ދުނިޔެ
ސޫދާނުގެ 20 މިލިއަން މީހުންނަށް އެހީ ބޭނުންވެފައި، ދުނިޔޭގެ އެހީއަށް ގޮވާލައިފި
ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސޫދާންގެ ކުދިންތަކެއް
ސޫދާނުގައި 20 މިލިއަނަށް ވުރެ ގިނަ މީހުންނަށް އިންސާނީ އެހީ ބޭނުންވެފައިވާ ކަމަށް ނޯވޭޖިއަން ރެފިއުޖީ ކައުންސިލް (އެންއާރުސީ) ގެ ސެކްރެޓަރީ ޖެނެރަލް ޔާން އީގްލަންޑް ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވާ ގޮތުގައި ސޫދާނުގެ އުތުރު ދާފޫރު ސަރަހައްދު، ޚާއްސަކޮށް އަލް-ފާޝިރު ސިޓީގެ ވަށައިގެންވާ ހާލަތަކީ "ބިރުވެރި" ހާލަތެކެވެ.
އަލް-ޖަޒީރާ ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި އީގްލަންޑް ވިދަޅުވެފައި ވަނީ، އަލް-ފާޝިރުގައި ހިއުމަން ރައިޓްސްގެ ހައްޤުތަކަށް އަރައިގަނެ، ޤަތުލުއާންމުތަކާއި ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަމަށެވެ. މިސިޓީ ކޮންޓްރޯލްކޮށްފައި ވަނީ ރެޕިޑް ސަޕޯޓް ފޯސަސް (އާރުއެސްއެފް) އިންނެވެ. އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ މީހުންނަށް ސިޓީން ނުނިކުމެވޭ ކަމަށާއި، އެމީހުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށެވެ.
އެންއާރުސީގެ އެހީގެ ޕްރޮގްރާމްތަކުގެ ދަށުން އެކައުންސިލްގެ 48 މުވައްޒަފުން އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދާ ކަމަށާއި، ޚާއްސަކޮށް ޓަވީލާ ސަރަހައްދަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އީގްލަންޑް ހާމަކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ 380،000 ރައްޔިތުންނަށް އެންއާރުސީ އަދި އެހެނިހެން އިންސާނީ ޖަމިއްޔާތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، މީގެ ތެރޭގައި ސޫދާނުގެ ސިވިލް ސޮސައިޓީ ވެސް ހިމެނޭ ކަމަށާއި، އެމީހުން ވަނީ ބަޠަލުން ފަދަ މަސައްކަތެއް ކޮށްފައިވާ ކަމަށެވެ.
އީގްލަންޑް ފާހަގަކުރެއްވި ގޮތުގައި ސޫދާނަކީ ދުނިޔޭގައި މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އިންސާނީ ކާރިސާ ކަމުގައި ވިޔަސް، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފަރާތުން އެކަށީގެންވާ ސަމާލުކަމެއް ނުލިބެއެވެ. އޭނާ ވިދާޅުވީ 10 މިލިއަނަށް ވުރެ ގިނަ މީހުން ހިޖުރަކޮށްފައިވާ ކަމަށާއި، 20 މިލިއަނަށް ވުރެ ގިނަ މީހުންނަށް އެހީތެރިކަން ބޭނުންވެފައިވާ ކަމަށެވެ. މިއީ ވަރަށް ބޮޑަށް އަވަސްކޮށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވާ ކަމެކެވެ.
އީގްލަންޑް ވަނީ ހިޖުރަކޮށްފައިވާ ސޫދާނުގެ ރައްޔިތުންގެ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށް އިންޒާރު ދެއްވާފައެވެ. ޚާއްސަކޮށް ފިނި މޫސުމާ ދިމާވުމުންނެވެ. އޭނާ ވަނީ އެހީތެރިކަން އިތުރުކުރުމަށް ވައުދުވެ، އެހީތެރިކަން އިތުރުކުރުމަށް އެމެރިކާ، ޔޫރަޕް އަދި ގަލްފު ޤައުމުތަކަށް ގޮވާލާފައެވެ. ސަބަބަކީ ގިނަ ބަޔަކު ގެދޮރު ގެއްލި، އާމްދަނީ ހޯދާ މަގުތައް ބަންދުވެފައިވާތީއެވެ.
އަދި އީގްލަންޑް ސޫދާނުގައި ނުފޫޒު ހިންގާ ޤައުމުތަކަށް ގޮވާލާފައި ވަނީ، އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދިނުމަށެވެ. އޭނާ ފާހަގަކުރެއްވީ އެމީހުންނަށް އިތުރު ވަސީލަތްތަކާއި، އެހީ ބޭނުންވާ މީހުންނާ ހަމައަށް ވާސިލްވުމުގެ ފުރުސަތު ބޭނުންވާ ކަމަށެވެ.
އީގްލަންޑް ވިދާޅުވީ ސޫދާނުގައި ނުފޫޒު ހިންގާ ހަތަރު ޤައުމު (އެމެރިކާ، މިޞްރު، ސަޢޫދީ ޢަރަބިއްޔާ އަދި ޔޫއޭއީ) އިން ވަނީ ޞުލްޙައިގެ އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތްކޮށް، އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައިވާ ކަމަށެވެ.
އެކުވެރި ދައުލަތްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ފަރުހާން ހައްޤު ވިދާޅުވި ގޮތުގައި، މިދިޔަ އޮކްޓޯބަރު 26 އިން ފެށިގެން އަލް-ފާޝިރު ސިޓީންނާއި އޭގެ ވަށައިގެންވާ ސަރަހައްދުތަކުން 89،000 މީހުން ވަނީ އުތުރު ދާފޫރު ސްޓޭޓްގެ ޓަވީލާ ސަރަހައްދަށް ހިޖުރަކޮށްފައެވެ. އަދި ސޫދާނުގެ ސަރުކާރުގެ މަސްދަރަކުން ހާމަކޮށްފައިވާ ގޮތުގައި، ދާފޫރާއި ކޯޑޮފާންއިން އުތުރު ސްޓޭޓްގެ އަލް-ދައްބާ ސިޓީއަށް ހިޖުރަކުރި މީހުންގެ އަދަދު ވަނީ 57،000 އަށް އަރާފައެވެ.
މިދިޔަ އޮކްޓޯބަރު 26 ގައި އާރުއެސްއެފްއިން ވަނީ އުތުރު ދާފޫރު ސްޓޭޓްގެ މަރުކަޒު ކަމަށްވާ އަލް-ފާޝިރު ސިޓީ ކޮންޓްރޯލްކޮށް، އެ ސަރަހައްދުގެ ރައްޔިތުންނާ ދެކޮޅަށް ޤަތުލުއާންމު ހިންގާފައިވާ ކަމަށް އެ ސަރަހައްދުގެ އަދި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ބުނެއެވެ. މިކަމުގެ ސަބަބުން ޤައުމު ބައިބަޔަށް ބެހިގެންދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.
ހިޖުރަކޮށްފައިވާ ސޫދާނުގެ މުހާޖިރުންނަށް ދިގުދެމިގެންދިޔަ ހަނގުރާމައިގެ ސަބަބުން ޚަރްޠޫމްގައި ވަރަށް ދަތި އިންސާނީ ހާލަތެއް ކުރިމަތިވެފައިވެއެވެ. ސިފައިންނާއި އާރުއެސްއެފްއާ ދެމެދު ހިނގާ ހަނގުރާމައިގެ ސަބަބުން ގެދޮރާއި މުދާ ގެއްލުނު އާއިލާތައް ދިރިއުޅުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށް ވެއެވެ.