Ads by Stelco

ޚަބަރު

ޔޫކޭގެ ޕާލިމެންޓަރީ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް މެޑަމް ސާޖިދާއާއި ބައްދަލުކުރައްވައިފި

ޔޫކޭގެ ޕާލިމެންޓަރީ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް މެޑަމް ސާޖިދާއާއި ބައްދަލުކުރައްވައިފި

ޔޫކޭގެ ޕާލިމެންޓަރީ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް މެޑަމް ސާޖިދާއާއި ބައްދަލުކުރެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ނޮވެމްބަރު 2025، 02:14

23 ނޮވެމްބަރު 2025، 02:14

ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) ގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމެންޓް އޮފީސް (އެފްސީޑީއޯ) ގެ ޕާލިމެންޓަރީ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް، ސީމާ މަލްހޯތްރާ އެމްޕީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދާ އިޙްތިރާމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ފަސްޓް ލޭޑީ ވަނީ ދިވެހިރާއްޖެއަށް، ޚާއްޞަކޮށް އިޤްތިޞާދީ ކުރިއެރުވުމަށް ޔޫކޭ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމާއި، ދެޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މިނިސްޓަރ ސީމާ މަލްހޯތްރާ ވަނީ އެފްސީޑީއޯއާ ގުޅުންހުރި ދާއިރާތަކުގައި ފަސްޓް ލޭޑީގެ ޝައުޤުވެރިކަމާއި، އެކަމަށް ދެއްވާ އެއްބާރުލެއްވުމަށްޓަކައި އެކަމަނާއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި އަންހެނުން ބާރުވެރިކުރުވުމާއި، ސިޔާސީ ދާއިރާގަޔާއި ވަޒީފާގެ މާހައުލުގައި އަންހެނުންގެ ލީޑަރޝިޕް، ޖެންޑަރ އަނިޔާއާ ކުރިމަތިލުން، ތަޢުލީމު، އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރު ހިމެނެއެވެ. 

ފަސްޓް ލޭޑީ ވަނީ ސިވިލް ސަރވިސްގައި މަސައްކަތްކުރެއްވުމުގެ ތަޖުރިބާއާއި، ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް އެކަމަނާ ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވައިލައްވާފައެވެ. އަދި، އަންހެނުންގެ ބައިވެރިވުމާއި ލީޑަރޝިޕް، ޚާއްޞަކޮށް ޕާލިމެންޓާއި ލޯކަލް ކައުންސިލްތަކުގައި އިތުރުކުރުމަށް ސަރުކާރުގެ ސިޔާސަތުތަކާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުންތައް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ސީމާ މަލްހޯތްރާ ވަނީ އެކި ދާއިރާތަކުން އަންހެނުން ކުރިއެރުވުމަށް އެކަމަނާ ކުރައްވާ މަސައްކަތްތަކުގެ ތަފްޞީލު ހިއްސާކުރައްވައި، ލީޑަރޝިޕްގަޔާއި ސިޔާސަތުގައި ހަމަހަމަކަން އޮތުމުގެ މުހިންމުކަން ބަޔާންކުރައްވާފައެވެ. އަދި، ޖެންޑަރާ ގުޅުންހުރި މައްސަލަތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް އެކަމަނާގެ ފަރާތުން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން