Ads by Stelco

ޚަބަރު

ކޮޕް30 ގެ ހައި-ލެވެލް ސެގްމަންޓުގައި ރާއްޖޭގެ ޤައުމީ ބަޔާން ސްޕެޝަލް އެންވޯއީ ހުށަހަޅުއްވައިފި

ކޮޕް30 ގެ ހައި-ލެވެލް ސެގްމަންޓުގައި ރާއްޖޭގެ ޤައުމީ ބަޔާން ސްޕެޝަލް އެންވޯއީ ހުށަހަޅުއްވައިފި

ކޮޕް 30

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ނޮވެމްބަރު 2025، 06:06

20 ނޮވެމްބަރު 2025، 06:06

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ޤައުމީ ޚާއްސަ މަންދޫބު، އަލީ ޝަރީފް، ބްރެޒިލްގެ ބެލެމްގައި މިހާރު ކުރިއަށްދާ، އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ފްރޭމްވޯކް ކޮންވެންޝަން 30 ވަނަ ބައްދަލުވުމުގެ ހައި-ލެވެލް ސެގްމަންޓުގައި ރާއްޖޭގެ ޤައުމީ ބަޔާން އިއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އަލީ ޝަރީފް ވަނީ، އެމޭޒޯންގެ ހިތްކަހަލަ ތަނެއްގައި ކޮޕް30 ބާއްވައިދެއްވީތީ ބްރެޒިލްގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ބައްދަލުވުމަކީ ދުނިޔޭގެ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ބާއްވާ ބައްދަލުވުމެއް ކަމަށާއި، މިއީ ޕެރިސް އެގްރީމަންޓަށް 10 އަހަރު ފުރޭ މުނާސަބަތެއްކަން ފާހަގަކުރައްވައި، ގިނަ ފަރާތްތަކުގެ ބައިވެރިވުމާއެކު ކުރާ މަސައްކަތުން ނަތީޖާ ނެރެވިދާނެކަން މި ބައްދަލުވުމުން ހަނދާންކޮށްދޭ ކަމަށް ވިދާޅުވިއެވެ.

ސްޕެޝަލް އެންވޯއީ ވަނީ ދުނިޔޭގެ އެންމެހާ މަސައްކަތްތަކާއި އަމަލީ މަސައްކަތްތަކާ ދެމެދު ހުރި ފުޅާ ފަރަގުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، އެތައް ދިހަ އަހަރެއްގެ މަޝްވަރާތަކަށްފަހު ވެސް، 1.5 ޑިގްރީގެ ލަނޑުދަނޑި ހާސިލުކުރުމަށް ދުނިޔެ އަދިވެސް އޮތީ މަގުން އެއްކިބާވެފައިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިސްދައުރު ފާހަގަކުރައްވައި، މި އަހަރުގެ ކުރީކޮޅު ރާއްޖެއިން ހުށަހެޅި ތިންވަނަ ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަންގެ މައްޗަށް އަލިއަޅުވާލައްވައި ސްޕެޝަލް އެންވޯއީ ވިދާޅުވީ، މީގެ ސަބަބުން 2035 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އެމިޝަން ކުޑަކުރުމުގެ ފިޔަވަޅުތައް ވަރުގަދަވެ، މޫސުމީ ބަދަލުތަކުގެ ސަބަބުން ނުރައްކާވާ ސެކްޓަރުތައް ރައްކާތެރި ކުރެވޭނެކަމަށެވެ.

އަދި ކްލައިމެޓް ފައިނޭންސްއާ ގުޅޭ ގޮތުން ހެދުމަށް ހަމަޖެހިފައިވާ އާ ކަލެކްޓިވް ކުއަންޓިފައިޑް ގޯލް  ކުރިއެރުވުމުގެ އަވަސްކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. 

އަދި އެޑެޕްޓޭޝަން (މުޖުތަމަޢުތައް ހާލަތާ ގުޅުވުން) އަކީ މިޓިގޭޝަން (އިމިޝަން ކުޑަކުރުން) އާ އެއްފެންވަރެއްގައި އިސްކަންދޭންޖެހޭ ދުނިޔޭގެ މުހިންމު ކަމެއްގެ ގޮތުގައި ބަލަންޖެހޭނެކަން ތަކުރާރުކުރެއްވިއެވެ. މީގެ އިތުރުން، ބަލިކަށި ޤައުމުތަކަށް ފަސޭހައިން ލިބޭނެ، ލަފާކުރެވޭ، އަދި މައިގަނޑު ގޮތެއްގައި ހިލޭ އެހީގެ ގޮތުގައި ފައިނޭންސް ލިބުމަށް ގޮވާލައްވައި، 2030 ވަނަ އަހަރާ ހަމައަށް އެޑެޕްޓޭޝަން ފައިނޭންސް ތިން ގުނަ އިތުރުކުރުމަށް ރާއްޖެއިން ކުރާ އިލްތިމާސް އެ މަނިކުފާނު ވަނީ އަލުން ހަނދާންކޮށްދެއްވާފައެވެ.

 “ބަލިކަށި ޤައުމުތަކަށް ދިމާވެފައި މިވަނީ ދިރިއުޅުން ނަގާލެވުމުގެ ނުރައްކަލާ. އަޅުގަނޑުމެން މި މަޝްވަރާކުރަނީ އަޅުގަނޑުމެންގެ މިހާރާއި މުސްތަގުބަލު ދިފާއުކުރުމަށް. ރާއްޖެ މިވަނީ އަމަލުކުރުމަށް ތައްޔާރުވެފައި، އަދި އަޅުގަނޑުމެންގެ ބައިވެރިން ވެސް އެކަމުގައި ބައިވެރިވުމަށް ގޮވާލަން.” ބަޔާން ނިންމަވާލައްވަމުން ސްޕެޝަލް އެންވޯއީ ވިދާޅުވިއެވެ.

އަލީ ޝަރީފް މިހާރު ކޮޕް30 ގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވަނީ ރާއްޖޭގެ ވަފުދުގެ އިސްވެރިޔާގެ ހައިސިއްޔަތުންނެވެ. އެމަނިކުފާނު ވަނީ މުހިންމު ހައި-ލެވެލް އިވެންޓްތަކުގައި ރާއްޖެ ތަމްސީލުކުރައްވައި، ރާއްޖޭގެ ނަމުގައި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން