ޚަބަރު
އުރުދުން އާއި ފަލަސްޠީނަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަންކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި
އުރުދުން އާއި ފަލަސްޠީނަށް ކަނޑައަޅުއްވާ ސަފީރުންގެ ގޮތުގައި ނަން ފޮނުއްވެވި ދެބޭފުޅުން
އުރުދުން އާއި ފަލަސްޠީނަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާ ސަފީރުން ޢައްޔަންކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ދެ ޤައުމަށް ސަފީރުން ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަޖިލީހުގެ ރުހުމަށް އެދިވަޑައިގެންފައެވެ. ޤާނޫނު ބުނާ ގޮތުން، ޤައުމުތަކަށް ރެޒިޑެންޓް ނުވަތަ ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަންކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުރުދުންއަށް ކަނޑައަޅުއްވާ ސަފީރަކަށް ޢައްޔަންކުރެއްވުމަށް މަޖިލީހަށް ފޮނުއްވާފައިވަނީ ޑރ. ހާލާ ހަމީދުގެ ނަންފުޅެވެ. ޑރ. ހާލާއަކީ ޚާރިޖީ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން، މިހާރުވެސް އެކަމަނާ ހުންނެވީ ޚާރިޖީ ވުޒާރާގެ ބައިލެޓްރަލް ސެކްރެޓަރީގެ މަޤާމުގައެވެ. މި މަޤާމަށް އެކަމަނާ ޢައްޔަންކުރެއްވުމުގެ މަސައްކަތް މިހާރު ވަނީ މަޖިލީހުގެ ކޮމިޓީއަށް ފޮނުވިފައެވެ.
ފަލަސްޠީނަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރަކަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ޑރ. އިބްރާހީމް ޒުހުރީގެ ނަންފުޅެވެ. ޑރ. އިބްރާހީމް ޒުހުރީއަކީވެސް ޚާރިޖީ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އަދި މިހާރު އޭނާ ހުންނެވީ ޚާރިޖީ ވުޒާރާގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމުގައެވެ. ދެ ބޭފުޅުންނަކީ ވެސް ޚާރިޖީ ދާއިރާގައި އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ވުމަކީ، މި ދާއިރާގެ ތަޖުރިބާ އެ ބޭފުޅުންނަށް ލިބިފައިވާކަން ހާމަވާ ކަމެކެވެ.
މި ދެ ޤައުމަށް ޢައްޔަންކުރައްވާ ސަފީރުންނަކީ ވެސް ރާއްޖޭން އެމްބަސީތަކާއި ހައިކޮމިޝަންތައް ޤާއިމުކޮށްފައިނުވާ ޤައުމުތަކާ ގުޅުން ބަދަހިކުރުމުގެ ގޮތުން ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުންނެވެ. މި ސަރުކާރުން މިހާތަނަށް ވަނީ 27 ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަންކުރައްވާފައެވެ. މި ދެ ނަންފުޅަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކުރުމަށްފަހު، މަޖިލީހުގެ ޢާންމު ޖަލްސާއަށް ރުހުން ދިނުމަށް ފޮނުވާނެއެވެ.