ކުޅިވަރު
ބިލީ ޖީން ކިންގް ކަޕް: ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ރާއްޖެ ސެމީއަށް
ވިއެޓްނާމްއާ ދެކޮޅަށް ކުޅުނު ސިންގަލްސް މެޗުގައި ރާއްޖޭގެ އާރާ / ފޮޓޯ: ޓޭބަލް ޓެނިސް އެސޯސިއޭޝަން
ފަރުދުން
12 ނޮވެމްބަރު 2025، 09:00
12 ނޮވެމްބަރު 2025، 09:00
ވިއެޓްނާމްގެ ތިއެޓްގައި ކުރިޔަށްދާ ބިލީ ޖީން ކިންގް ކަޕް 2025 ގައި އޭޝިއާ/އޯޝޭނިއާ ގުރޫޕް 3 ގެ އެއްވަނަ ހޯދައި ރާއްޖެއިން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޓެނިސް އަންހެން ވޯލްޑް ކަޕްގެ ގޮތުގައި ބަލަމުން އަންނަ ބިލީ ޖީން ކިންގް ކަޕްގައި ރާއްޖެ ތަމްސީލުކުރަނީ ނަބާ ނިޝާން އާއި އާރާ އާސަލް އާޒިމް އާއި ނަޔާރާ އުސާމާ ޢަލީ އަދި ޢާއިޝަތު ކަރިން ސައިޒާންއެވެ. އަދި ޓީމުގެ ކޯޗަކީ އީރާނުގެ ޢަލީ ރިޒާއެވެ.
މި މަހުގެ 10-15އަށް ކުރިޔަށް މި މުބާރާތުގައި ރާއްޖޭގެ ޓީމުން މިއަދު މުބާރާތް ބާއްވާ ވިއެޓްނާމްއާ ދެކޮޅަށް ކުޅުނު ސިންގަލްސް ދެ މެޗާއި ޑަބަލްސް މެޗު ވެސް ވަނީ ކާމިޔާބުކޮށްފައެވެ.
އެގޮތުން ސިންގަލްސް ފުރަތަމަ މެޗު ރާއްޖޭގެ ނަބާ ކާމިޔާބުކުރީ 2-1 ސެޓުންނެވެ. އެއީ 6-0، 3-6 އަދި 6-4 އިންނެވެ. އަދި ސިންގަލްސް ދެ ވަނަ މެޗު އާރާ ވެސް ކާމިޔާބުކުރީ 2-1 ސެޓުން، 6-7، 6-3 އަދި 6-2 އިންނެވެ.
މީގެ އިތުރުން، ވިއެޓްނާމްއާ ދެކޮޅަށް ކުޅުނު ޑަބަލްސް މެޗު ރާއްޖޭގެ ނަޔާރާ އާއި ކަރިންގެ ޕެއާރއިން ކާމިޔާބުކުރީ 5-7، 6-4 އަދި 13-11 ންނެވެ.
ހަތް ޓީމު ބައިވެރިވި މި މުބާރާތުގައި ދެ ގުރޫޕަކަށް ޓީމުތައް ބަހާލާފައިވާއިރު ރާއްޖެ ހިމެނޭ ގުރޫޕުގައި ދެން ހިމެނެނީ ބަހްރެއިން އަދި ވިއެޓްނާމްއެވެ. އަދި ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ވަނީ ބަޙްރެއިން ވެސް 3-0އިން ބަލިކޮށްފައެވެ.
ސެމީފައިނަލްގައި މާދަމާ ރާއްޖޭގެ ޓީމުން ނިކުންނާނީ ޖޯޑަންއާ ދެކޮޅަށެވެ.