Ads by Stelco

ޚަބަރު

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި "އޮޕަރޭޝަން އަލިމަގު"ގެ ތަފްސީލު މިއަދު ހާމަކުރަނީ

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި "އޮޕަރޭޝަން އަލިމަގު"ގެ ތަފްސީލު މިއަދު ހާމަކުރަނީ

މީގެ ކުރިން ފުލުހުންގެ އޮޕަރޭޝަނަކުން އަތުލި މަސްތުވާތަކެތި ފޮޓޯ: ފުލުހުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ނޮވެމްބަރު 2025، 11:53

25 ނޮވެމްބަރު 2025، 11:53

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ފެށި ބޮޑު ކުއްލި އޮޕަރޭޝަން "އަލިމަގު"ގެ ތަފްސީލުތައް ހާމަކުރުމަށް މިއަދު މެންދުރު 2:15 ގައި ޕްރެސް ކޮންފަރެންސެއް ބާއްވަން ފުލުހުން ތައްޔާރުވެއްޖެ އެވެ. 

"އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި މި މަހުގެ 13 ވަނަ ދުވަހު ފެށި މި އޮޕަރޭޝަނަކީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފަހުގެ ތާރީޚެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގި އެއް ހަރަކާތެވެ. މި އޮޕަރޭޝަނުގައި އެއްފަހަރާ 100 ސަރަހައްދު ފާސްކޮށް، މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވާ 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރެވުނެވެ. މިކަމާ ގުޅޭގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ، ހައްޔަރުކުރެވުނު މީހުންނަކީ ޑްރަގް ވިޔަފާރީގެ ހުރިހާ ފަންތިއެއްގެ މީހުން - ކުދި، މެދު މިނުގެ އަދި އެންމެ ބޮޑެތި ވިޔަފާރިވެރިން ވެސް ހިމެނޭ ކަމަށެވެ.

މިނިސްޓަރު އިހުސާން ވަނީ ޑްރަގް ވިޔަފާރިއާ ދެކޮޅަށް ސަރުކާރުން ވަރަށް ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ޑްރަގް ވިއްކުމުގައި އުޅުނު މީހުން މިއަދަށް ފަހު ދެން ޖެހޭނީ އެކަންތައް ހުއްޓާލަން ކަމަށާއި ރާއްޖޭގައި ދެން އެ ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ޑްރަގް ވިޔަފާރި ހުއްޓުވަން ރާއްޖޭގައި ގާނޫނީ ގޮތުން އެޅެން ހުރި އެންމެ ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމަށާއި ޑްރަގް ވިޔަފާރި ކުރާ ނަމަ "ރާއްޖޭގައި އުޅެން އުނދަގޫ ކުރާނެ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މި ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެއް ވަގުތެއްގައި 100 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކުރުމުގެ އެ އޮޕަރޭޝަނުގައި 500 އަށް ވުރެ ގިނަ ފުލުހުން ބައިވެރިވި ކަމަށެވެ. އަދި އެއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފަހުގެ ތާރީހެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގި ހަރަކާތް ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން