ޚަބަރު
ޝަހީދު އަލީ ސްކޫލްގެ މަސައްކަތް އަންނަ ޑިސެމްބަރުގައި ނިމި، އައު ދިރާސީ އަހަރަށް ހުޅުވޭނެކަމަށް ތަޢުލީމީ ވަޒީރު ވިދާޅުވެއްޖެ!
ތައުލީމާބެހޭ ވަޒީރު ޝަހީދު އަލީ ސްކޫލް ބައްލަވާލައްވަނީ ފޮޓޯ: ވުޒާރާ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުން އަންނަ އައު ސްކޫލް، ޝަހީދު ޢަލީ ސްކޫލްގެ މަސައްކަތް އަންނަ ޑިސެމްބަރުމަހު އެއްކޮށް ނިންމާލެވޭނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. މި ސްކޫލް އަންނަ ދިރާސީ އަހަރަށް ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު، މިއީ މި ސަރުކާރުން ތަރައްޤީކުރަން ފެށި ފުރަތަމަ ސްކޫލެވެ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ޝަހީދު އަލީ ސްކޫލްގެ މަސައްކަތުގެ %94 މިހާރު ނިމިފައިވާކަމަށެވެ. އަދި އަންނަ އަހަރުގެ ދިރާސީ އައު އަހަރު ޖަނަވަރީ މަހުގެ 27 ވަނަ ދުވަހު ފެށޭއިރު، އެ ސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލައި، މިހާރުވެސް ކުދިންނަށް ޖާގަ ދެމުން އަންނަ ކަމަށެވެ.
މި ފެށޭ ޑިސެމްބަރު މަހުގެ ތެރޭގައި އެ ސްކޫލްގެ ހުރިހާ މަސައްކަތެއް ނިންމާނެ. މިއާއެކު ފެށޭ ދިރާސީ އަހަރު ސްކޫލް ރަސްމީކޮށް ހުޅުވާނެ،
ޑރ. އިސްމާޢީލް ޝަފީޢު .
ޝަހީދު އަލީ ސްކޫލަށް ޕްރިންސިޕަލަކު ކަނޑައަޅައި، މުދައްރިސުން ހޯދުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. 1500 ކުދިންގެ ޖާގައިގެ މި ސްކޫލަށް މިހާތަނަށް 900އަށްވުރެ ގިނަ ކުދިންނަށް ވަނީ ޖާގަ ދީފައެވެ. ސްކޫލްގައި 54 އޭސީ ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަޞީލަތްތަކުގެ އިތުރުން ޓާފްދަނޑެއް ހުންނާނެއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ) އާ ހަވާލުކޮށްގެން، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ. މި ސްކޫލްގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހުއެވެ.
ޝަހީދު އަލީ ސްކޫލްގެ އިތުރަށް، މާލޭގައި ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. މި މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާފައިވާއިރު، މިހާތަނަށް %14 މަސައްކަތް ނިމިފައިވެއެވެ. ޢަރަބިއްޔާ ސްކޫލްގެ މަސައްކަތް އަންނަ އަހަރުގެ ނޮވެެންބަރު މަހަށް ނިމުމަށް އަމާޒު ހިފާފައިވާއިރު، 2027 ވަނަ އަހަރުގެ ދިރާސީ އަހަރަށް އެ ސްކޫލް ހުޅުވުމަށް ވަނީ ނިންމާފައެވެ. ތަޢުލީމީ ވުޒާރާއިން ވިދާޅުވީ، ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގައި 42 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، 4 ލިފްޓުގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތެއް ފުރިހަމަވެފައި ހުންނާނެ ކަމަށެވެ. ޢަރަބިއްޔާ ސްކޫލް ތަރައްޤީކުރަނީ 10 ފަންގިފިލާއަށެވެ.