ޚަބަރު
ސްޓްލްކޯއިން ހިންގި ކަރަންޓުގެ މަސައްކަތްތައް ދަސްކޮށްދޭ ކޯސް 116 އަންހެނުން ފުރިހަމަ ކޮށްފި
ކޯސް ފުރިަހަމަކުރެއްވި ކަނބަލުންނަށް ސެޓްފިކެޓް ހަވާލުކުރެއްވުން. ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯ (ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް) އިން އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ ފަށާ ފެންވަރުގެ ކަރަންޓު މަސައްކަތުގެ ކޯސް ކަމަށްވާ "ބިގިނަރސް އިލެކްޓްރިކް ކޯސް ފޯ ވިމަން" 116 އަންހެނުން ފުރިހަމަކޮށްފިއެވެ.
މި ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.
ސްޓެލްކޯއިން މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަޤްޞަދަކީ ކަރަންޓުގެ މަސައްކަތްތަކަށް އަންހެނުން ޝައުގުވެރިކަން އިތުރުކޮށް، ފިރިހެނުންނެކޭ އެއްގޮތަށް މި ދާއިރާގެ ހުނަރާއި ތަޖުރިބާ ލިބިފައިވާ ބަޔަކަށް ހެދުމެވެ. އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 116 އަންހެނުން ބައިވެރިވެ ފުރިހަމަކުރިއިރު، ރަސްމިއްޔާތުގެ ތެރެއިން 80 އަންހެނުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ 7 ބެޗަކަށް ބަހާލައިގެން، 3 ދުވަހަށް، ކޮންމެ ދުވަހަކު 3 ގަޑިއިރަށެވެ.
ކޯހުގެ ބައިވެރިންނަށް ކަރަންޓުގެ މަސައްކަތްތަކާ ގުޅޭ އަސާސީ ތަމްރީންތަކާއި ތަޖުރިބާ ދީފައިވެއެވެ. މި ތަމްރީންތަކުގެ ތެރޭގައި ގޭތެރޭގައި އާއްމުކޮށް ބޭނުންކުރާ ކަރަންޓުގެ ވަސީލަތްތަކަށް ދިމާވާ ދަތިތައް ރައްކާތެރިގޮތުގައި ޙައްލުކުރުމާއި، އެކަމަށް ބޭނުންވާ ވަސީލަތްތަކާއި، ގޭތެރޭގައި ކަރަންޓު އިޤްތިޞާދު ކުރާނެ ގޮތްތައްވެސް ވަނީ ކިޔައިދީފައެވެ. މި ތަމްރީންތައް ދީފައިވަނީ ސްޓެލްކޯގެ އެންމެ ތަޖުރިބާކާރު މުވައްޒަފުންނެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަމާހު ރަޝީދު ވިދާޅުވީ، މިއީ ސަރުކާރުގެ ތަޞައްވުރާ އެއްގޮތަށް އެކި ދާއިރާތަކުން އަންހެނުންނަށް ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމަށް ހިންގަން ނިންމި ޕްރޮގްރާމެއްކަމަށެވެ. ޝަމާހު އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމްގެ ސަބަބުން އަމިއްލަ ހުނަރުތައް ތަރައްޤީވުމުގެ އިތުރުން، އާމްދަނީ ހޯދޭނެ ދާއިރާތަކަށް ދޮރު ހުޅުވާލަދިނުންވެސް ހިމެނޭ ކަމަށެވެ.
މިއީ އިތުރަށް ތަރައްޤީކޮށް އާމްދަނީ ހޯދުމަށްވެސް ބޭނުންކުރެވޭނެ ފުރުޞަތެއް. ބޮޑު ތަރުހީބެެއް ވަނީ ލިބިފައި
ޝަމާހު ވިދާޅުވިއެވެ.
މިއީ ސްޓެލްކޯގެ އިޖުތިމާޢީ ޒިންމާ (ސީ.އެސް.އާރް) ގެ ދަށުން 16 އަހަރުން މަތީގެ އަންހެނުންނަށް މުޅިން ހިލޭ ހުޅުވާލައިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. އެކި އުމުރުފުރައިގެ އަންހެނުންގެ ބޮޑު ތަރުހީބެއް ލިބޭ މިފަދަ ޕްރޮގްރާމުތަކަކީ، މި ދާއިރާއިން ތަމްރީނާ ހުނަރު ތަރައްޤީކުރުމަށް ސްޓެލްކޯއިން ދޭ އަހައްމިއްޔަތު ދައްކުވައިދޭ ކަމެކެވެ. ސްޓެލްކޯއިން ވަނީ މިފަދަ މަސައްކަތްތަކަށް ޚާއްސަކޮށް ތުލުސްދޫގައި، އެއްފަހަރާ 50 މީހުންނަށް ތަމްރީންދެވޭ ވަސީލަތްތަކާއެކު ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކެޑަމީގެ ނަމުގައި ޚާއްސަ ޓްރެއިނިން ސެންޓަރެއްވެސް ޤާއިމުކޮށްފައެވެ.