ކުޅިވަރު
ޤައުމީ ފުޓުބޯޅަ ޓީމުން ބާކީކުރި މައްސަލައިގައި އައިހަމް މާފަށް އެދިއްޖެ
ޤައުމީ ޓީމުން ބާކީކުރި އަޙުމަދު އައިހަމް---
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސްއާ ދެކޮޅަށް ކުޅުމަށް ތާވަލުކޮށްފައިވާ މެޗަށް ނެގި ޤައުމީ ސްކޮޑުގައި ހިމެނުނު އަޙުމަދު އައިހަމް (ފަތޯ) ޕްރެކްޓިހަށް ހާޒިރުނުވެ ފުޓްސަލް ކުޅެން ދިއުމުން، އޭނާ ސްކޮޑުން ބާކީކުރި މައްސަލައިގައި މާފަށް އެދިއްޖެއެވެ.
އައިސަމްގެ މެސެޖުގައި ބުނީ އެ މައްސަލައިގައި އޭނާއަށް ޢަމަލު ކުރެވުނު ގޮތާ ގުޅިގެން ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އާއި ޤައުމީ ޓީމުގެ ކޯޗިން ސްޓާފުންނާއި، ޤައުމީ ޓީމުގެ ކުޅުންތެރިންގެ އިތުރުން ދިވެހި ފުޓުބޯޅަ ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭކަމަށެވެ.
އަދި އެ މައްސަލައިގެ ފުރިހަމަ ޒިންމާ އޭނާ ނަގާކަމަށާއި، އެކަމަކީ ޤައުމީ ޓީމެއް ތަމްސީލުކުރާ ކުޅުންތެރިއެއްގެ ފަރާތުން ފެނިގެންވާނެ ފަދަ ކަމެއްނޫންކަން ޤަބޫލުކުރާކަމަށް ވެސް އައިހަމް ހާމަކުރިއެވެ.
މީގެއިތުރުން، ޤައުމު ތަމްސީލުކޮށްލަން ލިބުމަކީ ކޮންމެ އެތުލީޓެއްގެ ވެސް ހުވަފެނެއް ކަމަށާއި، އެހެންކަމުން ޤައުމީ ޓީމުގެ ފަރިތަކުރުންތަކަށް ހާޒިރު ނުވެވި، ޤައުމު ތަމްސީލުކުރާ ކުޅުންތެރިއެއްގެ ހައިސިއްޔަތުން އޭނާ ކުރަމުން އައި ބުރަ މަސައްކަތާއިމެދު ސުވާލުއުފެދިގެން ދިއުމުން އެކަމާ ހިތާމަކުރާކަމަށް ވަނީ ބުނެފައެވެ.
އެހެންކަމުން މި މައްސަލައާ ގުޅިގެން ގިނަ ފިލާވަޅުތަކެއް ލިބިއްޖެ ކަމަށާއި ގެއްލުނު އިތުބާރު ހޯދަން މަސައްކަތް ކުރާނެކަމަށް އައިހަމް ވަނީ ބުނެފައެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ޤައުމީ ފުޓުބޯޅަ ޓީމުން ފަރިތަކުރުންތައް ފަށާފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
އައިހަމް ޤައުމީ ޓީމުން ބާކީ ކުރިކަން މީޑިއާއަށް ހާމަ ކުރަމުން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)އިން ބުނީ، ޓީމުގެ ޕްރެކްޓިހަށް ހާޒިރުނުވެ، އައިހަމް ފުޓްސަލް މުބާރާތެއްގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއް ދުރާލައި އޭނާ އަންގާފައި ވެސް ނުވާ ކަމަށް އެ އެސޯސިއޭޝަނުން އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޤައުމީ ޓީމުގެ ފަރިތަކުރުމަށް ހާޒިރުނުވެ އޭނާ ދިޔައީ ތިލައުތުރު ފުޓްސަލް މުބާރާތުގައި އުފަން ރަށް، އުތީމު ތަމްސީލުކުރުމަށެވެ. އެ މުބާރާތުގެ ފައިނަލުގައި މުރައިދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދީ އުތީމެވެ.