ޚަބަރު
ގޫގުލްއިން ރާއްޖޭގައި އިންވެސްޓްކުރުމަށް ނިންމުމުން ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފި
ވަޒީރު މުޙައްމަދު ސަޢީދު
އައްޑޫ ސިޓީ ހިތަދޫގައި އިންޓަރނޭޝަލަލް ސަބްމެރިން ކޭބަލް ލޭންޑިންގް ސްޓޭޝަންއަކާއި ނެޓްވަރިކް ފެސިލިޓީއެއް ޤާއިމުކުރުމަށް ގޫގުލްއިން ނިންމުމާއި ގުޅިގެން އެކަމަށް ދިވެހި ސަރުކާރުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާގެ ނިއުޔޯކް ސިޓީޢަށް ކުރެއްވި ދަތުރުފުޅުގައި އެ މަނިކުފާނާއި ގޫގުލްގެ އެގްޒެކެޓިވްސްއާ ދެމެދު ބޭއްވުނު މަޝްވަރާތަކަށްފަހު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ މި ތާރީޚީ މަޝްރޫޢަކީ، ދުނިޔޭގައި ކުރިއަރަމުންދާ ޓެކްނޮޮލޮޖީ އާއި އިނޮވޭޝަންގެ ދާއިރާގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.
އައްޑޫ ސިޓީގެ ހިތަދޫގައި ޤާއިމުކުރެވޭ މި ފެސިލިޓީ ވެގެންދާނީ ބައިނަލްއަޤުވާމި ސަބްމެރިން ކޭބަލްތައް ލޭންޑްކުރުމުގެ ޤާބިލުކަން ލިބިފައިވާ ފެސިލިޓިއަކަށް ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން، ދިވެހިރާއްޖެ ވެގެންދާނީ އޭޝިއާ، އޯޝޭނިއާ, އެފްރިކާ, މެދުއިރުމަތި، އަދި ޔޫރަޕު ގުޅުވައިދޭ އިތުބާރުހުރި ޑިޖިޓަލް ގޭޓްވޭއެއްގެ ގޮތުގައި ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
މިއީ، އިންޑިއާ ކަނޑުގައި ޤާއިމުވެގެންދާ ޑިޖިޓަލް ކަނެކްޓިވިޓީ ކޮރިޑޯގައި ދިވެހިރާއްޖެ މައި ހަބެއްގެ ގޮތުގައި ޤާއިމްވުމަށް ލިބިގެންދާ ފުރުޞަތެއް ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
މާލޭގެ އިތުރުން، ކުޅުދުއްފުށީގައި ޤާއިމުކޮށްފައިވާ ކަނެކްޓިވިޓީ ޕޮއިންޓާއި އައްޑޫ ސިޓީ ހިތަދޫގައި ޤާއިމްކުރެވޭ މި އިންޓަރނޭޝަލަލް ކަނެކްޓިވިޓީ ޕޮއިންޓްތަކާއެކު، ދިވެހިރާއްޖޭގެ އިގްތިޞާދީ ތަރައްޤީއަށް މަގުފަހިވެ، ސަރަހައްދީ މުވާޞަލާތީ މަރުކަޒެއްގެ ގޮތުގައި ދިވެހިރާއްޖެ ވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
އެ ވުޒާރާއިން އިތުރަށް ބުނެފައިިވަނީ ގޫގުލްގެ މި އިންވެސްޓްމަންޓުގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓަރުން ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާ މިންވަރު އިތުރަށް ހާމަވެގެންދާކަމަށެވެ.
އަދި ކްލައުޑް ސަރިވިސަސް، ފިންޓެކް، ޑިޖިޓަލް ކޮންޓެންޓް، އަދި ޓެކްނޮލޮޖީ ސްޓާރޓް-އަޕްސް ފަދަ ދާއިރާތައް ދިވެހިރާއްޖޭގައި އިތުރަށް ތަރައްޤީ ކުރުމުގެ ފުރުޞަތު އޮތް މިންވަރު ދައްކުވައިދޭ ކަމަށްވެސް ބުނެފައިވެއެވެ. މި މަޝްރޫޢަކީ ފަތުރުވެރިކަމުގެ އިތުރުން ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢެއް ކަމަށްވެސް ބުނެފައިވެއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިހާރު ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ފޯރުކޮށްދޭ ތަޖުރިބާކުރު ދެ ކުންފުނިކަމަށްވާ ދިރާގާއި އުރީދޫ މޯލްޑިވްސްގެ ބައިވެރިވުމާއެކުގައެވެ. މިކަމުން ދައްކުވައިދެނީ ޓެލެކޮމިއުނިކޭޝަން ދާއިރާގައި ރާއްޖޭގައި ޙަރަކާތްތެރިވާ ފަރާތްތަކަށް މަސްރޫޢު ތަންފީޒުކުރުމުގެ ތެރެއިން މަޢުލޫމާތާއި ތަޖުރިބާ ފޯރުކޮށްދިނުމަށް ގޫގުލްގެ ފަރާތުން ދޭ އަހައްމިއްޔަތު ކަންކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
މި އިންވެސްޓްމަންޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ޤައުމީ ތަރައްޤީގެ އެޖެންޑާއާ އެއްގޮތްވާ ގޮތުގެމަތިން، ޑިޖިޓަލް އިންޤިލާބީ ބަދަލުތައް ގެނުވައި، ޢުމްރާނީ ތަރައްޤީއަށް މަގުފަހިވެގެންދާނެ އިންވެސްޓްމަންޓެކެވެ. އަދި އިންޑިޔާގެ ކަނޑުގެ ސަރަޙައްދުގައި ޑިޖިޓަލް ކަނެކްޓިވިޓީ ހަރުދަނާ ކުރުމަށާއި ޑިޖިޓަލް ކަނެކްޓިވިޓީގެ ވިލުންވެރިކަން އިތުރުކޮށްދިނުމުގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
"ސަރުކާރުގެ ފަރާތުން މި ފުރުޞަތުގައި ގޫގުލްއިން ދިވެހިރާއްޖެއަށް ކުރާ އިތުބާރަށް ހޫނު މަރުޙަބާއެއް ކިޔަން، އަދި ގޫގުލްގެ މި އިންވެސްޓްމަންޓްގެ ސަބަބުން ދިވެހިރާއްޖެއަށް މީގެ ކުރިން އުފެދިފައިނުވާ ޔަޤީންކަމާއި އިތުބާރު އިންވެސްޓަރުންގެ މެދުގައި އުފެދިގެންދާނެ، މި އިންޤަލާބީ މަޝްރޫޢު އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށްޓަކައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިދެވޭނެކަމުގެ ޔަޤީންކަން ދެން"، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.