ކުޅިވަރު
އެޓޯލް ޗެމްޕިއަންޝިޕް: ހދ އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުށިން ހޯދައިފި
ހދ އަތޮޅުގެ ޗެމްޕިއަންކަން ހޯދި ކުޅުދުއްފުށިން ތަށި އުފުލާލަނީ / ފޮޓޯ: އެފްއޭއެމް
ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކުރާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް 2025/26ގެ ހދ އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުށިން ހޯދައިފިއެވެ.
ހަތަރު ޓީމަކުން ވާދަކުރި މި އަތޮޅުގެ މުބާރާތުގެ ފައިނަލުގައި ކުޅުދުއްފުއްޓާ ދެކޮޅަށް ނިކުތީ ހަނިމާދޫއެވެ. އަދި ފައިނަލުގައި ހަނިމާދޫގެ މައްޗަށް ކުޅުދުއްފުށިން ކުރި ހޯދީ 3-1 އިންނެވެ.
ފައިނަލް މެޗުގައި ފުރަތަމަ ލީޑު ނެގީ މެޗުގެ 22ވަނަ މިނެޓުގައި ކުޅުދުއްފުށިންނެވެ. އެއީ އެ ޓީމުގެ މުޙައްމަދު މުންސިފް ކާމިޔާބުކުރި ގޯލެކެވެ.
ކުޅުދުއްފުށިން ލީޑު ފުޅާކުރީ މެޗުގެ 58ވަނަ މިނެޓުގައި މުޙައްމަދު ޝިފާންގެ ގޯލަކުންނެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ޢަލީ ޙުސެއިންގެ ގޯލަކުން ހަނިމާދޫއިން އުއްމީދެއް ހޯދިއެވެ.
ހަނިމާދޫއަށް މެޗުގެ އޮއިވަރު ބަދަލުނުކުރެވި އުޅެނިކޮށް، މެޗުގެ އިތުރު ވަގުތުގައި ކުޅުދުއްފުށިން ތަށި ޔަޤީންކުރީ ޒައިދު މުޙައްމަދު ކާމިޔާބުކުރި ގޯލަކުންނެވެ.
މި ކާމިޔާބާއެކު ޗެމްޕިއަނުންގެ ގޮތުގައި ޒޯން ލީގުގެ ޖާގަ ކުޅުދުއްފުށިން ހޯދިއިރު، ރަނަރަޕްގެ ގޮތުގައި ހަނިމާދޫއަށް ވެސް އެ ފުރުސަތު ވަނީ ލިބިފައެވެ.
ގްރޭޓާ މާލޭ ރީޖަން ފިޔަވައި ކޮންމެ ރީޖަންއެއްގައި ސަބް ދެ ޒޯނު ހިމެނޭއިރު، ކޮންމެ އަތޮޅެއްގެ ޗެމްޕިއަނުންނާއި ރަނަރަޕް ބައްދަލުކުރާނީ އެ ލީގުގައެވެ. އެގޮތުން ނ. އަތޮޅުން މަނަދޫއާއެކު ކެނދިކުޅުދޫ ވެސް ވަނީ ޒޯން 2ގެ ލީގު ބުރަށް ކޮލިފައިވެފައެވެ.
އަދި ކޮންމެ ޒޯނަކުން ވެސް ގަދަ ދެ ޓީމު ދެން ކޮލިފައިވާނީ ރީޖަނަލް ލީގަށެވެ. ރީޖަނަލް ލީގުގައި ހަތަރު ޓީމު ވާދަކުރުމަށްފަހު އެ ލީގުގެ ޗެމްޕިއަން ޓީމު ދެން ވާދަކުރަން ޖެހޭނީ ދިވެހި ލީގުގެ ޕްލޭއޮފްގަ އެވެ.
ޕްރިމިއާރ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނީ، ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ޓީމާއި، ނޯރތު ލީގު، ސެންޓްރަލް ލީގު، ސައުތު ލީގު އަދި މާލެ ލީގު (ދެ ވަނަ ޑިވިޝަން)ގެ ޗެމްޕިއަން، ހިމެނޭ ގޮތަށް ޖުމްލަ ހަ ޓީމުގެ މެދުގަ އެވެ. މީގެ ތެރެއިން، ގަދަ ހަތަރު ޓީމެއް، 2026/2027 ގެ ދިވެހި ލީގަށް ކޮލިފައިވާނެއެވެ.