Ads by Stelco

ޚަބަރު

އިޖުތިމާޢީ އަދި ރަސްމީ ޚިދުމަތުގެ އިތުރަށް އަންހެނުންނަކީ ގޭތެރޭގެ ވަރަށް ބުރަބޮޑު ޒިންމާތަކެއް އުފުލާބައެއް: ފަސްޓް ލޭޑީ

އިޖުތިމާޢީ އަދި ރަސްމީ ޚިދުމަތުގެ އިތުރަށް އަންހެނުންނަކީ ގޭތެރޭގެ ވަރަށް ބުރަބޮޑު ޒިންމާތަކެއް އުފުލާބައެއް: ފަސްޓް ލޭޑީ

މެޑަމް ސާޖިދާ މުޙައްމަދު/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

24 ނޮވެމްބަރު 2025، 03:00

24 ނޮވެމްބަރު 2025، 03:00

އިޖުތިމާޢީ އަދި ރަސްމީ ޚިދުމަތުގެ އިތުރަށް އަންހެނުންނަކީ ގޭތެރޭގެ ވަރަށް ބުރަބޮޑު ޒިންމާތަކެއް އުފުލާބައެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، ސްޓެލްކޯއިން ކުރިއަށް ގެންދިޔަ ''ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން'' ގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، އިޖުތިމާޢީ އަދި ރަސްމީ ޚިދުމަތުގެ އިތުރަށް އަންހެނުންނަކީ ގޭތެރޭގެ ވަރަށް ބޮޑު، ވަރަށް ބުރަ ޒިންމާތަކެއް އުފުލާބައެއް ކަމަށެވެ. އެހެންކަމުން، އަންހެނުންނަށް މިފަދަ ހުނަރުތައް ދަސްކޮށްދިނުމުން ވަރަށް ބޮޑެތި ބަދަލުތައް އަންނާނެކަމުގެ ޔަޤީންކަން އެކަމަނާ ވަނީ ދެއްވާފައެވެ. ހަމަ އެހެންމެ، މިއީ އަސާސީ ފެންވަރުގެ ކޯހެއް ނަމަވެސް އަންހެނުންނަށް ޢިލްމާއި، ހުނަރާއި ތަމްރީން މިކޯހުން ލިބިވަޑައިގަންނަވާތީ މިއީ ވަރަށްބޮޑު ހެޔޮބަދަލެއްގެ ފެށުމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ގޭތެރެއިން މަންމަ އަބަދުކުރަމުން އަންނަ މަސައްކަތެއް ގޭތެރެއިން ދިރިގެން އައުމަކީ ވަރަށް ގިނައިން ވާކަމެއް ކަމަށާއި، މި ކޯހުގެ ސަބަބުން މުޖުތަމަޢަށާއި އަންހެނުންގެ ހުނަރާއި ކެރުމާއި އުފެއްދުންތެރިކަމަށް ކުރިއެރުންތަކެއް އަންނާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ގޭތެރޭގައި ކަރަންޓް ބޭނުންކުރުމުގައި ރައްކާތެރިކަމާއި، ޚަރަދު ކުޑަކުރާނެ ގޮތުގެ އިތުރުން އެކަށޭނަ ގޮތުގައި ކަރަންޓު ބޭނުންކުރުމުގެ މަޢުލޫމާތު މިކޯހުގެ ބައިވެރިންނަށް އުނގަންނައިދެއްވާފައިވާ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

ސްޓެލްކޯއިން 7 ބުރަކަށް ބަހާލައިގެން ހިންގި މި ކޯސް ޖުމުލަ 116 ބައިވެރިން  ފުރިހަމަކޮށްފައިވާއިރު، މި ކޯހުގެ މައިގަނޑު މަޤުޞަދަކީ ގޭތެރޭގައި ހައްލުކުރަން ޖެހޭ ކަރަންޓުގެ މައްސަލަތައް ގޭތެރެއިން ހައްލުކުރެވޭނެ މަގުފަހިކޮށްދެއްވުމެވެ. މިއަދުގެ ރަސްމިއްޔާތުގައި ކޯސް ފުރިހަމަކުރި 81 ބައިވެރިޔަކަށް ސެޓްފިކެޓް ޙަވާލުކޮށްފައިވާއިރު، މީގެ ތެރެއިން 30 ބައިވެރިއަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.

މި  ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަމާހް ރަޝީދު އަދި އެ ކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން