ދުނިޔެ
އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަން މެލޭޝިއާއިން ނިންމައިފި
މެލޭޝިޔާގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލްމީޑިއާ ބޭންކުރުން
މެލޭޝިއާއިން އަންނަ އަހަރުން ފެށިގެން އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ނިންމައިފިއެވެ.
މި ނިންމުމަކީ ކުޑަކުދިންގެ ސަލާމަތަށްޓަކައި ޑިޖިޓަލް ޕްލެޓްފޯމްތަކަށް ވަނުން ހަނިކުރަން މަސައްކަތްކުރާ ގައުމުތަކުގެ ލިސްޓަށް މެލޭޝިއާ އިތުރުވުން ރަމްޒުކޮށްދޭ ކަމެކެވެ.
ކޮމިއުނިކޭޝަންސް މިނިސްޓަރު ފަހްމީ ފަޒިލް އާދީއްތަ ދުވަހު ވިދާޅުވީ، ސައިބަބުލީން، މާލީ މަކަރާއި ހީލަތް އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ އޮންލައިންކޮށް ހިންގާ ނުރައްކާތަކުން ޒުވާނުން ރައްކާތެރިކުރުމުގެ ބޭނުމުގައި، ސޯޝަލް މީޑިއާ ބޭނުންކުރުމަށް އުމުރުގެ ހައްދު ކަނޑައެޅުމަށް އޮސްޓްރޭލިއާ އަދި އެހެން ޤައުމުތަކުގައި ބޭނުންކުރާ އުސޫލުތައް ސަރުކާރުން ދަނީ ދިރާސާކުރަމުންނެވެ.
ލޯކަލް ދުވަހު ނޫސް 'ދަ ސްޓާރ' އިން އޮންލައިންކޮށް ޝާއިޢުކޮށްފައިވާ ވީޑިއޯއެއްގައި އޭނާ ވިދާޅުވީ "އަޅުގަނޑުމެން އުންމީދުކުރަނީ އަންނަ އަހަރުގެ ނިޔަލަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ސަރުކާރުގެ މި ނިންމުމަށް ތަބާވެ، 16 އަހަރުން ދަށުގެ މީހުންނަށް ޔޫޒަރ އެކައުންޓް ހުޅުވުން މަނާކުރާނެ" ކަމަށެވެ.
ކުޑަކުދިންގެ ޞިއްޙަތާއި ސަލާމަތަށް ސޯޝަލް މީޑިއާގެ އަސަރުތައް ދަނީ ދުނިޔޭގެ ފެންވަރުގައި ބޮޑު ކަންބޮޑުވުމަކަށް ވަމުންނެވެ. ޓިކްޓޮކް، ސްނެޕްޗެޓް، ގޫގުލް އަދި ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕް ހިންގާ މެޓާ ޕްލެޓްފޯމްސް ފަދަ ކުންފުނިތަކާ ދެކޮޅަށް އެމެރިކާގައި ވަނީ ނަފްސާނީ ޞިއްޙަތުގެ މައްސަލަތައް އިތުރުކުރުމުގައި އެ ކުންފުނިތަކުގެ ދައުރާ ގުޅޭ ގޮތުން ދައުވާކޮށްފައެވެ.
އޮސްޓްރޭލިއާގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރެގިއުލޭޓަރުން ގާތުން ބަލަމުންދާ ބެލުމުގެ ދަށުން، އަންނަ މަހު 16 އަހަރުން ދަށުގެ ކުދިންގެ އެކައުންޓްތައް ޑިއެކްޓިވޭޓް ކުރަން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ވަނީ ތައްޔާރުވެފައެވެ.
މީގެ އިތުރުން، ފްރާންސް، ސްޕެއިން، އިޓަލީ، ޑެންމާކް އަދި ގްރީސް އިން ވެސް އުމުރު ކަށަވަރުކުރުމުގެ އެޕްލިކޭޝަނެއްގެ ޓެމްޕްލޭޓެއް ގުޅިގެން ޓެސްޓުކުރަމުން ގެންދެއެވެ.
މެލޭޝިއާގެ އަވަށްޓެރި އިންޑޮނޭޝިއާއިން ވެސް މިދިޔަ ޖެނުއަރީ މަހު ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންނަށް އެންމެ ކުޑަމިނުގެ އުމުރެއް ކަނޑައެޅުމަށް ރާވާފައެވެ. ނަމަވެސް، ފަހުން ވަނީ ނެގެޓިވް ކޮންޓެންޓް ފިލްޓަރުކުރުމަށް އަދި އުމުރު ކަށަވަރުކުރުމުގެ ޤަވާއިދުތައް ވަރުގަދަކުރުމަށް ޓެކް ޕްލެޓްފޯމްތަކަށް އަންގާ، އެހާ ހަރުކަށި ނޫން ޤަވާއިދެއް ނެރެފައެވެ.
މެލޭޝިއާއިން ވަނީ އޮންލައިން ޖުވާ އަދި ނަސްލާއި، ދީނާއި، ރަސްކަމާ ގުޅުންހުރި ޕޯސްޓްތައް ފަދަ ގެއްލުންދެނިވި ކޮންޓެންޓް އިތުރުވުމާ ގުޅިގެން ފާއިތުވި އަހަރުތަކުގައި ސޯޝަލް މީޑިއާ ކުންފުނިތައް ވަކިން ބޮޑަށް ބަލައި ފާސްކުރަން ފަށާފައެވެ.
މި ޖެނުއަރީ މަހު ޢަމަލުކުރަން ފެށި އާ ޤަވާއިދެއްގެ ދަށުން، މެލޭޝިއާގައި 8 މިލިއަނަށް ވުރެ ގިނަ ޔޫޒަރުން ތިބޭ ޕްލެޓްފޯމްތަކާއި މެސެޖިންގ ސަރވިސްތަކުން މިހާރު ލައިސަންސެއް ހޯދަން ޖެހެއެވެ.