Ads by Stelco

ޚަބަރު

މިހާރު ވޯކް ވިސާގެ ގޮތުގައި ބަލާނީ ހަމައެކަނި އީ-ވިސާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފި

މިހާރު ވޯކް ވިސާގެ ގޮތުގައި ބަލާނީ ހަމައެކަނި އީ-ވިސާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފި

އިމިގްރޭޝަންގެ ޚިދުމަތް ދެނީ/ފޮޓޯ: އިމިގްރޭޝަން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

24 ނޮވެމްބަރު 2025، 01:23

24 ނޮވެމްބަރު 2025، 01:23

މިހާރު ވޯކް ވިސާގެ ގޮތުގައި ބަލާނީ ހަމައެކަނި އީ-ވިސާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މިހާރު ޕާސްޕޯޓުގައިވާ ވޯކް ވިސާ އޮޓޮމެޓިކުން އީ-ވިސާއަށް ބަދަލުވާނެ ކަމަށެވެ. އަދި ޕާސްޕޯޓުގައިވާ ވޯކް ވިސާއަކީ ޞައްޚަ ވިސާއެއް ކަމަށް މިހާރު ނުބެލެވޭނެ ކަމަށް ވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

އިމިގްރޭޝަނުން އިތުރަށް ވިދާޅުވީ، އީ-ވިސާގެ މުއްދަތު ދެން ބިނާވާނީ ވޯކް ޕާމިޓްގެ މުއްދަތަށް ކަމަށާއި ދެން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް ފަރާތްތަކަށް ކަމަށެވެ. ހަމަ އެހެންމެ، މިހާރު ރާއްޖެއިން ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް ފަރާތްތަކަށްކަން ފާހަގަކޮށް އިމިގްރޭޝަނުން ވިދާޅުވީ، އަލަށް ވޯކް ޕާމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީންނަށް އެތެރެވުމުގެ ހުއްދަ ދެވޭނީ ދާޚިލީ ވުޒާރާއިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް އޮވެގެން ކަމަށެވެ.

މިކަމަކީ ދިވެހިރާއްޖެ 2.0 ގެ ދަށުން ގެނެވުނު ބަދަލެއްކަމަށް ވާއިރު، ދިވެހިރާއްޖެ 2.0 އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ ދަށުން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިޞްލާޙީ ބަދަލުތަކަކާ ދިމާއަށް ގެންދިއުމަށް އިފްތިތާޙްކުރައްވާފައިވާ ޕްރޮގްރާމެކެވެ. ހަމަ އެއާއެކު، މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި، އަދި ދެފުށްފެންނަ ގޮތެއްގައި ޚިދުމަތް ދިނުމުގެ އަމާޒު ޙާޞިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާޞިލްކޮށްދިނުމަށް ހިންގަންފަށާފައިވާ މަޝްރޫޢެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށް ގެންދާ 'މޯލްޑިވްސް 2.0' މަޝްރޫޢުގެ ދަށުން ސައްތައިން ސައްތަ، ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭން ފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަންކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން