ޚަބަރު
އެހެން މީހުންގެ ރިހުންތަކާއި ވޭންތަކާއި ދަތިތަކަށް އިޙްތިރާމް ކުރާ ބަޔަކަށްވުން މުހިންމު: ފަސްޓް ލޭޑީ މެޑަމް ސާޖިދާ
ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ފޮޓޯ:ރައީސް އޮފީސް
އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވާންވީ އެހެން މީހުންގެ ރިހުންތަކާއި ވޭންތަކާއި ދަތިތަކަށް އިޙްތިރާމް ކުރާ ބަޔަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފެށި "ފަހި ޕްރޮގްރާމް - އެކުއެކީ، ގުޅިގެން" އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މާލޭގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ފާހަގަކުރެއްވީ، އެއްގޮތްކަމާއެކު ތަފާތުކުރުންތައް ހުރުމަކީ ދުނިޔޭގެ ތަބީޢަތް ކަމަށާއި އިންސާނުންގެ ތެރޭގައިވެސް އެކި ގާބިލުކަން އެކިވަރަށް އެކި މީހުންގެ ހުންނަ ކަމަށެވެ. ނަމަވެސް ނުކުޅެދުންތެރި އުނިސިފަތައް ކަމަށް ހީވެފައިވާ ސިފަތައް ހުންނަ ބައެއް މީހުން ދުނިޔެއާއި އެ މީހެއްގެ ޤައުމަށް ބޮޑެތި ބަދަލުތައް ގެންނަމުންދާ ކަމަށާއި، މުޅި އިންސާނިއްޔަތަށްވެސް އެފަދަ މީހުންގެ ފަރާތުން ބޮޑެތި މަންފާތަކެއް ފޯރުކޮށްދެމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭންޖެހޭ ގަދަރާއި ހިތްވަރާއި އެހީތެރިކަން އެންމެ އެކަށީގެންވާ ގޮތެއްގައި ނުދެވޭކަން ފާހަގަކުރައްވައި ފަސްޓް ލޭޑީ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ އަޚުންނާއި އުޚުތުންނާމެދު މުޖުތަމަޢުން ދެކޭގޮތް ބަދަލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެއްވެސް މީހަކީ އެންމެ ފުރިހަމަކަން ލިބިފައިވާ މީހެއް ނޫން ކަމަށާއި އެހެންވެ ކޮންމެ މީހަކުވެސް އަނެކުންގެ ރިހުންތަކާއި ވޭންތަކަށް އިހުތިރާމް ކުރަންވާނެ ކަމަށް އެކަމަނާ ބުރަދަން ދެއްވިއެވެ.
އަޅުގަނޑުމެން ވާންވީ އެހެން މީހުންގެ ރިހުންތަކާއި ވޭންތަކާއި ދަތިތަކަށް އިޙްތިރާމް ކުރާ ބަޔަކަށް. އެހެން މީހުންގެ ހާލަށް އިސްކަންދޭ ބަޔަކަށް. އިންސާނިއްޔަތުގެ މާތް ސިފަތައް މުޅި މުޖުތަމައުގައި އަށަގަތުމަކީ ތަހުޒީބު ޤައުމެއްގެ ހެއްކެއް. އެ އަމާޒަށް ވާސިލްވުމަށްޓަކައި އަޅުގަނޑުމެންނަކީ އުއްމީދީ، ހެޔޮ ވިސްނުމަކުން ކަންކަމާމެދު ވިސްނާ ބަޔަކަށްވުން ވަރަށް މުހިންމު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން
ފަސްޓް ލޭޑީ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާގެ ފުރުސަތު ފަހިވުމަކީ އިންސާނީ ކަރާމަތަށް އިސްކަން ދިނުމުގެ މަތިވެރި ނިންމުމެއް ކަމަށެވެ. އަދި މި ފުރުސަތު ފަހިވެގެންދިއުމުން ހުރިހާ ދިވެހިންނަކީ ހަމަހަމަ ބައެއްކަން އަމަލީ ގޮތުން ސާބިތުކޮށްދޭ ކަމަށާއި، މިއީ އެތައް ދިވެހި ރައްޔިތުންގެ ހިތްދަތި އިހުސާސްތަކާއި ވޭންތަކަށް ދެވުނު ލޯތްބާއި ކުލުނުވެރިކަމުގެ ފަރުވާއެއް ކަމަށް އެކަމަނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރާ އެއްގޮތަށް އެމްޕީއެލްއިން ފެށި މި ޕްރޮގްރާމަކީ، އަމިއްލަ އަސާސީ ބޭނުންތައް އަމިއްލަ މަސައްކަތުން ފުއްދުމުގެ އަބުރުވެރި ފުރުސަތު އެތައް ދިވެހި ރައްޔިތުންނަށް ފަހިވެގެންދާނެ ޕްރޮގްރާމެއް ކަމަށްވެސް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ. "ފަހި ޕްރޮގްރާމް - އެކުއެކީ، ގުޅިގެން" ގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެމްޕީއެލްގައި ވަޒީފާގެ ފުރުސަތުތައް ވަނީ ހުޅުވާލާފައެވެ.