ކުޅިވަރު

އެފްރިކާ ބައްރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު މޮރޮކޯގެ އަޝްރަފް ހަކީމީއަށް

އެފްރިކާ ބައްރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު މޮރޮކޯގެ އަޝްރަފް ހަކީމީއަށް

އެޕްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދެވޭ އެވޯޑު އަޝްރަފް ހަކީމީއަށް އެރުވުން / ފޮޓޯ: ދަ ނިއުޓައިމްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

20 ނޮވެމްބަރު 2025، 07:10

20 ނޮވެމްބަރު 2025، 07:10

ދަ ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް)އިން ހޮވާ އެފްރިކާގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ ޝަރަފު، ފްރާންސްގެ ޕެރިސް ސެއިންޓް-ޖަމޭން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ އަޝްރަފް ހަކީމީއަށް ލިބިއްޖެއެވެ.

މޮރޮކޯގެ ޤައުމީ ފުޓުބޯޅަ ޓީމު ކެޕްޓަނެއްގެ ޒިންމާ ވެސް ނަގަމުން އަންނަ ހަކީމީއަށް މި ލިބުނު އެވޯޑަކީ، އެފްރިކާ ބައްރުގެ ފުޓުބޯޅައިގައި ކުޅުންތެރިއަކަށް ދެވޭ އެންމެ ޝަރަފުވެރި މަޤާމެވެ.

ކޮންމެ އަހަރަކު ހޮވާ މި އެވޯޑު އުމުރުން 27 އަހަރުގެ ހަކީމީއަށް ލިބުނުއިރު، މިދިޔަ ސީޒަނަކީ ކްލަބު ފުޓުބޯޅައިގައި އޭނާއަށް ވަރަށް ކާމިޔާބު އަހަރެކެވެ. އެގޮތުން އޭނާ ވަނީ މުޅިން އަލަށް ޕީއެސްޖީއާއެކު ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. 

މީގެ އިތުރުން ހަތަރުވަނަ ފަހަރަށް ފްރާންސް ލީގާއި، ފްރެންޗް ކަޕާއި އަދި ޔޫއެފާ ސުޕަރ ކަޕް ވެސް އޭނާ ހޯދިއެވެ. ވާދަކުރި ތަށިތަކުގެ ތެރެއިން އެ ޓީމަށް މިދިޔަ ސީޒަންގައި ހަމައެކަނި ނުލިބުނީ ކްލަބް ވޯލްޑް ކަޕެވެ. އެމެރިކާގައި ކުޅުނު ކްލަބް ވޯލްޑް ކަޕްގައި ޕީއެސްޖީ ބަލިވީ ފައިނަލުގައެވެ.

2025ވަނަ އަހަރުފެ އެޕްރިކާގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހަކީމީ ހޯދީ، މި މަޤާމު މީގެ ކުރިން ހާސިލްކޮށްފައިވާ އިޖިޕްޓުގެ ލިވަޕޫލް ފޯވާރޑް މުޙައްމަދު ސަލާޙް އާއި ނައިޖީރިއާގެ ފޯވާރޑް، ވިކްޓަރ އޮސިމޭން ފަހަތަށް ޖައްސާލުމަށްފަހު، ކެރިއަރުގައި މުޅިން އަލަށެވެ.

ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ފަރުވާ ހޯދަމުން އަންނަ ހަކީމީ ފިޓްވެއްޖެނަމަ ދެން އޭނާއަށް އޮތީ ޤައުމީ ޖާރޒީގައި ކުޅެން ޖެހޭ މުހިންމު މުބާރާތެކެވެ. އެއީ ޑިސެންބަރު 21ގައި ފަށާ އެފްރިކަން ކަޕް އޮފް ނޭޝަންސްއެވެ. މި ތައްޓަކީ 1976ވަނަ އަހަރުގެ ފަހުން މޮރޮކޯއަށް ހާސިލްކުރެވުނު ތައްޓެއް ނޫނެވެ.

މި ރަސްމިއްޔާތުގައި ހޮވި އެފްރިކާގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ މޮރޮކޯގެ ޔެސިން ބޯނޫއެވެ. އަދި ފިރިހެނުންގެ އެންމެ މޮޅު ޓީމަކަށް ހޮވުނީ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކުރި މޮރޮކޯގެ ޤައުމީ ޓީމެވެ.



މީގެއިތުރުން 2025 ވަނަ އަހަރުގެ އެފްރިކާގެ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިއަކަށް ހޮވިފައި ވަނީ މޮރޮކޯގެ ގިޒްލޭން ޗެބަކްއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން