ޚަބަރު
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓުތަކެއް މަދުވެފައިވާ މައްސަލައެއް ތަހުޤީގުކުރަނީ
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ/ފޮޓޯ: ފުލުހުން
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު ކާޓަންތަކެއް މަދުވެފައިވާ މައްސަލައެއް ތަހުޤީގުކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޤާނޫނާއި ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓަން ސިނގިރޭޓް ވިލިމާލޭ ޕޮލިސް ސްޓޭޝަނުގައި ބަހައްޓާފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 6 ކާޓަން ސިނގިރޭޓް މަދުވެފައިވާ މައްސަލައެއް މިހާރު ތަހުޤީގުކުރަމުންދާ ކަމަށާއި، މި ތަކެއްޗަކީ ބިދޭސީއެއްގެ އަތުން މިއަހަރު މެއި މަހުގެ 23 ވަނަ ދުވަހު ނެގި ތަކެތި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، މި މައްސަލަ ތަހުޤީގުކުރަމުން ދަނިކޮށް މީގެ ކުރިން ވެސް މިފަދަ ކަމެއް ހިނގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން، މިދިޔަ 2024 ވަނަ އަހަރު ޑިސެމްބަރު މަހު 23 ވަނަ ދުވަހު 2 ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ، 25 ކާޓަން ސިނގިރޭޓު ވެސް މަދުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މިތަކެތި މަދުވެފައިވާކަން ފާހަގަކުރެވުނީ، މިތަކެތި ކަސްޓަމްސްއާއި ހަވާލުކުރުމަށް މިމަހުގެ 12 ވަނަ ދުވަހު ބެލުމުން ކަމަށެވެ.
މި ދެ މައްސަލައާއި ގުޅިގެން ޖިނާޢީ ތަހުޤީޤެއް ކުރަމުންދާ ކަމަށާއި، މައްސަލަތަކާއި ގުޅޭ އިދާރީ މައްސަލަތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.