Ads by Stelco

ޚަބަރު

އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަށް އޮފިޝަލުން ހޯދަން ފަށައިފި

އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަށް އޮފިޝަލުން ހޯދަން ފަށައިފި

ކުރީގެ އިންތިޚާބަެއްގައި އޮފިޝަލުން ވޯޓު ކަރުދާސް ގުނަނީ ފޮޓޯ: އިލެކްޝަންސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ނޮވެމްބަރު 2025، 01:16

18 ނޮވެމްބަރު 2025، 01:16

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔު.ޑީ.ސީ) އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރާނެ މީހުން ހޯދަން އިލެކްޝަންސް ކޮމިޝަނުން (އީ.ސީ) އިއުލާންކޮށްފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 21ވަނަ ދުވަހާ ހަމައަށެވެ.

އީ.ސީން ކުރި އިއުލާނުގައިވާގޮތުން، މި އިންތިޚާބުތަކުގައި ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މި އިންތިޚާބުގައި ވޯޓުލާ މަރުކަޒުގެ ވެރިޔާއާއި އެހީތެރިންނާއި އޮފިޝަލުން އަދި ގުނާ އޮފިޝަލުންނަށްވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި އިންތިޚާބީ މަސައްކަތަށް ކަނޑައަޅާފައިވާ އުޖޫރަތަކަށް ބަލާއިރު، ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް 2900 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ވެރިޔާގެ އެހީތެރިންނަށް 2600 ރުފިޔާ، އޮފިޝަލުންނަށް 2300 ރުފިޔާ، ގުނާ އޮފިޝަލުންނަށް 1800 ރުފިޔާ، އަދި ރިޒަރވް އޮފިޝަލުންނަށް 1000 ރުފިޔާގެ އުޖޫރައެއް ދިނުމަށް ނިންމާފައިވެއެވެ. މީގެ އިތުރުން މަސައްކަތްކުރާ ގަޑިތަކަށް ބަލާ ކެއުމާއި ސައިގެ އެލަވަންސް އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ އެއަށް ފައިސާ ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އޮފިޝަލުންނަށްވުމަށް އެދި ހުށަހެޅޭނީ ޢުމުރުން 18 އަހަރުވެފައިވާ، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާނުކުރާ މީހުންނަށެވެ. އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުމާއި، އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރެއް ކަމުގައި ނުވުމާއި، ކެންޑިޑޭޓެއްގެ މަންދޫބެއް، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއްގެ ގޮތުގައި ކުރިމަތިލައިފައިވާ މީހަކު ކަމުގައި ނުވުމާއި، ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުމަކީވެސް އިންތިޚާބުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންގެ ހުންނަންޖެހޭ މުހިންމު ޝަރުތުތަކެކެވެ.

އީ.ސީން ވިދާޅުވެފައިވާ ގޮތުގައި މި އޮފިޝަލުން ތަމްރީން ކުރުމަށް ބާއްވާ ޕްރޮގްރާމް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10ން 27އަށް ކުރިއަށްދާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އަންނަ މާޗު މަހުގެ ފަހުކޮޅު ބޭއްވުމަށެވެ. އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް މިހާރު ކޮމިޝަނުން ފަށާފައިވާއިރު، އިންތިޚާބާ ގުޅިގެން އެކި މުއައްސަސާތަކާއި ކައުންސިލްތަކާ އެ ކޮމިޝަނުން ދަނީ ބައްދަލުކުރަމުންނެވެ. މިގޮތަށް އޮފިޝަލުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އިންތިޚާބު ހަރުދަނާކޮށް، ސުލްހަވެރި މާހައުލެއްގައި ކުރިއަށް ގެންދިއުމަށްޓަކައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން