުގެންނަން ހުށައެޅި ހުށައެޅުން ކޮމިޓީއިން ފާސްކޮށްފި

ރައްޔިތުންގެ މަޖިލިސްކުރާ ގެ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ނޮވެމްބަރު 2025، 12:50

25 ނޮވެމްބަރު 2025، 12:50

 

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާޙުތަކެއް، މަޖިލީހުގެ ވަގުތީ ކޮމިޓީއިން ފާސްކޮށްފިއެވެ. 

މި އިސްލާޙުތަކުގެ މައިގަނޑު މަޤްޞަދަކީ އަތޮޅު ކައުންސިލްތައް އުވާލައި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ ޢަދަދު އާބާދީއާ ގުޅޭ ގޮތަށް ބަދަލުކުރުމެވެ. މި ބިލުތައް ދިރާސާކުރުމަށް އެކުލަވައިލި ވަގުތީ ކޮމިޓީން މި ނިންމުން ނިންމީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ހުށަހެޅުނު އިސްލާޙުގެ ދަށުން، އެ ޤާނޫނުގައި އަތޮޅު ކައުންސިލްތަކާއި ގުޅޭގޮތުން ހުރި ހުރިހާ ބައިތަކެއް އުނިކުރުމަށް ވަނީ ހުށަހަޅާފައެވެ. މިއާއެކު، ލާމަރުކަޒީ ނިޒާމުގެ ދަށުން އަތޮޅު ކައުންސިލްތައް އުވާލުމުގެ މަގު ފަހިވެގެންދާނެއެވެ. މި ބިލު ފާސްކުރުމަށް ކޮމިޓީން ނިންމީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެންމެ ގިނަ އަދި މުހިންމު ބަދަލުތަކެއް ހިމެނޭ އިސްލާޙުތައް ހުށަހަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނަށެވެ. މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ހުށަހެޅުއްވި މި އިސްލާޙުގެ ދަށުން، ރަށު ކައުންސިލްތަކުގެ މެންބަރުންގެ ޢަދަދު އާބާދީއަށް ބިނާކޮށް ބަދަލުކުރެވޭނެއެވެ. 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ރަށްރަށުގެ ކައުންސިލްގައި ކައުންސިލް ރައީސް ހިމެނޭހެން 3 ކައުންސިލަރުން ތިބޭނެއެވެ. އަދި އެއަށްވުރެ ބޮޑު އާބާދީގެ ރަށްރަށުގައި ކައުންސިލް ރައީސް ހިމެނޭހެން 5 ކައުންސިލަރުން ތިބޭނެއެވެ. މިހާރުގެ ޤާނޫނުގައި ކޮންމެ ރަށު ކައުންސިލެއްގައިވެސް 5 މެންބަރުން ތިބުމަށް ވަނީ ކަނޑައަޅާފައެވެ.

މި އިސްލާޙުގެ ދަށުން ރަށު ކައުންސިލްތަކުގެ އަންހެނުންނަށް ޚާއްސަ ގޮނޑިތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. 3 ކައުންސިލަރުން އިންތިޚާބު ކުރާ ކައުންސިލްތަކުގައި އެއް ގޮނޑި އަންހެނުންނަށް ޚާއްސަވާނެއެވެ. 5 ކައުންސިލަރުން އިންތިޚާބު ކުރާ ކައުންސިލްތަކުގައި މިހާރުވެސް ޢަމަލުކުރާ ގޮތަށް 2 ގޮނޑި ޚާއްސަވާނެއެވެ. މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ މެންބަރުންގެ ޢަދަދު ކައުންސިލަރުންގެ ޢަދަދާ އެއްވަރު ކުރުމަށާއި، ކޮމިޓީގެ ރައީސް އިންތިޚާބުކުރާނެ ގޮތަށް ބަދަލުގެނެސް، އެ މަޤާމަކީ ފުލްޓައިމް މަޤާމެއްގެ ގޮތުގައި ހަމަޖެއްސުމަށްވެސް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން، އެއްވެސް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށް އިންތިޚާބުވާ ކައުންސިލަރަކު އެ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ގޮތަށް އިސްލާޙު ގެނައުމަށް ވަނީ ހުށަހަޅާފައެވެ. 

ހަމައެއާއެކު، އަމިއްލަގޮތުން ވާދަކޮށް އިންތިޚާބުވާ ކައުންސިލަރަކު ސިޔާސީ ޕާޓީއަކާ ގުޅިއްޖެނަމަވެސް، ކައުންސިލްގެ ގޮނޑި ގެއްލޭނެ ގޮތަށް ވަނީ އިސްލާޙު ހުށަހަޅާފައެވެ. މި ބަދަލަކީ ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ ސިޔާސީ ހައިސިއްޔަތު ދެމެހެއްޓުމަށް ގެނެވޭ ބަދަލެކެވެ.

މި ބިލު ދިރާސާކުރުމުގެ މަރުހަލާގައި ކޮމިޓީން ވަނީ ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ ޢަދަދު ކަނޑައެޅުމަށް އިތުރު އިސްލާޙުތަކެއް ގެނެސްފައެވެ. މާލެ ސިޓީއާއި ފުވައްމުލައް ސިޓީ ފިޔަވައި އެހެން ސިޓީތަކުގެ ކައުންސިލް މެންބަރުންގެ ޢަދަދު އާބާދީއަށް ބިނާކޮށް ބަދަލުކުރުމަށް ހުށަހެޅިއެވެ. އެގޮތުން އާބާދީ 10,000 އާއި 25,000 ދެމެދުގެ ސިޓީތަކަށް މޭޔަރު ހިމެނޭހެން 7 ކައުންސިލަރުން، 25,000 އާއި 50,000 އާ ދެމެދުގެ ސިޓީތަކަށް 11 ކައުންސިލަރުން، އަދި 50,000 އަށްވުރެ އިތުރުނަމަ 15 ކައުންސިލަރުން އިންތިޚާބު ކުރެވޭނެއެވެ.

ސިޓީ ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަ ގޮނޑިތައް ކަނޑައެޅުމަށް ހުށަހަޅާފައިވަނީ، ހުރިހާ ދާއިރާއެއް ހަމަހަމަވާ ގޮތަށް ދައުރުވާނެ އުސޫލެއްގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ގޮތަކަށެވެ. ކޮމިޓީގައި ހުށަހެޅުނު ހުރިހާ އިސްލާޙުތަކާއެކު މި ބިލު ފާސްކޮށްފައިވަނީ، ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލުތައް ދެން ފޮނުވާނީ މަޖިލީހުގެ ޖަލްސާއަށް ފާސްކުރުމަށް ކަމަށް މަޖިލީހުން ވަނީ ހާމަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން