ދީން / ޚަބަރު

"ސަރުކާރުގެ ހުރިހާ ސިޔާސަތެއްގެ ބިންގަލަކީ އިސްލާމްދީން"

"ސަރުކާރުގެ ހުރިހާ ސިޔާސަތެއްގެ ބިންގަލަކީ އިސްލާމްދީން"

ކީރިތި ޤުރުޢަން ކިޔެވުމުގެ 37ވަނަ މުބާރާތުގެ ބައިވެރިއަކު ޤުރުޢަން ކިޔަވަނީ---

farudhun logo

ފަރުދުން

18 ނޮވެމްބަރު 2025، 08:27

18 ނޮވެމްބަރު 2025، 08:27

މި ސަރުކާރުގެ ހުރިހާ ސިޔާސަތެއްގެ ބިންގަލަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، "ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104" މި ނަމުގައި މި ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ހޯމަ ދުވަހުގެރޭ، ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުގެ ހުރިހާ ކަމެއް ވެސް ކުރިޔަށް ގެންދާނީ އިސްލާމީ ހަމަތަކާ އުސޫލުތަކުގެ ތެރެއިން ކަމުގައެވެ.

މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އެންމެ މުހިންމު ކަމަކީ، އަދި ހުރިހާ ސިޔާސަތެއްގެ ވެސް ބިންގަލަކީ، މަދަކީ އިސްލާމް ދީން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

ރައީސްގެ ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖޭގައި ފަޚުރުވެރި އިސްލާމީ ހަޟާރަތެއް ޤާއިމުކުރެއްވުމުށް މި ވޭތުވި ދެ އަހަރު ދުވަހު، ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކަށް އަލިއަޅުވާލާ ވާހަކަފުޅު ދައްކަވާފައެވެ. އެ މަޢުޟޫގައި އެ މަނިކުފާނު ވިދާޅުވީ، ވަޤުފް އިމާރާތްތަކަކީ ވެސް އެގޮތުން ކުރެވޭ މަސައްކަތްތަކެއް ކަމަށާއި، އެއީ ދީނާ ގުޅުންހުރި މުހިންމު އިންވެސްޓްމެންޓްތަކެއް ކަމުގައެވެ.

ވަޤުފް އިމާރާތްތައް މި ބިނާކުރަނީ ވެސް އިސްލާމްދީނަށް ޚަރަދު ކުރުމަށްޓަކާ، ޒުވާނުން ބިނާކުރުމަށްޓަކާ އަދި މުޖުތަމަޢު ބިނާކުރުމަށްޓަކާ، ދީނީ ރޮނގުން ކުރަން ހުރި ކަންކަމުގައި ހޭދަކުރުމަށްޓަކާ އިންވެސްޓްމަންޓުތަކެއްގެ ގޮތުގައި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ކޮންމެ ރަށެއްގައި، ބިމާއި ވަސީލަތަށް ބަލައި، ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމުކުރެވޭނެ ކަމަގު ޔަޤީންކަން ދެއްވައި، ކީރިތި ޤުރްއާނަށް އިސްކަންދީ، ތިލާވަތުކޮށް، ވަގުތު ހޭދަކުރާނެ ބިނާތަކެއް ޤާއިމުކުރެއްވުމަކީ، އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ފަޚުރެއް އަދި އުފާފުޅެއްކަމުގައި ވިދާޅުވިއެވެ.

އަދި ޤުރުޢާނަށް އޮންނަ އަހައްމިއްޔަތުކަން އިތުރުކުރުމުގެ ގޮތުން، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ އެންމެ ބޮޑެތި އިނާމުތައް ހުށަހަޅާފައިވާ މުބާރާތަށް ހެއްދެވުމަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވަޢުދު މި އަހަރުގެ މުބާރާތާއެކު ފުދިގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ. 

ކީރިތި ޤުރުޢާން ކިޔެވުމުގެ ޤައުމީ މުބާރާތް މިހާރު ވާނީ އަޅުގަނޑު ދެންނެވި ގޮތަށް، މި ރާއްޖޭގައި ރަސްމީކޮށް ސަރުކާރުން ހިންގާ އެންމެ އަގުބޮޑު އިނާމުތައް ދޭ މުބާރާތަށް ބަދަލުކޮށްފައި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މިހާރު މުޅި މުބާރާތުން ކޮންމެ ގޮތްޕަކުން އެންމެ މަތީ ވަނަ ހޯދާ ފަރާތްތަކަށް ޕީއެޗްޑީ އާ ހަމައަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ތަޢާރަފުކުރެވިފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. 

އަދި 2025 ޖުލައި 1 އިން ފެށިގެން ޙާފިޡުންނަށް ދެމުން އައި އެލަވަންސް ދެގުނައަށް އިތުރުކުރެވިފައިވާކަމަށާއި، މި އަހަރުގެ މިހާ ހިސާބަށް 26 ދަރިވަރުން ޙާފިޡުކަމުގެ ސަނަދު ޙާޞިލްކޮށްފިކަމަށާއި މި ދެ އަހަރުގެ ތެރޭގައި 503 ޒުވާން ޚަޠީބުން ތަމްރީންކޮށް، ހުއްދަދެވިފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ދީނާ ގުޅުންހުރި ކަންކަމުގެ ތެރެއިން ދެން އެ މަނިކުފާނު ވިދާޅުވީ މިސްކިތްތަކަށް ދެމުން އަންނަ ސަމާލުކަމުގެ ވާހަކައެވެ. އެގޮތުން ވަސީލަތްތައް ފުރިހަމަ މިސްކިތްތައް ބިނާކުރެއްވުމަށް ސަރުކާރުން ދެއްވާ އަހުމިއްޔަތުކަމާއެކު މާލެ ސިޓީގެ މިސްކިތްތަކުގެ ތެރެއިން އޭސީ ނުކޮށްހުރި 800 މީހުންގެ ޖާގައަށްވުރެ ބޮޑު މިސްކިތްތަކުގެ ތެރެއިން، މަދުވެގެން ފަސް މިސްކިތެއްގެ މަސައްކަތް، ރަމަޟާންމަހުގެ ކުރިން ނިންމާލެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިޓީތަކާއި، އަރބަން ސެންޓަރުތަކާއި، އާބާދީ ބޮޑެތި ރަށްތަކުގައި އިސްލާމިކް ސެންޓަރުތައް ޤާއިމުކުރެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން