ޚަބަރު
ވެލިދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދިރިނޫޅެވޭ ވަރަށް ގެއަކަށް ގެއްލުންވެއްޖެ
ވެލިދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ގޭގެ ބައެއް ފާރުތައް ވެއްޓިފައި / ފޮޓޯ: ޓްރިއޯ ފޮޓޯޒް
ފަރުދުން
11 ނޮވެމްބަރު 2025، 09:19
11 ނޮވެމްބަރު 2025، 09:19
ނ. ވެލިދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދިރިނޫޅެވޭ ވަރަށް ގެއަކަށް ގެއްލުންވެއްޖެއެވެ.
މިއަދު މެންދުރު 12:00 އާއި 12:30އާ ދެމެދު އެ ރަށު "ދިވެހި" ގޭގައި ހިނގި މި ހާދިސާގެ ސަބަބުން އެ ގޭގައި ދިރިއުޅެމުން ދިޔަ އެންމެން މިހާރު ވަނީ އާއިލާގެ އެހެން ގެޔަކަށް ބަދަލުވެފައިކަމަށް، އެ ގޭގައި ދިރިއުޅެމުން ދިޔަ ފަރާތަކުން "ފަރުދުން"އަށް ވަނީ މަޢުލޫމާތުދީފައެވެ.
ގޭގައި އަލިފާން ރޯވި ވަގުތަކީ އެއްވެސް މީހަކު ގޭގައި ނެތް ވަގުތެއްކަމުން، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
މި ހާދިސާ ހިނގާފައި ވަނީ، އެ ގޭގެ މީހުން މޫދަށް ދިޔަ ވަގުތެއްގައެވެ. އަދި ގޭގައި އަލިފާން ރޯވެފައިވާކަން އެނގުނީ، ކުރިމަތީގައި ހުރި ގެއިން މީހަކު ގުޅާފައި ބުނުމުންކަމަށް ވެއެވެ.
ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި ދެނެގަނެވިފައި ނުވިނަމަވެސް، ބެލެވޭ ގޮތުގައި މިކަން ހިނގީ ކަރަންޓު މައްސަލައަކާ ގުޅިގެންކަމަށް، އެ ގެއިން ވާހަކަދެއްކި މީހާ ވަނީ ބުނެފައެވެ.
ތިން ކޮޓަރި އާއި ސިޓިން ރޫމެއް ހުންނަ މި ގެއިން، ހާދިސާގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވީ ފުރަތަމަ އަލިފާން ހިފި ކޮޓަރިއަށެވެ. މި ކޮޓަރީގައި ހުރި ހުރިހާ އެއްޗެއް ވަނީ ބޭނުންނުކުރެވޭވަރަށް ހަލާކުވެފައެވެ. އަދި އެހެން ކޮޓަރިތަކުން ވެސް ސަލާމަތް ކުރެވުނީ މަދު އެއްޗެކެވެ.
މި އަލިފާންގަނޑު ނިއްވާލުމުގައި އާންމުން ވަނީ ބޮޑު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ރަށުތެރެއިން ފެން ޕަންޕު ގެނަސް އަލިފާން ނިއްވުމުގެ މަސައްކަތް އާންމުން ކުރިޔަށްގެންދިޔައެވެ. އަދި ރަށު ކައުންސިލްގެ އެދުމުގެ މަތިން، އެ ރަށް ކައިރީގައި އޮންނަ ރަންދެލި ރިޒޯޓުގެ ފަޔަރ ފައިޓަރުންގެ ޓީމެއް ވެސް ވަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ބައިވެރިވެފައެވެ.
ނަމަވެސް އަލިފާން ނިއްވާލެވުނުއިރު، ހޫނާއި ހެދި ބައެއް ފާރުތަކުގައި ރެނދުލުމުގެ ސަބަބުން، ގޭގެ ބައެއް ފާރުތައް ވެސް ވަނީ ވެއްޓިފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.