ޚަބަރު
މިސްކިތްތަކަށް ގެއްލުންދިނުން ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފި
މާލޭގެ ފުރުޤާން މިސްކިތަށް މީގެކުރިން މީހަކު ގެއްލުންދީފައި ފޮޓޯ: ސަން އޮންލައިން
ރާއްޖޭގެ މިސްކިތްތަކަށް ގެއްލުންދިނުމުގެ އަމަލުތައް ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ގާނޫނުގައި ވަކިން ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ. މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅުއުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
ހުށަހެޅުއްވި ބިލުގައި ހުށަހަޅާފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 4 ވަނަ މާއްދާގެ ށ. ގެ 7 ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކޮށް، "މިސްކިތަށް ގެއްލުން ދިނުން" ހިމެނުމަށެވެ. ގާނޫނުގެ އެ މާއްދާ އަކީ ވަކި މަގުސަދުތަކެއް ހާސިލުކުރުމުގެ ބޭނުމުގައި ހިންގައިފި ނަމަ ޓެރަރިޒަމަށް ވާނެ އަމަލުތައް ކަނޑައަޅާފައިވާ މާއްދާ އެވެ.
ބިލު ހުށަހެޅުއްވި މަގުސަދުގެ ގޮތުގައި ބިލުގެ ތައާރަފްގައި މެންބަރު ކުޑޫ ވިދާޅުވެފައި ވަނީ "ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ މި ގައުމުގައި މިސްކިތްތަކަށް ގެއްލުންދިނުން އާއްމު" ވެފައިވާ ކަމަށެވެ. އަދި އެފަދަ އަމަލުތަކަކީ މިސްކިތުގެ ކަރާމަތަށް އުނިކަން ލިބޭ ފަދަ އަމަލުތައް ކަމަށާއި އެފަދަ އަމަލުތައް ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނުން މުހިއްމު ކަަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ޓެރަރިޒަމްގެ އަމަލުތަކުގެ ގޮތުގައި މިހާރު ވެސް ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ދިނުމާއި، ކުށްކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުން ހިމެނެ އެވެ. މީގެ އިތުރުން މީހުން ރަހީނުކުރުމާއި މުދަލަށް ބޮޑެތި ގެއްލުންތައް ދިނުމާއި ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދުތައް ހައިޖެކްކުރުމަކީ ވެސް އެ ގާނޫނުގައި ޓެރަރިޒަމް ކަަމަށް ކަނޑައަޅާފައިވާ ކަންތައްތަކެވެ.
އާއްމުންނަށް ނުވަތަ އާއްމުންގެ ތެރެއިން ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ނުރައްކަލެއްވާ ފަދަ ހާލަތެއް ކުރިމަތިކުރުމާއި މުހިއްމު އުމްރާނީ ވަސީލަތަކަށް ގެއްލުން ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލުން ވެސް ޓެރަރިޒަމްގެ އަމަލުތައް ކަމަށް ގާނޫނުގައި މިހާރު ވެސް ބަޔާންކޮށްފައިވެ އެވެ.