ކުޅިވަރު
އިސްލާމިކް ސޮލިޑެރިޓީ ގޭމްސް: މިސްރު ބަލިކޮށް ދިމާ އާއި ރަފާގެ ޕެއާރ ސެމީއަށް
ދީމާ އާއި ރަފާ މިސްރު ބަލިކޮށް ސެމީއަށް / ފޮޓޯ: އެމްއޯސީ
ސައުދީ އަރަބިއްޔާގައި މިހާރު ކުރިޔަށްދާ އިސްލާމިކް ސޮލިޑެރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ޑަބަލްސް އިވެންޓުގެ ކުއާޓާރ ފައިނަލުގައި މިސްރު ބަލިކުރުމަށްފަހު ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ ޢަލީގެ ޕެއާރއިން ސެމީފައިނަލުން ޖާގަހޯދައިފިއެވެ.
މިސްރުގެ ޔުސްރާ އަޝްރަފް އަބްދުލްރަޒެކް އާއި ހެންޑް މުޙައްމަދު ފަތީ އަބްދެލްހަލިމްއާ ބައްދަލުކުރި މެޗު ރާއްޖޭގެ ޓީމުން ކާމިޔާބުކުރީ ފަހަތުން އަރައި 3-1 ސެޓުންނެވެ.
މެޗުގެ ފުރަމަ ސެޓު ފަސޭހަކަމާއެކު 3-11އިން މިސްރުގެ ޕެއާރއިން ގެންދިޔަ ނަމަވެސް، ދެވަނަ ސެޓުން ފެށިގެން ރާއްޖޭގެ ޕެއާރ ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން ފަހު ތިން ސެޓު ރާއްޖެއިން ކާމިޔާބުކުރީ 11-9، 13-11 އަދި 11-5 އިންނެވެ.
މީގެ ތެރެއިން މެޗުގެ ތިންވަނަ ސެޓު ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެ ސެޓަށް ނިކުތްއިރު ދެ ޓީމު ވެސް އޮތީ 1-1އިން ހަމަހަމަވެފައެވެ. މި ސެޓުގެ ބޮޑުބައި ކުރިޔަށް ދިޔައީ އެއްވެސް ޓީމަކަށް ރަގަޅު ލީޑެއް ނުނެގި އޮވެއެވެ. އެހެންނަމަވެސް ސެޓުގެ ފަހުކޮޅަށް ދިޔައިރު ރާއްޖޭގެ ރަފާ އަދި ދިމާ ކުޅެމުންދިޔައީ 2 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ. އެކަމަކު ފަހުން ރާއްޖެއަށް 10 ގޭމު ލިބިފައި ވަނިކޮށް މިސްރުން ވެސް 10 ގޭމު ހޯދައި ސެޓުގެ ނަތީޖާ ހަމަހަމަކުރިއެވެ. ނަމަވެސް ރާއްޖޭގެ ރަފާ އަދި ދީމާގެ މޮޅު ކުޅުމާއެކު މެޗުގެ ތިންވަނަ ސެޓު ކާމިޔާބުކުރީއެވެ.
މި މުބާރާތުގެ ސެމީ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ ރާއްޖެ ގަޑިން 9:30ގައެވެ. ސެމީގައި ރާއްޖޭގެ ޓީމުން ނިކުންނާނީ ތުރުކީއާ ދެކޮޅަށެވެ. ތުރުކީ ސެމީއަށް ދަތުރުކުރީ 3-0 ސެޓުން ލުބުނާނު ބަލިކުރުމަށްފަހުއެވެ.