ޚަބަރު
ހިލޭ އައިނު ހެއްދުމުގެ ޚިދުމަތް ކުރިޔަށް އޮތް ދެތިންމަސްތެރޭގައި އައްޑޫ އާއި ކުޅުދުއްފުށިން ދިނުމަށް މަސައްކަތް ކުރަނީ
އައިޖީއެމްއެޗްގެ އެމްސީޖީއެޗް އޮޕްޓިކަލްސް / ފޮޓޯ: ޕީއެސްއެމް
ފަރުދުން
20 ނޮވެމްބަރު 2025، 10:47
20 ނޮވެމްބަރު 2025، 10:47
ހިލޭ އައިނު ހެއްދުމުގެ ޚިދުމަތް ކުރިޔަށް އޮތް ދެތިންމަސްތެރޭގައި އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީން ދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
އާސަންދައިގެ ދަށުން އައިނު ހެއްދުމަށް ދޭ އެހީ 1،000 ރުފިޔާއިން 2،000 ރުފިޔާއަށް ބަދަލުކުރީ މި އަހަރުގެ ޖޫން މަހުއެވެ. އެއަށްފަހު އެ އަގުގެ ތެރެއިން އައިނު ހައްދައިދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވީ، ކޮލިޓީ ރަނގަޅު އައިނު ހެއްދުމުގެ ޚިދުމަތް ސަރުކާރު ހޮސްޕިޓަލްތަކުން ދިނުމަށެވެ.
އެގޮތުން އައިނު ހެއްދުމަށް ރައްޔިތުން ކުރާ ބޮޑު ހޭދައަށް ލުޔެއް ހޯއްދަވާދެއްވުމުގެ ގޮތުން އެ ޚިދުމަތް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ހުޅުމާލޭ ހޮސްޕިޓަލުން މިހާރު ފޯރުކޮށްދެމުން އަންނައިރު، ކުރިޔަށް އޮތް ދެތިން މަސްތެރޭގައި ހިލޭ އައިނު ހެއްދުމުގެ ޚިދުމަތް އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީއިން ދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް، ސަރުކާރުގެ ފަރާތުން ވަނީ ހާމަކޮށްފައެވެ.
މި މަޢުޟޫގައި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ކުރިން ވިދާޅުވެފައި ވަނީ، އައިނުގެ ޚިދުމަތްދޭ އަމިއްލަ ވިޔަފާރިތަކުން އެ ޚިދުމަތް ހޯދުމަކީ އާންމުންނަށް މާލީ ގޮތުން ބޮޑު ބުރައެއް އުފުލަން ޖެހިފައި އޮތް ކަމެއްކަމަށެވެ. އެގޮތުން، ދެ އަހަރުން އެއް އަހަރު އާސަންދައިން އައިނު ހެއްދުމަށް ވަކި އަދަދެއް ހަމަޖައްސާފައިވީ ނަމަވެސް، ގިނަ ރައްޔިތުންނަށް އަމިއްލަ ޖީބުން އެތައް ހާސް ރުފިޔާއެއް ޚަރަދުކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ހޮސްޕިޓަލްތަކުން އައިނުގެ ޚިދުމަތް ގާއިމުކޮށްގެން ޚިދުމަތް ދިނުމުގައި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އިތުރު އަގަކާ ނުލައި އައިނު ލިބޭނެ އިންތިޒާމް ހަޖައްސައިދިނުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހުޅުވާފައިވާ އައިނު ފިހާރަތަކުން މިހާތަނަށް ގިނަ ބަޔަކު ވަނީ ޚިދުމަތް ހޯދައި، އައިނު ހައްދާފައެވެ.