ޚަބަރު
އަތޮޅު ކައުންސިލު އުވާލާ އިސްލާޙު ކޮމިޓީން ފާސްކޮށްފި
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން، ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާޙުތަކުގެ ތެރެއިން އަތޮޅު ކައުންސިލް އުވާލުމާ ގުޅޭ އިސްލާޙު ފާސްކޮށްފިއެވެ.
ނަމަވެސް، މެންބަރުންގެ ގޮނޑި ގެއްލުމާ ގުޅޭގޮތުން ހުށަހެޅުނު އިސްލާޙު ވަނީ އުނިކޮށްފައެވެ. މި އިސްލާޙުތައް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢުއެވެ.
ޝުޖާޢު ހުށަހެޅުއްވި ދެ އިސްލާޙުގެ ތެރޭގައި ހިމެނެނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީން ވަކިކޮށްފި ހާލަތެއްގައި ގޮނޑިއާމެދު ގޮތެއް ނިންމުމަށް އެ މެންބަރެއްގެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހެޅުއްވި އިސްލާހަކާއި، އަތޮޅު ކައުންސިލް އުވާލުމާ ގުޅޭ އިސްލާޙެކެވެ. މިހާރު ޤާނޫނުއަސާސީގައިވާ ގޮތުން މެންބަރަކު ޕާޓީން ވަކިކުރާ ހާލަތެއްގައި އެ މެންބަރެއްގެ ގޮނޑި ގެއްލެއެވެ.
މެންބަރުންގެ ގޮނޑި ގެއްލުމާ ގުޅޭގޮތުން ހުށަހެޅުނު އިސްލާޙާ ދެކޮޅަށް ގިނަ މެންބަރުން ވަނީ ވާހަކަދައްކަވާފައެވެ. ގިނަ މެންބަރުން ފާޅުކުރެއްވި ކަންބޮޑުވުމަކީ، އެ އިސްލާޙުގެ ސަބަބުން ދެ ފަހަރަށް އެއް ދާއިރާއެއްގައި އިންތިޚާބު ބާއްވަންޖެހި ޚަރަދުތައް ބޮޑުވުމުގެ ފުރުސަތު އޮތުމެވެ. އަދި ރައްޔިތުން މެންބަރުން އިންތިޚާބު ކުރަނީ ވަކި ޕާޓީއަކަށް އިތުބާރުކޮށްގެން ކަމަށްވާއިރު، ޕާޓީން ވަކިކުރާ ޙާލަތެއްގައި މެންބަރެއްގެ ގޮތުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ގިނަ މެންބަރުން ވިދާޅުވިއެވެ. އެހެންކަމުން، ދެވަނަ ފަހަރަށް އިންތިޚާބު ބާއްވައި ރައްޔިތުން ބޭނުންވާ މެންބަރަކު އިންތިޚާބު ކުރުން މާ ރަނގަޅު ކަމަށް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.
މި ބަހުސްތަކަށްފަހު، މުޅި މަޖިލީހުގެ ކޮމިޓީގައި މި މައްސަލަ ދިރާސާކުރުމުގެ ތެރޭގައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވަނީ ޤާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާޙުން މެންބަރުންގެ ގޮނޑި ގެއްލުމާ ގުޅޭ މާއްދާ އުވާލުމަށް ހުށަހަޅުއްވާފައެވެ. މި ހުށަހެޅުން ފާސްވީ 50 މެންބަރުންގެ ވޯޓުންނެވެ.
އަތޮޅު ކައުންސިލް އުވާލުމަށް ހުށަހެޅުނު އިސްލާޙަށް ގިނަ މެންބަރުންގެ ތާއީދު ލިބިފައިވާތީ، މުޅި މަޖިލީހުގެ ކޮމިޓީން ވަނީ އެ އިސްލާޙު ފާސްކުރުމަށް ނިންމާފައެވެ. މި އިސްލާޙު ފާސްވީ 52 މެންބަރުންގެ ވޯޓުންނެވެ. މި ނިންމުމާއެކު، ޤާނޫނުއަސާސީއަށް މިހާރު ހުށަހެޅިފައިވާ އިސްލާޙުތަކުގެ ތެރެއިން އަތޮޅު ކައުންސިލް އުވާލުމުގެ އިސްލާޙު ވަނީ ކޮމިޓީ މަރުހަލާ ފަހަނައަޅައިފައެވެ.