ޚަބަރު
ޕޭ ހާމަނައިޒްވެ މުސާރައަށް އައިސްފައިވާ ކުރިއެރުން ފުރިހަމަގޮތުގައި މުވައްޒަފުންނަށް ލިބެން ފަށާނީ ޑިސެންބަރު މަސް ނިމޭއިރު: މާލިއްޔާ
ގިނަ ޢަދަދެއްގެ ސިވިލް ސާވެންޓުން މަސައްކަތްކުރާ ވެލާނާގެއިން ބަޔަކު ނުކުންނަނީ. ފޮޓޯ: ސަން
ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމަށް ތަޢާރަފުކުރި ޕޭ ފްރޭމްވޯކުގެ ދަށުން މުސާރައަށް އައިސްފައިވާ ކުރިއެރުން އެންމެ ފުރިހަމަގޮތުގައި މުވައްޒަފުންނަށް ލިބެން ފަށާނީ ޑިސެންބަރު މަސް ނިމޭއިރު ލިބޭ މުސާރައިން ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މި ބަދަލު ފުރިހަމަގޮތުގައި ނުލިބޭ ސަބަބަކީ މުވައްޒަފުންގެ ހާޒިރީއަށް ބަލައިގެން އެލަވަންސްތައް ހިސާބުކުރާ އުސޫލުގައި ގެނެވުނު ބަދަލާ ގުޅިގެން ކަމަށް މާލީ ވުޒާރާއިން ހާމަކުރެއެވެ.
މާލީ ވުޒާރާއިން ވިދާޅުވިގޮތުގައި، މުވައްޒަފުންނަށް ދެމުންދާ އެލަވަންސްތަކާއި ޢިނާޔަތްތައް ހިސާބު ކުރަމުންދާ އުސޫލަކީ ވޭތުވެދިޔަ މަހުގެ 16 އިން ހިނގާ މަހުގެ 15 ގެ ނިޔަލަށް ކަމުގައިވާތީ، ނޮވެންބަރު މަހުގެ މުސާރަ ލިބޭއިރު ލިބޭނީ ޕޭ ފްރޭމްވަރކްގެ ދަށުން މަގާމުތަކަށް ކަނޑައަޅާފައިވާ އެލަވަންސްތަކާއި ޢިނާޔަތްތަކުގެ އެއްބައި ކަމަށެވެ. މީގެ ތަފްސީލު ހާމަކުރައްވަމުން ވުޒާރާއިން ވިދާޅުވީ، ނޮވެންބަރ މަހުގެ މުސާރަ ހިސާބުކުރާއިރު، އޮކްޓޫބަރު 16 އިން 31 އަށް ހިސާބުކުރާނީ އޮކްޓޫބަރު މަހުގެ އެލަވަންސާއި ޢިނާޔަތްތައް ހިމަނައިގެން ކަމަށާއި، އަދި ނޮވެންބަރު 1 ން 15 ގެ ނިޔަލަށް ހިސާބުކުރާނީ އާ ޕޭ ފްރޭމްވޯކުގެ ދަށުން ކަމަށެވެ. މިހެންކަމުން، އެންމެ ފުރިހަމަ ކުރިއެރުން ލިބެން ފަށާނީ ޑިސެންބަރު މަހުގެ މުސާރައިންނެވެ.
ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމާގުޅިގެން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަވާ ހާލަތެއް މެދުވެރިވެއްޖެނަމަ، ކުޑަވާބައި ހަމަޖެއްސުމަށްޓަކައި ޚާއްސަ އިންތިޒާމެއް ހަމަޖައްސާފައިވާކަން މާލީ ވުޒާރާއިން ފާހަގަކުރެއެވެ. ވުޒާރާއިން ވިދާޅުވީ، ޕޭ ކޮމިޝަނުން ތަޢާރަފުކޮށްފައިވާ "މައިގްރޭޝަން އެލަވަންސް ދޭނެ ގޮތުގެ މިންގަނޑު" އާ އެއްގޮތަށް މައިގްރޭޝަން އެލަވަންސް ހަމަޖެހިގެންދާނެ ކަމަށެވެ. މީގެ ސަބަބުން އެއްވެސް މުވައްޒަފަކަށް މާލީގޮތުން ގެއްލުމެއް ނުވާނެކަން ކަށަވަރުކޮށްދެއެވެ.
މާލީ ވުޒާރާއިން ހާމަކުރާ ގޮތުގައި، ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާފައިވަނީ، ދައުލަތުގެ އިދާރާތަކުން މުވައްޒަފުންނަށް ވަކި މިންވަރެއްގެ ޖުމްލަ އުޖޫރައެއް ދިނުމަށް ގިނަ ވަގުތު އިތުރުގަޑީގެ ފައިސާ ދެވޭގޮތަށް އޮތް ނިޒާމު ބަދަލުކޮށް، މަސައްކަތު ގަޑީގެ ބޭނުން ފުރިހަމަގޮތުގައި ހިފުމުގެ ސަޤާފަތެއް އާލާކުރުމަށް ކަމަށެވެ. މީގެ އިތުރުން މުވައްޒަފުންގެ އާމްދަނީއަށް ކުރިއެރުން ލިބޭނެ ގޮތަކަށް ޢަމަލުކުރުމާއި، ވަރކް-ލައިފް ބެލެންސެއް ގެނެސް ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަށް މަގުފަހި ކުރުންވެސް މި އޮނިގަނޑުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކޮށް ޢަމަލުކުރަން ފެށި މި ޕޭ ފްރޭމްވޯކުގެ ދަށުން 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެ ކަމަށް ލަފާކުރެވެއެވެ. ނޭޝަނަލް ޕޭ ފްރޭމްވޯކަކީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ދައުލަތުގެ ހުރިހާ އިދާރާއެއްގެ މުސާރައާއި އިނާޔަތް އެއްހަމަ ކުރުމުގެ ގޮތުން ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާފައިވާ މުހިންމު އޮނިގަނޑެކެވެ.