ކުޅިވަރު

އެޓޯލް ޗެމްޕިއަންޝިޕް: ނ އަތޮޅުގެ ޗެމްޕިއަންކަން މަނަދޫއަށް

އެޓޯލް ޗެމްޕިއަންޝިޕް: ނ އަތޮޅުގެ ޗެމްޕިއަންކަން މަނަދޫއަށް

ނ އަތޮޅުގެ ޗެމްޕިއަންކަން ހޯދި މަނަދޫއިން ތަށި އުފުލާލަނީ / ފޮޓޯ: އެފްއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 ނޮވެމްބަރު 2025، 06:39

13 ނޮވެމްބަރު 2025، 06:39

ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކުރާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް 2025/26ގެ ނ އަތޮޅުގެ ޗެމްޕިއަންކަން މަނަދޫއިން ހޯދައިފިއެވެ.

މަނަދޫއިން އެ އަތޮޅުގެ ޗެމްޕިއަންކަން މި ހޯދީ 5-3ގެ އެގްރިގޭޓު ސްކޯރއަކުން ކެނދިކުޅުދޫ ބަލިކުރުމަށް ފަހުއެވެ.

މި އަތޮޅުން މުބާރާތުގައި ވާދަކޮށްފައި ވަނީ މި ދެ ޓީމުކަމުން، ޗެމްޕިއަނުން ކަނޑައެޅީ ހޯމް އެންޑް އަވޭ އުސޫލުން 2 މެޗު ކުޅުމަށްފަހުއެވެ.

އެގޮތުން ފުރަތަމަ މެޗު މި މަހުގެ 9ވަނަ ދުވަހު ކުޅުނީ މަނަދޫގައެވެ. އެ މެޗު 3-2އިން ކާމިޔާބުކުރީ މަނަދޫއެވެ. 

އެ މެޗުގެ 31ވަނަ މިނެޓުގައި އަފްރާޙް މުޙައްމަދުގެ ގޯލަކުން ކެނދިކުޅުދޫއިން ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތު މިފްޒާލް ޢަބްދުاللهގެ ގޯލަކުން މަނަދޫއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.

އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވުމަށް 8 މިނެޓަށް ވެފައި ވަނިކޮށް އަޙުމަދު ޢަލީގެ ގޯލަކުން މަނަދޫއިން ލީޑު ނަގާފައި ވަނިކޮށް، 89ވަނަ މިނެޓުގައި މުޙައްމަދު އަރީހްވަނީ ކެނދިކުޅުދޫއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މަނަދޫއިން އެ މެޗު ކާމިޔާބުކުރީ އިތުރު ވަގުތުގެ 5ވަނަ މިނެޓުގައި މިފްޒާލް ޢަބްދުالله ކާމިޔާބުކުރި އޭނާގެ ދެވަނަ ގޯލުންނެވެ.

އަދި ބުދަ ދުވަހު ކެނދިކުޅުދޫގައި ކުޅުނު މެޗުގައި ވެސް އަފްރާޙް މުޙައްމަދު ވަނީ މެޗުގެ 15ވަނަ މިނެޓުގައި ކެނދިކުޅުދޫއަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތާއި، މެޗުގެ 84ވަނަ މިނެޓުގައި ޒެލީޝަން ޙަސަން ކާމިޔާބުކުރި ދެ ގޯލުން މަނަދޫއިން ވަނީ 2-1އިން މެޗު ކާމިޔާބުކޮށްފައެވެ.

ގްރޭޓާ މާލޭ ރީޖަން ފިޔަވައި ކޮންމެ ރީޖަންއެއްގައި ސަބް ދެ ޒޯނު ހިމެނޭއިރު، ކޮންމެ އަތޮޅެއްގެ ޗެމްޕިއަނުންނާއި ރަނަރަޕް ބައްދަލުކުރާނީ އެ ލީގުގައެވެ. އެގޮތުން ނ. އަތޮޅުން މަނަދޫއާއެކު ކެނދިކުޅުދޫ ވެސް ވަނީ ޒޯން 2ގެ ލީގު ބުރަށް ކޮލިފައިވެފައެވެ. 

އަދި ކޮންމެ ޒޯނަކުން ވެސް ގަދަ ދެ ޓީމު ދެން ކޮލިފައިވާނީ ރީޖަނަލް ލީގަށެވެ. ރީޖަނަލް ލީގުގައި ހަތަރު ޓީމު ވާދަކުރުމަށްފަހު އެ ލީގުގެ ޗެމްޕިއަން ޓީމު ދެން ވާދަކުރަން ޖެހޭނީ ދިވެހި ލީގުގެ ޕްލޭއޮފްގަ އެވެ. 

ޕްރިމިއާރ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނީ، ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ޓީމާއި، ނޯރތު ލީގު، ސެންޓްރަލް ލީގު، ސައުތު ލީގު އަދި މާލެ ލީގު (ދެ ވަނަ ޑިވިޝަން)ގެ ޗެމްޕިއަން، ހިމެނޭ ގޮތަށް ޖުމްލަ ހަ ޓީމުގެ މެދުގަ އެވެ. މީގެ ތެރެއިން، ގަދަ ހަތަރު ޓީމެއް، 2026/2027 ގެ ދިވެހި ލީގަށް ކޮލިފައިވާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން