Ads by Stelco

ޚަބަރު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ އައު ސިޔާސަތު: ފްލެޓާއި ގޯތި ދިނުމުގައި މާލޭގައި ދިރިއުޅެފައިވާ މުއްދަތު ބަލާ އުސޫލް!

ސަރުކާރުގެ ބޯހިޔާވަހިކަމުގެ އައު ސިޔާސަތު: ފްލެޓާއި ގޯތި ދިނުމުގައި މާލޭގައި ދިރިއުޅެފައިވާ މުއްދަތު ބަލާ އުސޫލް!

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓް ފޮޓޯ: މޯލްޑިވްސް ޖަރނަލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ނޮވެމްބަރު 2025، 12:42

19 ނޮވެމްބަރު 2025، 12:42

 ކުރީ ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި މާލޭގައި ދިރިއުޅުނު މުއްދަތު ގުނާނެގޮތާމެދު އާއްމުންގެ ހިތްތަކުގައި އޮތް ބޮޑު އޮޅުވުމަށް ޙައްލެއް ގެނެސް، މި ސަރުކާރުން މިމަހުގެ 16 ވަނަ ދުވަހު އާއްމުކުރި ބޯހިޔާވަހިކަމުގެ ސިޔާސަތުގައި ވަނީ މިކަމަށް ވަރަށް ތަފްސީލީގޮތެއްގައި ސާފުކޮށްދެއްވާފައެވެ.

ނިމުނު ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުގައި ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކަށް އެންމެ ބޮޑަށް އޮޅުންއެރި އަދި ޝަކުވާ ކުރި ކަމަކީ މާލޭގައި ދިރިއުޅުނު މުއްދަތު ގުނާނެގޮތެވެ. ޚާއްސަކޮށް، މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވާ މީހަކަށް ވާންޖެހޭކަމަށް ބުނެފައިވާއިރު، ޒަރޫރީ ޙާލަތްތަކުގައި މާލެއިން ބޭރުގައި މަޑުކުރަންޖެހޭ ޙާލަތްތަކުގައި ޢަމަލުކުރާނެ ތަފްސީލީ އުސޫލެއް ނެތުމުގެ ސަބަބުން ގިނަ ބަޔަކު ޝަރުތު ހަމަނުވެ ލިސްޓުން އުނިވާންޖެހުނެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތައް އުފެދި، ޝަކުވާ ހުށައެޅުމަށް ހުޅުވާލުމުން ގިނަ ބަޔަކު މިކަމަށް އަލިއަޅުވާލާފައިވެއެވެ.

ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް އިޖާބަދީ، މިހާރުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓް ދިނުމުގެ އުސޫލު ވަނީ އާއްމުކޮށްފައެވެ. މި އުސޫލުގައި މީގެ ކުރީގެ ސްކީމްތަކުގައި އާއްމުންނަށް އޮޅުންއެރި ވަރަށް ގިނަ ކަންކަން ސާފުވާނެގޮތަށް ލިޔެފައިވެއެވެ.

އެގޮތުން، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން ސްކީމަށް ޝަރުތު ހަމަވަނީ މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅޭ ފަރާތްތަކަށް ކަމުގައިވީނަމަވެސް، ޒަރޫރީ ޙާލަތަކާ ގުޅިގެން މާލެއިން ބޭރުގައި ދިގު މުއްދަތަކަށް ދިރިއުޅެންޖެހޭނަމަ، އެކަން ހުށައަޅާނެ ގޮތްތަކާއި މުއްދަތު ސާބިތުކޮށްދޭނެ ގޮތްތައް ވަނީ ވަރަށް ތަފްސީލީގޮތެއްގައި ހިމަނާފައެވެ.

މާލެއިން ބޭރުގައި ދިރިއުޅެމުން ދިޔުމަކީ މާލޭގައި ދިރިއުޅުމުގައި މެދުކެނޑުމެއް ކަމުގައި ނުބެލެވޭނެ ހާލަތްތަކުގެ ތެރޭގައި، ވަޒީފާ ދޭ ފަރާތުގެ ނިންމުމަކުން ނުވަތަ ވަޒީފާގެ ޒިންމާއެއް އަދާކުރުމަށް މާލެއިން ބޭރުގައި ހުންނަންޖެހުން، އަދި ތަޢުލީމު ޙާސިލުކުރުމަށް ނުވަތަ ޞިއްޙީ ފަރުވާއަށް ނުވަތަ އެފަދަ އެހެން ޒަރޫރީ ސަބަބަކާހުރެ މާލެއިން ބޭރުގައި އެކަށީގެންވާ މުއްދަތަކަށް ހުންނަންޖެހުން ހިމެނެއެވެ.

މީގެ އިތުރުން، މާލެއިން ބޭރުގައި ހުރި މުއްދަތުގައި އެޕްލިކަންޓްގެ އާއިލާ ނުވަތަ ދަރިން މާލޭގައި ނުވަތަ ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅެމުންދިއުން ނުވަތަ ކިޔެވުން ކުރިއަށްގެންދިއުން ވެސް މެދުކެނޑުމެއް ކަމުގައި ނުބެލެވޭނެއެވެ. އަދި، އެޕްލިކަންޓުގެ އަނބިމީހާ/ފިރިމީހާ މާލޭގައި ދިރިއުޅެމުން ދިއުން ނުވަތަ ވަޒީފާ އަދާކުރަމުން ދިއުމަކީވެސް މެދުކެނޑުމެއްކަމުގައި ނުބެލެވޭނެކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ހަމައެހެންމެ، މާލެއަށް ދިރިއުޅުން ބަދަލުކުރުމަށްފަހު، މާލޭގައި ދިރިއުޅުނު މުއްދަތަށްވުރެ ކުރު މެދުކެނޑުމެއް އައިނަމަވެސް، މާލޭގައި ދިރިއުޅުނު ޖުމްލަ މުއްދަތު 15 އަހަރުވެފައިވާނަމަ، މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނުކަމުގައި ބެލެވޭނެކަމަށް އުސޫލުގައި ވަނީ ފާހަގަކޮށްފައެވެ.

މިފަހަރުގެ ސްކީމްގައި ފުރަތަމަ ފަހަރަށް ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މީހުންނާއި އަދި މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މީހުންނަށް 200 ފްލެޓް ކަނޑައަޅާ، ޚާއްސަ ކެޓަގަރީއެއް ހިމަނާފައިވާކަން ފާހަގަކުރެވެއެވެ. މި ސިޔާސަތާއެކު ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ދާއިރާއަށް އިތުރު ހަރުދަނާކަމާއި އިންސާފުވެރިކަން ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން