ކުޅިވަރު
17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ޓީމު ތައިލެންޑަށް ފުރައިފި
17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ޓީމު ތައިލެންޑަށް ފުރުން / ފޮތޯ: އެފްއޭއެމް
17 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ދިވެހި ޤައުމީ ފުޓުބޯޅަ ޓީމު މިއަދު ތައިލެންޑަށް ފުރައިފިއެވެ.
މިމަހުގެ 22 އިން 30 އަށް ތައިލޭންޑްގެ ޗޮންބުރީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޓީމު ހިމެނުނީ ގްރޫޕް-އެފްގައެވެ. ދެން އެ ގްރޫޕްގައި ހިމެނެނީ ތައިލޭންޑު، ކުވައިތު އަދި ތުރުކަމަނިސްތާނުގެ އިތުރުން މޮންގޯލިއާއެވެ.
މި މެޗުގެ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި 17 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ކޯޗު ޞަބާހު މުޙައްމަދު (ސޮބާ) ބުނީ، ޓީމުގެ މުހިންމު ކުޅުންތެރިންތަކަކަށް އެކި ސަބަބުތަކާ ހެދި ޓީމުގައި ބައިވެރިވެވިފައިނުވާ ކަމަށާއި، އެހެންކަމުން ފަރިތަކުރުންތައް އެންމެ އެދެވޭ ގޮތަށް ގެންދެވިފައިނުވާ ކަމަށެވެ. ސޮބާ ބުނީ ޓީމުގެ އަސްލު ފެންވަރު ފެނިގެންދާނީ އެއްވެސް ކުޅުންތެރިއަކު މަދުނުވެ ޓީމުގެ ހުރިހާ ކުޅުންތެރިންގެ ހިއްސާއާއި އެކުކަމަށެވެ.
އެގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅޭ މުޙައްމަދު އިލާން އިމްރާން ފަދަ ކުޅުންތެރިން ޓީމަށް މުހިންމު ކަމަށާއި، އެހެން ނަމަވެސް އޯލެވެލް އިމްތިހާނު ކުރިމަތީގައި އޮތުމުން، މުހިންމު ކުޅުންތެރިންތަކެއް ސްކޮޑުގައި ނުހިމެނޭކަމަށް ސޮބާ ބުންޏެވެ.
ރާއްޖެ ޓީމުގެ މެޗުތައް ރޭވިފައިވާ ތާރީޙުތައް:
- 22 ނޮވެންބަރު – މޮންގޯލިއާ
- 24 ނޮވެންބަރު - ތުރުކަމަނިސްތާން
- 26 ނޮވެންބަރު – ތައިލެންޑު
- 28 ނޮވެންބަރު – ކުވޭތު
17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމުގެ ކުރިން ރާއްޖޭގެ ޒުވާން ގައުމީ ޓީމުންވަނީ ފަލަސްޠީނުގެ ގައުމީ ޓީމާ ދެމެދު އެކުވެރިކަމުގެ ދެ މެޗު ކުޅެފައެވެ. މި ދެ މެޗުވެސް ރާއްޖެއަށް ގެއްލުނުނަމަވެސް މިއީ ޒުވާން ޓީމަށް ލިބުނު ރަނގަޅު ތަޖުރިބާއެއްކަމަށް ކޯޗުވަނީ ބުނެފައެވެ.